ލައިފްސްޓައިލް

އިސްތަށިގަނޑުގައި ކުލަ ޖައްސާ، ފަންކުރާ މީހުނަށް ކެންސަރުގެ ނުރައްކާ!

ސެލޫނަކަށް ގޮސް ބޮލުގައި ހުރި ނުރަތައް ފޮރުވަން ކަޅުކޮށް ހަދާ މީހުން ދެވަނަ ވިސްނުމަކަށް ދާން ޖެހެ އެވެ. ފަހުގެ ދިރާސާއަކަށްފަހު ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި އިސްތަށިގަނޑުގެ ނުރަތައް ފޮރުވުމަށް ބޭނުންކުރާ ޑައި އާއި ފަންކުރަން ބޭނުންކުރާ ޕްރޮޑަކްޓްސްތަކުގެ ތެރެއިން ބައެއް ޕްރޮޑަކްޓްސްގައި ކެންސަރު ޖައްސާ މާއްދާއެއް ހިމެނެ އެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން އިސްތަށިގަނޑު ޑައި ކުރަން ބޭނުންކުރާ ޕްރޮޑަކްޓްސް އާއި ކެންސަރު ޖެހުން އިތުރުވުމާ ގުޅުމެއް ވެއެވެ.

މި ދިރާސާ ފުރަތަމަ ޝާއިއުކުރީ 2019ގެ ޑިސެމްބަރުގަ އެވެ. ދިރާސާކުރުމަށް 46،700 އަންހެނުން ސާވޭކޮށްފައި ވެއެވެ. މިއީ އުމުރުން 35 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ. މި މީހުންގެ ހާލަތު ދެނެގަތުމަށް މި ސާވޭ އަށް އަހަރު ވަންދެން ކުރިއަށް ގެންދިޔަ އެވެ.

މި ދިރާސާގެ ނަތީޖާއިން ހާމަވި ގޮތުގައި އެއްގޮތަކަށްވެސް އިސްތަށިގަނޑު ޑައި ނުކުރާ އަންހެނުންނަށް ވުރެ ގަވާއިދުން ޕާމަނެންޓް ހެއާ ޑައި ބޭނުންކުރި އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ނުވަ ޕަސެންޓަށް އިތުރުވެފައި ވެއެވެ.

އިސްތަށިގަނޑު ފަންކުރަން ބޭނުންކުރާ ޕްރޮޑަކްޓްސްތަކުން ވެސް އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެގެންދާ ކަމަށްވެސް މި ދިރާސާއިން ހާމަވެފައި ވެއެވެ.

އިސްތަށިގަނޑު ފަންކުރާ ޕްރޮޑަކްޓްސް ކޮންމެ ފަސް ހަފުތާ އަކާއި އަށް ހަފުތާ އަކާ ދެމެދުގެ މުއްދަތެއްގައި ބޭނުންކުރާ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުކަމަށް މި ދިރާސާއިން ވަނީ ދައްކާފަ އެވެ.

އިސްތަށިގަނޑު ޑައިކުރަން ބޭނުންކުރާ ޕްރޮޑަކްޓްސްގައި އެންޑޯކްރައިން-ޑިސްރަޕްޓިން ކަމްޕައުންޑްސް އާއި ކާސިނޯޖަންސް (އިންސާނާގެ އެންޑޯކްރައިން ސިސްޓަމް އަށް މައްސަލަތައް ކުރިމަތިކުރުވާ ކެންސަރު ޖައްސާ ކެމިކަލްސް) ހުންނަކަން ވަރަށް ކުރިއްސުރެ އެކިއެކި ދިރާސާތަކުން ދައްކާފައި ވެއެވެ. ނަމަވެސް މިކަން އެހާ ރަނގަޅަށް ދިރާސާކޮށް ބަލައި ރަނގަޅު ނަތީޖާއެއް މިހާތަނަށް ހާމަކުރެވިފައެއް ނެތެވެ. އެންޑޯކްރައިން ސިސްޓަމްގައި ހިމެނޭ ގްލޭންޑްސް ތަކާއި އޯގަންސްތަކުގެ މަސައްކަތަކީ ހޯމޯންސް އުފައްދާ ސީދާ ލޭގެ ތެރެއަށް ދޫކުރުމެވެ.

ނަމަވެސް ސައިންސްވެރިންގެ މިފަހަރުގެ ދިރާސާއިން ހެއާ ޑައި ބޭނުންކުރުމަކީ އުރަމަތީ ކެންސަރުގެ ނުރައްކާ އިންތިހާއަށް އިތުރުވާކަމެއްކަމުގެ ހެކި ވަނީ ފެނިފަ އެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި އިސްތަށިގަނޑު ޑައިކުރާ ސާމާނު ބޭނުންކުރާ ކަޅު ނަސްލުގެ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު 60 ޕަސެންޓަށް ބޮޑުއިރު ދޮން ނަސުލުގެ މީހުންނަށް މި ނުރައްކާ އޮންނަނީ އަށް ޕަސެންޓަށެވެ.

ކަޅު ނަސްލުގެ މީހުންގެ މެދުގައި އިސްތަށިގަނޑު ފަންކުރާ ބާވަތްތައް ބޭނުންކުރުން އިތުރުކުރަން ވެސް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން އެމީހުންނަށް ކެންސަރުގެ ނުރައްކާ މާބޮޑުވެގެން ދެއެވެ.

ދިރާސާގެ ރިޕޯޓުގައިވާ ގޮތުން ކަޅު ނަސްލުގެ އަންހެނުންގެ ތެރެއިން 74 ޕަސެންޓް މީހުން އިސްތަށިގަނޑު ފަންކުރާ ޕްރޮޑަކްޓްސް ބޭނުންކުރެ އެވެ. ދޮން ނަސްލުގެ މީހުންގެ ތެރެއިން މިފަދަ ޕްރޮޑަކްޓްސް ބޭނުންކުރަނީ އެންމެ ތިން ޕަސެންޓް މީހުންނެވެ.

ޖާނަލް އޮފް ދަ ނެޝަނަލް ކެންސާ އިންސްޓިޓިއުޓް އިން 2022ގެ އޮކްޓޯބަރުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ހެއާ-ސްޓްރެއިޓްނިން ކެމިކަލްސް ނުވަތަ ރިލެކްސާ ބޭނުންކުރާ އަންހެނުންނަށް ޔޫޓެރެއިން ކެންސަރު ޖެހުމުގެ ނުރައްކާވެސް ވަރަށް ބޮޑެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ މިކަމަށް އޮތް ހައްލަކީ އިސްތަށިގަނޑުގައި މިފަދަ ޕްރޮޑަކްޓްސް އެއްގޮތަކަށް ވެސް ބޭނުން ނުކުރުމެވެ.

"އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ވަރަށް ގިނަ ފާޑުފާޑުގެ އެއްޗިއްސަށް އަހަރެމެން އެބަ ހުށަހެޅޭ. ނަމަވެސް އުރަމަތީ ކެންސަރު ޖެހެނީ މިފަދަ އެތައް ކަންތައްތަކެއް އެކުވެގެން. ވީމާ މިއީވެސް ނުރައްކަލެއް ކަމަށް ބަލައި މިކަންކަމުން ވެސް ވީވަރަކުން ދުރުހެލިވުން ބުއްދިވެރި ގޮތަކީ،" ދިރާސާ ރިޕޯޓުގައި ވެއެވެ.