އެޗްޑީސީ

ވިނަރެސް ފްލެޓުތަކަށް ޕޮއިންޓް އެއްވަރުވި މީހުން ތަރުތީބުކުރަން ގުރުއަތު ނަގަނީ

Mar 28, 2023

ހުޅުމާލޭގެ ވިނަރެސް ފްލެޓު ގަންނަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެއްވަރަށް ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބު ކަނޑައެޅުމަށް ގުރުއަތު ނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީން ނެރުނު ލިސްޓުގައި އެއްވަރަށް ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބު ކަނޑައެޅުމަށް ގުރުނެގުން ބުދަ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

މި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި މީހުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން ލިސްޓުން އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ދާއިމީ ލިސްޓު ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި ހުށަހަޅާ މީހުންނަށް ދެވަނަ ފަހަރަށް އެޕްލިކޭޝަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެވޭނެ އެވެ.

މި މަރުހަލާ ފުރިހަމަވުމުން ބުކިން ފީ ނެގުމާއި ވިނަރެސް އެޕާމްޓްމަންޓް އިހުތިޔާރު ކުރުން ކުރިއަށް ގެންދާނީ ގުރުނެގުމަށްފަހު ލިސްޓު ތަރުތީބުކޮށް ޝާއިއުކުރެވޭ ލިސްޓާއި އެއްގޮތަށް ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ލިސްޓު ތަރުތީބު ކުރުމަށް ނެގޭ ގުރުއަތުލުން އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ. އަދި ގުރުނެގުން ކުރިއަށްދާ ގޮތް އޮބްސާވްކުރުމަށް ދެ ކެޓެގެރީންވެސް މަދުވެގެން ފަސް މީހަކަށް ދައުވަތު ދެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.