ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމާޒަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ ގައުމަކަށް ބަދަލުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުންކުރާ ގައުމަކަށް ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތަފްސީލްތަކެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ 2030 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމުތައް ގާއިމުކުރެވިފައިވާ ކަމަށެވެ. އެމިންވަރަށް އެކަން ހިނގުމުންވެސް ކަރަންޓް އުފެއްދުމުގައި 17 މިލިއަން ލީޓަރުގެ ޑީސަލް އަދި 270 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އަދި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ދަނީ ހިނގަމުން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކަށްވެސް ބައްލަވާލައްވާފަ އެވެ. މިގޮތުން ކުނީގެ މައްސަލަ އާއި، ސިންގަލް ޔޫސް ޕްލާސްޓިކްގެ މައްސަލަ އާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވި އެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމަށާއި ކުނި ނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ގައުމަކަށް ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދިން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒު ކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާ ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރަންޖެހިފައި އޮތް ކަމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުން ކަމަށެވެ. މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީން ފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިޖަލްސާގައި ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު ތިން ވީޑިއޯ ދައްކާލާފަ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަސްވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ 1972 ވަނަ އަހަރު އެވެ. މިއަހަރަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.