ހަބަރު

އަދީބު ފައިސާ ދިނީ މެޑަމްއަކަށް ނޫން، މެލޭޝިޔާގައި ތިބި ދެ މީހަކަށް މުސާރަ ދޭން: މާނު

Feb 14, 2016
8

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮންމެ މަހަކު ވެސް ފައިސާ ދެއްވަމުން އައީ ޓްރޭޑް ރެޕްރެޒެންޓެޓިވް އިންގެ ގޮތުގައި މެލޭޝިޔާގައި ތިއްބެވި ދެ ބޭފުޅަކަށް މުސާރައިގެ ކަންކަން ހަމަޖެއްސުމަށް ކަމަށް މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫން، މާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ އޮފީހުގެ ހަރަދުތަކަށް ކޮންމެ މަހަކު ވެސް ދޮޅު ލައްކަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް ދޭ ކަމަށާއި އެ ފައިސާއާ މެޑަމްގެ ފަރާތުން ހަވާލު ވަނީ މޯލްޑިވްސް ގޭސްގެ މާނު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން މާނު މިއަދު، "އަވަސް" އަށް ވިދާޅުވީ އަދީބު ކޮންމެ މަހަކު ވެސް އޭނާގެ އަތަށް ފައިސާ ދެއްވަމުން ގެންދެވީ ޓޫރިޒަމްގެ އެކި ކަންކަން ޕްރޮމޯޓް ކުރުމަށް އަދީބުގެ ފަރާތްޕުޅުން މެލޭޝިޔާގައި ތިއްބެވި ދެ ރެޕްރެޒެންޓެޓިވް އެއްގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ. އަދި އަދީބު ހަމަޖެއްސެވި އެ ދެ ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް ދޮޅުލައްކަ ރުފިޔާއަށް ވުރެ ކުޑަ އަދަދެއް ކޮންމެ މަހަކު ވެސް އަދީބު އޭނާއާ ހަވާލު ކުރައްވަނީ، މިނިސްޓްރީގެ ބަޖެޓުން އެބޭފުޅުންގެ މުސާރަ ހަމަޖެހެންދެން އަދީބު އަމިއްލައަށް އެ މުސާރަ ދިނުމަށް އެބޭފުޅާ އަމިއްލަ އަށް ނިންމަވައިގެން ކަމަށް މާނު ވިދާޅުވި އެވެ.

"އަދީބު އަޅުގަނޑަށް ގުޅުއްވާފައި އެއްދުވަހު ވިދާޅުވީ ދެ ރެޕްރެޒެންޓެޓިވް އަކު މެލޭޝިޔާ އިން ހަމަޖައްސަވާ ވާހަކަ. އަދި އެބޭފުޅުންގެ މުސާރަ މިނިސްޓްރީގެ ބަޖެޓުން ހަމަޖެހޭކަށް ނެތޭ. އެހެންވެ އެކަން ހަމަޖެހެންދެން ތިމަންނާ އަމިއްލަ ޖީބުން ދޭ ނަމަ އެ ފައިސާ، މާނުއަތަށޭ އެކަމަށް ވާ ފައިސާ އަޅުގަނޑު ދޭނީ. އެހެން ވިދާޅުވެފައި އަޅުގަނޑާ ކޮންމެ މަހަކު އެ ފައިސާ ހަވާލު ކުރައްވާނެ. ދެން ބައެއް ފަހަރު ޑޮލަރު ވެސް ދެއްވާ. އަނެއްބައި ފަހަރު ރުފިޔާ ދިނީމާ ޑޮލަރު ވެސް ގަނެގެން ވެސް އެ ދެ މީހުންނަށް އަޅުގަނޑު އެ ފައިސާ ރައްދު ކޮށްދެނީ،" މާނު ވިދާޅުވި އެވެ. "މިއީ މެޑަމް އަށް އެއްގޮތަކަށް ވެސް އެނގިގެން ހިނގި މުއާމަލާތެއް ނޫން. މިއީ އަޅުގަނޑާ އަދީބާ ދެމެދު އެއްބަސްވެގެން ލިޔެކިޔުމުން ކުރެވުނު ކަމެއް. މީގެން އެއްވެސް ފައިސާއެއް މެޑަމްގެ އެއްވެސް ކަމަކަށް ނު ވެސް ދާނެ. އެބޭފުޅުންގެ މުސާރަ ދެވޭ ވަރަށް ހަމަޔަށް އަދީބު އެ ފައިސާ ދެއްވަނީ ވެސް،"

މާނު ވިދާޅުވީ އަލީ ވަހީދު އެ ދައްކަވާ ވާހަކައިގެ ދޮގުތައް ކަށަވަރު ކުރެވޭ ވަރަށް ލިޔެކިޔުންތައް އޭނާގެ އަތުގައި އެބަ ހުރި ކަމަށެވެ. އަދި އަދީބުގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އިންގެ ގޮތުގައި މެލޭޝިޔާގައި ތިބޭ ދެ މީހުންނާ އެކު ހެދިފައިވާ ވަޒީފާގެ ކޮންޓްރެކްޓާއި އެ މީހުންނަށް ކޮންމެ މަހަކު މުސާރަ ފޮނުވަން އަދީބާ އެކު ހަދާފައިވާ އެއްބަސްވުމާއި ފައިސާ ޖަމާ ކުރެވުނު ގޮތްތަކުގެ ތަފްސީލީ ލިޔުންތައް އޭނާގެ އަތުގައި އެބަ ހުރި ކަމަށް މާނު ވިދާޅުވި އެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު އެނބުރި ރާއްޖެ އައިސް އެލިޔުންތައް އާންމު ކުރައްވާނެ ކަމަށް ވެސް މާނު ވިދާޅުވި އެވެ.

"މިއީ މިކަން ހިނގި ގޮތަކީ. އަލީ ވަހީދު ކިތަންމެ ވަރަށް ހަގީގަތް އޮޅުވާލަން އުޅުއްވިއަސް އަޅުގަނޑު އަތުގައި ޕްރޫފް އެބަހުރި. ދޮޅު ލައްކަ އަށް ވުރެ މާކުޑަ އަދަދެއް އެއީ. މިކަން އޮޅުވައެއް ނުލެވޭނެ. މެޑަމް އަށް އަދީބު އަތުން ނޫނީ އެސްއޯއެފް އިން ވެސް ފައިސާއެއް ނަގައިގެން ގެނެސްފައެއް ނޯންނާނެ. އެއީ ހަމަ ކަނޑައެޅިގެން ދޮގު،" މާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެ ކަން ހަމަޖެއްސުމުގައި އަދީބާ އެކު ހިންގާފައިވާ ހުރިހާ މުއާމަލާތްތަކެއް ލިޔެކިޔުމުން ފެންނަ ހުންނާނެ ކަމަށެވެ.

މިފަހަކަށް އައިސް އަލީ ވަހީދު އަންނަނީ ސާބިތު ނުހިފޭ ވަރަށް ގިނަ ތުހުމަތުތަކެއް ރައީސް އާއި ރައީސްގެ އަނބިކަބަލުންގެ މައްޗަށް ކުރައްވަމުންނެވެ. އަލީ ވަހީދު މިހާރު ވިދާޅުވާ ގޮތުގައި އަދީބަކީ އިހުލާސްތެރިއެކެވެ.