ހައްޖުގެ އަޅުކަން

ގެއްލުނު ހައްޖުވެރިޔާ ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނަސީމް އަލީ ނިޔާވެއްޖެ އެވެ.

އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިޔާ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާކަން އިސްލާމިކް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މުހައްމަދު ނަސީމު ގެއްލުނީ ހައްޖު މަހުގެ އަށްވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނިކުތް ފަހުންނެވެ.

މުހައްމަދު ނަސީމް ގެއްލުމުން އޭނާ ހޯދުމަށް ދިވެހި ހައްޖު މިޝަނާއި، ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މުހައްމަދު ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދައާ ދިމާލުން ރޭ ދަންވަރު 1:55 ހާއިރު އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދޭ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.