މާލޭ ސިޓީ ކައުންސިލް

ރެޑްވޭވް އަށް ބިން ދިނީ އުސޫލާ އެއްގޮތަށް: ސިޓީ ކައުންސިލް

Mar 4, 2023

ރެޑްވޭވް ކުންފުންޏަށް ވިލިމާލެ އިން ބިމެއް ދޫކުރީ އުސޫލާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ ރެޑްވޭވް ކުންފުންޏަށް ވިލިމާލެ އިން ބިމެއް ދޫކުރީ ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ނުކޮށް އުސޫލާ ހިލާފަށް ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ވިދާޅުވުމާ ގުޅިގެންނެވެ. އަދި ރެޑްވޭވްއާ އެކު އެއްބަސްވުން ހެދީ ކޮން އުސޫލަކުން ކަން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލިމާލެ އިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހެދީ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ހިދުމަތް ދިނުމަށްޓަކައި ވިލިމާލޭގައި ކޮމާޝަލް ބިލްޑިންއެއް އެޅުމަށް ބޭނުންވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު އިއުލާންކުރި ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައެޅީ ކައުންސިލްގެ ބިޑް ކޮމިޓީން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އަދި މި ކޮމާޝަލް ބިލްޑިން އެޅުމަށާއި ވިލިމާލޭގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 09 ފެބުރުއަރީ 2022ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 39 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 23 ފެބުރުއަރީ 2022 ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 23 މާޗް 2022ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 13 އޭޕްރީލް 2022 ގައި ބޭއްވި މި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 48 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ބަހުސްކޮށް، އަދި މިތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައްވެސް ފާސްކޮށް މިކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު ނަހްލާ ހާޒިރުވެ ބަހުސްގައި ބައިވެރިވެ މިކަންކަން ކުރިއަށް ގެންދިއުމަށް ވޯޓުވެސް ދެއްވި ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ ހާޒިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކުރައްވާފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން މި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށްފެންނަ ގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައިވެސް ދަންނަވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.