މިސްކިތް

ސެއިންޓް ޕީޓާސްބާގް މިސްކިތް - ސެއިންޓް ޕީޓާސްބާގް، ރަޝިއާ

މި އީ ކުރީގެ ސޯވިއެޓް ޔޫނިއަން އަދި މިހާރު ރަޝިއާގެ ސިޓީއެއް ކަމަށްވާ ސެއިންޓް ޕީޓާސްބާގްގައި ހުންނަ މިސްކިތެކެވެ. އެހެންކަމުން މި ސީޓީގެ ނަމުން މި މިސްކިތަށް ނަންދެވުނީ އެވެ. މިސްކިތުގެ ނަން މިގޮތަށް އޮތް ނަމަވެސް، މި ސިޓީގައި މިސްކިތެއް ބިނާކުރުމުން މާނަ އަކީ މިސްކިތަކަށް ބޭނުންޖެހިފައި ތިބި މުސްލިމުން މި ސިޓީގައި ތިބުމެވެ.

ސެއިންޓް ޕީޓާސްބާގް މިސްކިތް ހުޅުވީ 1913 ގައެވެ. އެހެންނަމަވެސް މިސްކިތުގެ ޒާތަށް ބޭނުންވާ ހުރިހައި ފުރިހަކަމެއް ގެނެސް ނިމުނީ 1921 ގައި ކަމަށް ލިޔުންތަކުން ދައްކަ އެވެ. މިސްކިތުގެ ބިންގާ އެޅީ 1910 ގައެވެ. ޖާގަ އަކީ 5،000 މީހުންނެވެ. މިއީ ބުނެވޭ ގޮތުގައި މި މިސްކިތް ބިނާކުރިއިރު، ތުރުކީ ފިޔަވައި ޔޫރަޕްގެ ގައުމެއްގައި ހުރި އެންމެ ބޮޑު މިސްކިތެވެ.

މި އަވަށަށް ގޮސް އުޅޭ މީހަކަށް މި މިސްކިތް މާދުރުން ފެންނަ ކަމަށްވެ އެވެ. އެއީ 49 މީޓަރު، ގާތްގަނޑަކަށް 163 ފޫޓަށް އުފުލާފައި ހުންނަ ދެ މުންނާރުގެ ސަބަބުންނެވެ. މިސްކިތުގައި ހުންނަނީ އެންމެ ގުއްބެކެވެ.

ރަޝިއާގެ އާބާދީގައި ގިނައީ ކްރިސްޓިއަނުންނެވެ. އިނގިރޭސި ބްރިޓޭނިކާ އެންސައިކްލޮޕީޑިއާ ބުނާ ގޮތުން މުސްލިމުންގެ އަދަދު އަށް ޕަސެންޓްގެ ގޮތުގައި ލިޔުންތަކުން ދެއްކި ނަަމަވެސް އުޅޭނީ 16 ޕަސެންޓްގަ އެވެ. އެއީ މުސްލިމުންގެ އާބާދީ ބައިބައިވެފައި އޮތްލެއް ބޮޑުކަމުންނެވެ.

ސެއިންޓް ޕީޓާސްބާގްގައި މިސްކިތެއް އެޅުމަށް އޭރު ރަޝިއާގައި ނަގާކިޔައި އުޅުނު މުސްލިމުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

ރަޝިއާ ސަރުކާރަށް ނުފޫޒުފޯރުވާ ކްރިސްޓިއަނުންގެ ދަންނަބޭކަލުންނާ ހެދި ޒަމާންތަކެއް ވަންދެން މަސައްކަަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވެސް އޮތެވެ.

މިސްކިތް ހުޅުވައި ބޭނުންކޮށްކޮށް ހުއްޓައި، 1940 ގައި އެއިރު ސޯވިއެޓް ޔޫނިއަންގެ އިދާރާތަކުން ސެއިންޓް ޕީޓާސްބާގް މިސްކިތް ބަންދުކޮށް ސިއްހީ ފަރުވާދޭ އާލާތްތައް ގުދަންކުރާ ސްޓޯރަކަށް ބަދަލުކުރި އެވެ.

އެހެން ނަމަވެސް، އިންޑޮނީޝިއާގެ ފުރަތަމަ ރައީސް ސުކާނޯ ރަޝިއާއަށް ވަޑައިގެން 1956 ގައި އެ ސިޓީއަށް ކުރެއްވި ޒިޔާރަތެއްގައި މިސްކިތް ހުޅުވަން ހުއްދައަށް އެދިވަޑައިގަތުމުން 10 ދުވަސް ތެރޭގައި ވަނީ ހުއްދަދީ މުސްލިމް ޖަމާއަތާ އެ އިމާރާތް ހަވާލުކޮށްފަ އެވެ.

މުސްލިމުންގެ ބެލުމުގެ ދަށުން 1980 ގައި ސެއިންޓް ޕީޓާސްބާގް މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވަނީ މަރާމާތުކޮށްފަ އެވެ. އަދި އެއަށްފަހު މި މިސްކިތް މުސްލިމުން ނަމާދުކުރާ ބިނާއެއްގެ ގޮތުގައި މިހާރުވެސް އެބަހުއްޓެވެ.

މި މިސްކިތް ބިނާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވީ އުޒްބެކިސްތާންގެ ގަދީމީ ސިޓީއެއް ކަމަށްވާ ބުޚާރާގެ އަމީރު ސައިދު އަބްދުލް އަހަދު އެވެ.