ލައިފްސްޓައިލް

ނިދާ ގަޑީގައި ކޮޓަރީގެ ދޮރު ލައްޕަންތަ؟

ރޭގަނޑު ނިދަން އޮށޯންނަމުން ބައެއް މީހުން ކޮޓަރީގެ ދޮރު ނުލައްޕާ ބަހައްޓަ އެވެ. ހާއްސަކޮށް ކުޑަކުދިން ތިބޭ މީހުން އެކުދިން ހޭލައިގެން އަތުވެދާނެތީ ނުވަތަ ކުދިން ރުޔަސް ނޭނގިދާނެތީ ކޮޓަރީގެ ދޮރު ނުލައްޕާ ބަހައްޓަ އެވެ. އަނެއް ބަޔަކު ކޮޓަރީގެ ދޮރު ހުޅުވާފައި ބަހައްޓަނީ ތާޒާ ވައި ކޮޓަރިތެރެއަށް ވެއްދުމަށެވެ. އަދި ވައްކަން ކުރަން މީހަކު ވަނަސް ފަސޭހައިން އެމީހަކު އުޅޭ އަޑު އިވޭނީ ދޮރު ކުޑަކޮށް ނަމަވެސް ހުޅުވާފަ ބެހެއްޓީމަ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ.

ނަމަވެސް މީގެ ތެރެއިން އެއްވެސް ކަމަކީ ރޭގަނޑު ނިދަމުން ކޮޓަރީގެ ދޮރު ލައްޕާފައި ބެހެއްޓުމުން އެ ލިބޭ ރައްކާތެރިކަމާ އެއްވަރުގެ ކަމެއް ނޫނެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ނިދާފައި ތިއްބާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވުމުގެ ފުރުސަތު އެންމެ ބޮޑީ ކޮޓަރީގެ ދޮރު ލައްޕައިގެން ތިބޭ މީހުންނަށެވެ. އަދި މިއީ ފަޔާ ސޭފްޓީ ޓިޕްސްގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.

ނިދަމުން ދޮރު ލެއްޕުމަކީ ނުވަތަ ނުލެއްޕުމަކީ ދެން އެހާ ބޮޑު ކަމެއް ހެއްޔޭ ބައެއް މީހުން ހިތަށް އަރާނެ އެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާނުން ސަލާމަތް ވާނެ ފުރުސަތު ލައްޕާފައި ހުންނަ ކޮޓަރިތަކުގައި ތިބޭ މީހުންނަށް ލިބޭލެއް އިތުރުވާނެ އެވެ.

މީގެ 40 ވަރަކަށް އަހަރު ކުރިން ގެއެއްގައި ރޯވެއްޖެނަމަ އެ ގެއެއްގައި ތިބި މީހުންނަށް ސަލާމަތްވާން އެވްރެޖްކޮށް 17 ވަރަކަށް މިނިޓް ލިބެ އެވެ. ނަމަވެސް މިޒަމާނުގައި ގެއެއްގައި ރޯވެއްޖެނަމަ އެ ގޭގައި ތިބޭ މީހުންނަށް އެ ގެއިން ނުކުންނަން ލިބެނީ އެވްރެޖްކޮށް ތިން މިނެޓެވެ. މިއީ ހަގީގަތުގައި ވަރަށް ކުޑަ ކުޑަ ވަގުތުކޮޅެކެވެ. މިހެން ދިމާވަނީ މިޒަމާނުގައި ގޭގޭގައި ހުންނަ ފަރުނީޗަރާއި ދޮރުފޮތި ފަދަ ތަކެތި އަދި އިމާރާތްކުރަން ބޭނުންކޮށްފައި ހުންނަ ސިންތެޓިކް މެޓީރިއަލްސް އަކީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ އެއްޗިއްސަށް ވާތީ އެވެ.

ދާދިފަހުން އެމެރިކާގެ ފަޔާފައިޓާ ސޭފްޓީ ރިސާޗް އިންސްޓިޓީއުޓް (އެފްއެސްއާރް) އިން ޑެމޮންސްޓްރޭޓިން ވީޑިއޯއެއް ޝޫޓް ކޮށްފައި ވެއެވެ. ބަންދުކޮށްފައި ހުންނަ ކޮޓަރިތަކުގައި ތިބޭ މީހުންގެ ފުރާނަ ސަލާމަތްވާ ގޮތުގެ ވީޑިއޯ އެކެވެ. އެމީހުން ކުޑަކުޑަ އިމާރާތެއްގައި އަލިފާން ރޯކޮށްލި އެވެ. އެ އިމާރާތުގެ އެއް ކޮޓަރީގެ ދޮރު ހުޅުވާފައި ބެހެއްޓި އެވެ. އަދި އަނެއް ކޮޓަރީގެ ދޮރު ލައްޕާފައި ބެހެއްޓި އެވެ. ނަތީޖާ ދެއްކީ ވަރަށް ހައިރާންކުރުވަނިވި ގޮތަކަށެވެ.

ހުޅުވާފައި ހުރި ކޮޓަރިއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާން ދަތުރުކޮށް މުޅި ކޮޓަރީގައި ހުޅުހިފި އެވެ. ލައްޕާފައި ހުރި ކޮޓަރީގެ ދޮރާ ހަމައިގައި އަލިފާން ހުރީ ހިފެހެއްޓިފަ އެވެ.

މި ވީޑީއޯ ޝޫޓްކުރިއިރު އެތަން ބަލަން އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު މިކަމުގައި ބައިވެރިކުރި އެވެ. ގެއެއްގައި އަލިފާން ރޯވުމުން ވެދާނެ ގޮތްތައް ލޮލުން ބަލާށެވެ.

އަލިފާން ނިއްވާލުމަށްފަހު މި މީހުން ކައިރީގައި އެމީހުންނަށް ކުރެވުނީ ކޮން ކަހަލަ ތަޖުރިބާއެއްތޯ ސުވާލު ކުރި އެވެ. ކޮންމެ މީހަކުވެސް ބުނީ "ނިދުމުގެ ކުރިން ކޮޓަރީގެ ދޮރު ލައްޕާށޭ" އެވެ.

މީގެ އިތުރަށްވެސް އަލިފާނުގެ ހާދިސާއަކުން ސަލާމަތްވާނެ ބައެއް ޓިޕްސް މި ޓީމުން ބުނެދިނެވެ. މީގެތެރޭގައި ހިމެނެނީ:

  • ގޭގެ ކޮންމެ ބުރިއެއްގައި އަދި ކޮންމެ ކޮޓަރިއެއްގެ އެތެރެއާއި ބޭރުގައި ސްމޯކް އެލާމް ހަރުކުރުން
  • އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވާނެ ގޮތުގެ ޕްލޭނެއް ދުރާލާ ރާވާފައި ބޭއްވުން. މިވެނި ހިސާބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވާން ހަދާނީ މިހެންނޭ އެންމެންނަށް ބުނެދީފައި ބޭއްވުން.
  • ނިދާއިރު ކޮޓަރި ތަކުގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.