މިސްކިތް

މަސްޖިދުލް ހަސަން - ކަސަބްލަންކާ، މޮރޮކޯ

މި ސްކިތުގެ ނަން ލިޔެފައި އޮންނައިރު، مسجد الحسن الثاني -- "ހަސަން ދެވަނަ" އަށް ނިސްބަތްވާ މި މިސްކިތަކީ މޮރޮކޯގެ ހަސަން ރަސްގެފާން ބިނާކުރެއްވި މިސްކިތެވެ.

ބިންގާއެޅީ ޖުލައި 12، 1986 ވަނަ އަހަރު އެވެ. އިމާރާތްކޮށް ނިމުނީ އޯގަސްޓް 30، 1993 ގައެވެ. ހަސަން ރަސްގެފާނަކީ މޮރޮކޯގައި މިހާރު ހުންނެވި ރަސްގެފާން "މުހައްމަދު ހަވަނަ"ގެ ބައްޕަ އެވެ.

މީއީ މިސްކިތެއްގައި ދުނިޔޭގައި ދެވަނައަށް އެންމެ އުސް މުންނާރު ހުންނަ މިސްކިތެވެ. މުންނާރުގެ އުސްމިނަކީ 689 ފޫޓެވެ. މި މިސްކުތުގައި ހުންނަނީ އެންމެ މުންނާރެކެވެ. އަދި އެންމެ ގުއްބެކެވެ.

މަސްޖިދުލް ހަސަން ބިނާކުރެެއްވުމަށް ހަސަން ރަސްގެފާން އަމުރުކުރައްވައި ވަނީ ފަރުދީ ގޮތުންވެސް މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ހާއްސަކޮށް ޑިޒައިންކުރުމުގައި އަރަބި އިސްލާމީ ސިފަތައް ފާޅުވާ ގޮތަށް މިސްކިތުގެ ކުރެހުންތައް ވަނީ އަޅުއްވާފަ އެވެ.

މިސްކިތުގެ ޖާގަ އަކީ 105،000 މީހުންނެވެ. އެތެރޭގައި 25،000 އަދި ގޯތި ތެރޭގައި 80،000 އެވެ. މިސްކިތް ބިނާކުރުމަށް 400-700 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.

މަސްޖިދުލް ހަސަން ބިނާކޮށްފައި ހުންނަނީ އެޓްލާންޓިކް ކަނޑަށްވާ ގޮތަށް އަދި ކަނޑާ ދިމާއަށް ބޭރަށް ނުކުމެފައި ހުންނަ ބިޔަ ފަތާ ގަލެއްގަ އެވެ. ރަށުގެ ރާޅުޖަހާ ފަށުގައި އޮންނަ އައިނުގަނޑެއްހެން ފެތުރިފައި އޮންނަ މި ބިޔަ ގަލަށް -- އިމާރާތްކުރުމުގެ ސަބަބުން ނުރައްކަލެއް ވެދާނެ ކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ހާލަތު ގޯސްނުވާނެ ގޮތް ހަދާފައިވެ އެވެ.

އެހެންކަމުން، ހަގީގަތުގައި މިސްކިތް ބިނާކުރެވިފައިވަނީ އެއްބައި އެއްގަމުގަ އެވެ. އަނެއްބައި ކަނޑުގަ އެވެ. އެހެންނަމަވެސް މިސްކިތުގެ ތަޅުމުގެ ދަށުން ރާޅުޖަހައި އޮއިދެމޭ ތަން ފެންނާނަކަށް ނުހުންނާނެ އެވެ.

ރާޅުޖަހައި އޮއި ދެމުމުގެ ސަބަބުން މިސްކިތުގެ ބަރު ހިފަހައްޓާހާ ވަރު އައިނުގަނޑުގައި ނުހުރެދާނެ ކަމަށް ބަލައި މިސްކިތުގެ ބިންގާ އަޅާފައިވަނީ ވަރަށް ބޮޑަށް ދިރާސާކޮށް އަދި މިސްކިތުގެ ބަރުދަން ހިފަހައްޓާ ވަރު ބިންގަލުގައި ޖެއްސުމަށްފަހު އެވެ.

މަސްޖިދުލް ހަސަންގެ ގޯތިރޭގައި މަދަރުސާއަކާއި ކޮންފަރެންސް ހޯލަކާއި މޮރޮކޯއަށް ހާއްސަ ދާރުލްއަސާރެއް އަދި ވަރަށް ތަނަވަސް ލައިބްރައީއެއް ހުރެ އެވެ.

މި މިސްކިތް ބިނާކުރުމަށް ހަސަން ރަސްގެފާން އަމުރުކުރެއްވި ހިނދު މޮރޮކޯގައި ތިބި ފަންނުވެރިން ޖަމާކުރެވި ޚިޔާލު ބަދަލުކުރެވި މިސްކިތް ހުންނަން ވާނެ ގޮތް އޮޅުންފިލުވައި ދެވުނެވެ. އަދި ރަސްގެފާނުގެ އެދިވަޑައިގެންފައި އޮތް ގޮތަށް މިސްކިތް ބިނާކުރުމަށް މޮރޮކޯއިން ޓީމެއް އެކުލަވާލި އެވެ.

މިސްކިތުގެ މަސައްކަތްތައް ތާވަލަށް ނިންމުމަށް ރެއާއި ދުވާލު ޑިއުޓީ ބަހައިގެން މަސައްކަތްކުރި އެވެ. ދުވާލު ގަޑީގައި 1400 މީހުން އަދި ރޭގަނޑު 1100 ވަނީ ބައިވެރިވެފަ އެވެ. މިސްކިތުގެ ޑިޒައިންތައް ހެދުމަށް 10،000 އާޓިސްޓުންނާއި ފަންނުވެރިން ޚިދުމަތްކުރި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ހަސަން ރަސްގެފާންގެ ވިސްނުމުގައި ހުރީ ވަރަށް ބިޔަ މިސްކިތެއް ހަދާ ގޮތަށެވެ. އެހެން ނަމަވެސް މޮރޮކޯ ކަހަލަ އާދައިގެ ގައުމަކަށް އެއީ ކެތްވާ ވަރުގެ ކަމަކަށް ނުވުމުން މިހާރު ހުރި މިސްކިތުގެ ސައިޒަށް ބަދަލުކުރީ އެވެ.

އެކަމަކު އަދި މިވަރުން ވެސް މިސްކިތަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމުގެ އެހީއަށް ހުޅުވާލި އެވެ. ވިޔަފާރިވެރިން އަދި ސައޫދީ އަރަބިއްޔާ އާއި ކުވޭތުން ވެސް އެހީތެރިވި އެވެ.