އީދު ފާހަގަ ކުރުން

ތުޅާދޫ ވެދުމާދިއުން: އިހްތިރާމުގެ ރީތި އާދަ ފެނިގެންދޭ

ދި ވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ރީތި އާދަކާދަތަކާއި ކުޅިވަރުތަކުގެ ތެރެއިން ވެދުމާ ދިއުމަކީ ޝައުގުވެރިވާ ހަރަކާތްތަކަކާ އެކު ކުރިއަށްދާ ރީތި ކުޅިވަރެކެވެ. އިހްތިރާމު ކުރުމުގެ ރީތި ސިފަ ވަކިން ހާއްސަކޮށް ވެރިންނަށް ކިޔަމަންތެރިވުމުގެ ރީތި ސިފަ ވެދުމާ ދިއުމުގެ ތެރެއިން ފެނިގެންދެ އެވެ.

ބ. ތުޅާދޫގައި ވެދުމާ ދިއުމަކީ އީދު ކުޅިވަރު ފެށުމުގެ ހުއްދައަށް އެދި އީދު ވިލޭރެ ރަށުގެ ކަތީބު، މިހާރުގެ ގޮތުންނަމަ ކައުންސިލްގެ ރައީސްގެ އަރިހަށް ދިއުމާއި ރަސްމީކޮށް ހުއްދައަށް އެދުމެވެ.

ވެދުމާ ދާއިރު މިކުޅިވަރުގައި ބައިވެރިވާ މީހުން ހިނގާފައި ދާނީ ބެރު ދުންމާރީގައި އަދި ދަނޑިޖަހައި ލަވަ ކިޔަމުންނެވެ. ތުޅާދޫގައި މިހަރަކާތުގައި ބައިވެރިވާ މީހުންވެސް ތިބޭނީ ވަކި ގޮތަކަށް ހުންނަ ސަގާފީ ހެދުންތަކެއް އަޅާފަ އެވެ.

ތުޅާދޫގައި ކުޅިވަރުތައް އިންތިޒާމު ކުރާ ޖަމިއްޔާގެއިން ނިކުމެގެން ބޮޑެތި މަގުތަކުން ގޮސް ކައުންސިލް އިދާރާއާ ހަމައަށް ދަނޑިޖަހަމުންދާއިރު މިހަރަކާތް ބަލަން ރަށުގެ ރައްޔިތުން ނިކުމެ މަގުތަކުގައި ތިބެ އެވެ.

ވެދުމާ ދިއުމުގައި ހަރަކާތްތެރިވާ މީހުން ކައުންސިލް އިދާރާއާ ހަމައަށް ގޮސް، އެމީހުން ބޭނުންވާ ހުއްދަތައް ދެއްވުމަށް އެދި ކައުންސިލް ރައީސްއަށް ދެންނެވުމަށްފަހު ހަތްކޮޅުގައި ކައުންސިލްގެ ރައީސް ގެންދާނީ ކުޅިވަރުތައް ކުރިއަށްދާ މައިދާނަށެވެ. ކައުންސިލްގެ ރައީސް ހަތްކޮޅުގައި ކުރިއަށްދާއިރުވެސް ދެ ސަފެއްގައި ތިބެ ދަނޑިޖަހަމުންދާނެ އެވެ. މިއީ މިހާރުގެ ގޮތުންނަމަ "އޮނާގާޑެއް" އެރުވުމެވެ.

މައިދާނަށް ދިއުމަށްފަހު ކައުންސިލްގެ ރައީސްއަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅެއްގައި އިންނެވުމަށްފަހު ކައުންސިލްގެ ރައީސް، އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދެއްވަ އެވެ. އެކަން ކުރުމުގެ ގޮތުން ކައުންސިލްގެ ރައީސް އަތްޕުޅުގައި އޮންނަ ފަތްކޮޅެއް ނަންގަވައި ހުއްދަ ދެއްވުމުގެ އިބާރާތް އިއްވަ އެވެ.

އެގޮތުން ދިވެހި ސަގާފަތަށާއި، ދީނަށް އިހްތިރާމް ކުރުމަށާއި، އެއްބައިވަންތަކަމާއި، އަޚްވަންތަކާއި އަދި އިޖުތިމާއީ ގުޅުންތައް ވަރުގަދަވާ ގޮތަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ރައީސް އެދިވަޑައިގެން ހުއްދަ ދެއްވަ އެވެ. އެހިސާބުން ތުޅާދޫގައި ސަގާފީ ހަރަކާތްތަކާ އެކު އީދު ކުޅިވަރުތައް ރަސްމީކޮށް ފެށިގެން ކުރިއަށްދެ އެވެ.