ހަސަން ލަތީފް

އަލިމަނިކު ދޫކޮށްލި ސަބަބު ހޯދަން މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ، އަބްދުﷲ އަލިމަނިކު ކުރިން އެހެން މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާއަށް މައާފުދީ ދޫކޮށްލި ސަބަބު ހާމަކޮށްފައި ނުވާތީ އެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ހަސަންގެ ސިޓީގައި ބުނެފައިވަނީ 2019 ވަނަ އަހަރު އަލިމަނިކު ދޫކޮށްލުމަށްފަހު ކަމާ ގުޅޭ ރިޕޯޓް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަދާފައިވަނީ 2021 ވަނަ އަަހަރު ކަމަށެވެ. އަލިމަނިކު ދޫކޮށްލުމުގައި ސަރުކާރުން އަމަލުކުރި ގޮތް ސާފުކުރުމަށް މަޖިލީހުގެ 241 ކޮމިޓީން ދެ ފަހަރު ރައީސް އޮފީހުގައި އެދުމުން އެއްވެސް ފަހަރަކު ޖަވާބު ދީފައި ނެތް ކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ ރިޔާސަތަށް އެޑްރެސް ކޮށް ހަސަން ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އެ މައުލޫމާތު ހޯދައިދިނުމަށެވެ.

އަލި މަނިކު 2007 ވަނަ އަހަރު އެންމެ ފުރަތަމަ ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލީ އޭނާ އިސްވެ ހުރެ ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގި ހަމަނުޖެހުންތަކުގައި ކުށް ސާތިބުވެގެންނެވެ. އެކަމަކު ކުޑަދުވަސްކޮޅެއް ފަހުން ޖަލުން ފިލައިގެން ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް އަތުލައިގަނެގެން ގެންނަނިކޮށް ނަމާދުކޮށްލަން ދިން ފުރުސަތެއްގައި ކަނޑަަށް ފުންމާލައިގެން ވެސް އަލި މަނިކު ފިލި އެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އޭނާ އަތުލައިގަތީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުން ދަނިކޮށެވެ.

އަލި މަނިކު ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް 2021 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ އޭނާއަށް އިއްވާފައިވާ ހުރިހާ ހުކުމެއް ތަންފީޒުކޮށް ނިމި މިނިވަންވެފައި ހުއްޓަ އެވެ. މިފަހަރު އަލިމަނިކު ހައްޔަރުކުރީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި، 2021 ގައި ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ ޝަރީއަތް ކުރިއަށްދާތީ އަލިމަނިކު މިވަގުތު ޖަލުގަ އެވެ.

މީގެކުރިން އަލިމަނިކަށް އިއްވި ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާ ދޫކޮށްލީ 2019 ވަނަ އަހަރު އެެވެ. އަލިމަނިކުގެ ކުށަށް ލުއިދީ އޭރު އޭނާ ދޫކޮށްލި ސަބަބާ ގުޅޭގޮތުން ރައީސް ސޯލިހް ވަނީ ޖޫން 29، 2021 ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުކޮށް ވާހަކަދައްކަވާފަ އެވެ.