ޑރ. މުހައްމަދު މުއިއްޒު

1،000 ފަގީރުން ހިލޭ ހައްޖަށް ގެންދާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ގެންގޮސްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވިލް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

މ. މުލަކުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި 1،000 ފަގީރުން ހައްޖަށް ގެންގޮސްދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައިގެންފައެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހައްޖު ކުންފުނި -- ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްފަހު އެ ކުންފުންޏަށް ނަފާ ލިބޭނެ ގޮތްތަކެއް ހޯދައިގެން ހައްޖަށް ދިއުމަށް ކުރާ ހަރަދުވެސް ކުޑަކުރާނެ ކަމަށެވެ

"ފުރަތަމަ އަހަރު ވެސް ހައްޖުގެ އަގު ކުޑަކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ޒަކާތު ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ޒަކާތު ފަންޑު ހަރުދަނާކޮށް، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާނެ ކަމަށްވެސް މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

މަސްވެރިންނަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން އޭ ގްރޭޑްގެ ކަންނެލި ކިލޯއެއް 100 ރުފިޔާ އަށް ގަންނާނެ ގޮތް ހަމަޖައްސައިދިނުމަށާއި މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިކަންވެސް ކުރާނެ ގޮތުގެ އެއްވެސް ތަފްސީލެއް މުއިއްޒު ނުދެއްވަ އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ މ. މުލި ނާލާފުށި ކޯޒްވޭ އަކުން ގުޅާލުމަށްފަހު މީމު އެއާޕޯޓްވެސް ނިންމުން އަވަސްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފަ އެވެ. އަދި މ. އަތޮޅުގެ ރަށްތަކަށް ކޮށްދެއްވާނެ ކަމަށް އެތައް ކަމެއްގެ ލިސްޓެއްވެސް ވިދާޅުވި އެވެ.