މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައިގައި ބޭނުންކުރަން ފަށަނީ

Apr 5, 2023

މާލޭގެ ސިނާއީ ސަރަހައްދުގައި ހަދާފައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާ، މިއަހަރުގެ ޖުލައި މަހު ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.

މި ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ހެނދުނު ނޫސްވެރިންނަށް ދައްކާލުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ.

މިތަނުގައި ހަދަނީ ވެމްކޯ އިން ކުނި ޖަމާކުރަން ތިންބުރީގެ އިމާރާތަކާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި ވެމްކޯގެ އޮފީސް ހިންގަން ހަދާ އިމާރާތެކެވެ. ދެ އިމާރާތުގައިވެސް މިހާރު ކުރިއަށްދަނީ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ނޫސްވެރިންނަށް މިއަދު މިނިސްޓަރު ޝައުނާ ވިދާޅުވީ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިންމާފައިވީ ނަމަވެސް މަސައްކަތް އެއްކޮށް ނިމޭނީ އެތަނުގައި ވަސީލަތްތައް ގާއިމުކޮށް ނިމުމުން ކަމަށެވެ.

"އުއްމީދު މިކުރަނީ އެންމެ ލަސްވެގެން ވެސް މިއަހަރުގެ ޖުލައިގައި މިތަން ބޭނުންކުރަން،" ޝައުނާ ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އިމާރާތް ބޭނުންކުރަން ފެށުމާއެކު މިހާރު އުޅަނދުތަކުގައި ބަންދު ނުކޮށް ތިލަފުށްޓަށް ގެންދާ ބައެއް ކުނި ކަނޑަށް އެޅޭ މައްސަލަ މުޅިން ހައްލުވެ، ކޮންޓެއިނަރުގައި ކުނި ބަންދުކޮށްގެން ތިލަފުށްޓަށް ގެންދަން ފެށޭނެ ކަމަށެވެ.

"އޭރުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ،" ސިރާޖު ވިދާޅުވި އެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާ ގުޅޭ ތައާރަފެއް

މާލެ، ހުޅުމާލޭ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެެވެ. މިދިޔަ އަހަރުގެ ޖޫން 24 ގައި ހަވާލުކުރި މަޝްރޫއުގެ ދަށުން ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމާއި ތަނަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް އިންސްޓޯލްކުރާނީ ވެސް ސީއެސްސީއީސީންނެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ނަގާ ކުނި ޖަމާކުރާ ތަނެވެ. އެތަނުގައި ކުނި އެކި ބައިތަކަށް ބައިބައި ކުރުން ވެސް ކުރިއަށް ދާނެ އެވެ.

ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ތިލަފުށީގައި ފެށީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ގައެވެ. މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޓީއޭއެސްއެފް އާއި ޖޭއެފްފީއާއާރް އަދި ދިވެހި ސަރުކާރުން 11.8 މިލިއަން ޑޮލަރު -- 183 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ހިންގާ މަޝްރޫއެކެވެ. މިމަޝްރޫއު ފެށުމާ އެކު ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށްފަހު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި، މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރުމާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމުކުރުމާއި މަރާމާތުކުރުން ހިމެނެ އެވެ.

މީގެއިތުރުން ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި ތިލަފުށްޓަށް ގެންދާ ކުނި ކިރައި, ބައިބައި ވަކިކޮށް ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުންވެސް ހިމެނެ އެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާޖީ ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށާއި އޮޕަރޭޓް ކުރުމަށް ސްޕެއިންގެ މަޝްހޫރު އުރްބާސާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފެށުމާ އެކު ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. ސަރުކާރުގެ ދުރު މުސްތަގުބަލްގެ ޕްލޭނަކީ ތިލަފުށީގައި އުފައްދާ ކަރަންޓް މާލޭގެ މައި ކަރަންޓް ވިއުގައަށް ގުޅާލުމެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫއު ފެށުމާއެކު ތިލަފުށީގައި ކުރިން ހުރި ބޮޑެތި ކުނިގޮނޑުތައް އެކީ ހުސްކޮށްލައި އެރަށުގައި ކުނި އަންދާތީ އަރަމުން ދިޔަ ދުންގަނޑުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްފަ އެވެ. ކުނި މެނޭޖްކުރުމުގެ މި މަޝްރޫއު 2023 ވަނަ އަހަރު ނިމުމުން ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.