ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުން ނިންމާފަ މިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. މިމައްސަލަ މިދިޔަ ފެބްރުއަރީ މަހު އިސްތިއުނާފް ކުރުމުން ބައެއް ލިޔެކިޔުންތައް އިސްލާހުކޮށްފައި ހުށަހެޅުމަށްވެސް ހައިކޯޓުން މީގެކުރިން އަންގާފައިވެ އެވެ.

ހައިކޯޓުން މިއަދު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމަށް އަންގާފަ އެވެ.

ރައީސް ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. ޖޫރިމަނާގެ މައްސަލަ ވަކިން އިސްތިއުނާފް ކުރުމާ ގުޅިގެން ހައިކޯޓުން ވަނީ ދަށު ކޯޓު މަރުހަލާގައި ގާޒީ ހަދާފައިވާ ގޯހަކާ ގުޅިގެން ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.