އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ އިންތިހާބު: މިހާތަނަށް 1،097 މީހުން ވޯޓުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 1،097 މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 1،097 މީހުން -- 32.05 ޕަަސަންޓް ވަނީ މެންދުރު 12:00އާ ހަމައަށް ވޯޓުލާފަ އެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ.

މި އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ ނިސްބަތަކީ 67.95 ޕަސަންޓެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:03ގަ އެވެ.

އެމްޑީޕީގެ އިތުރުން އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެ އެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.