އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ ވޯޓުލުން: ވޯޓުލުމުގެ ވަގުތު 5:00 އަށް އިތުރުކޮށްފި

Apr 15, 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި އެވެ.

މިއަދު ހެނދުނު 8:00 އިރު ވޯޓުލުން ފެށީ ހަވީރު 4:00 ޖަހާއިރު ވޯޓުލުން ނިންމާލާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު އިތުރުކުރީ ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 5:00 އަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު

  • ކ. ގުޅި-1 - 615 މީހުން
  • ކ. މާފުށި-1 - 731 މީހުން
  • ކ. މާފުށި-2 - 493 މީހުން
  • ކ. ގުރައިދޫ-1 - 515 މީހުން
  • ކ. ގުރައިދޫ-2 - 618 މީހުން
  • ބައި-އިލެކްޝަން، އަތޮޅު-މާލެ-1 - 451 މީހުން

އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު މި އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީއާއި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

އިންތިހާބުގައި ޖުމްލަ 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއަދު ހަވީރު 4:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 2،672 މީހުންނެވެ.

އިންތިހާބުގައި ވޯޓުލާ ވަގުތު އިތުުރުކުރަން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.