އައިޝަތު ނަހުލާ

ހަމަދަށް ފިޔަވަޅުއެޅުމާއެކު ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ އަށް ފިޔަވަޅު އެޅުމާއެކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އޭނާ ބޮޑެތި ތުހުމަތުތަކެއްކޮށްފި އެވެ.

މިނިސްޓަރު ނަހުލާއަށް ހަމަދު ފޮނުއްވި ސިޓީގައި ވަނީ އޭނާގެ މަސައްކަތްތައް ބަދަލުކުރެވުނުކަން އަންގާ ފޮނުވި މެމޯގައިކޮށްފައިވާ ތުހުމަތުތައް އިންކާރުކޮށްފަ އެވެ. މެމޯއަކީ ޒާތީ ކަންކަމެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ މެމޯއެއްކަން ކަށަވަރުކަމާއެކު ސާބިތުކޮށްދެވޭނެ ކަމަށް ހަމަދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހަމަދު ވިދާޅުވި ގޮތުގައި މެމޯގެ އަސްލު ގުޅިފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރެއިން ފޮނުވި މެއިލްތަކަކާ އެވެ.

"އަޅުގަނޑު ކޮށްފައިވާ ތުހުމަތުތައް ބެލުމުގެ ބަދަލުގައި. މިނިސްޓަރުގެ ހައިސިއްޔަތުން އުފުއްލަވަންޖެހޭ ޒިންމާ އަދާކުރެއްވުމެއްނެތި، ގާނޫނާއި ގަވާއިދާއި އުސޫލާ ހިލާފަށްކުރާ ކަންކަމުގެ ވާހަކަ ދައްކާ މީހާ ކަތިލަން އުޅުމަކީ، މިނިސްޓަރުގެ ބައިވެރިވުން ވެސް މިކަމުގައި އޮންނަކަމަށް މީހުން ކުރާ ތުހުމަތަށް އިތުރު ބާރެއް ލިއްބައިދޭ ކަމެއްކަން ފާހަގަކުރަމެވެ." ހަމަދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޑްރައިވިން ސްކޫލަކަށްދިޔަ ބޭރުގެ އަންހެނަކަށް ފުރައްސާރަކުރި މައްސަލައެއް ބެލުމަށް ހުރަސްއަޅާފައިވާ ކަމަށް ހަމަދު ވަނީ ތުހުމަތުކޮށްފަ އެވެ.

ހަމަދު ވިދާޅުވީ މިނިސްޓްރީގައި ހިނގާ ކަންކަން ސަމާލުކަމަށް ގެނައިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިޔަވަޅު އެޅުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.

"މިނިސްޓްރީގައި ހިންގަމުންދާ އަޑިނޭގޭ ކަންތައްތަކެއް މިނިސްޓަރުގެ ސަމާލުކަމަށް ގެނައިތާ މަދު ދުވަސްތަކެއްގެ ތެރޭގައި ތާކުން ތާކު ނުޖެހޭ ސަބަބެއް ދައްކަވައި، މަސައްކަތުން އަޅުގަނޑު އެކަހެރިކުރުމަކީ ހަމަ އިއްތިފާގެކޭ ދެންނެވޭނެ އެއްވެސް ހަމައެއް ނެތް،" ހަމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ވަޒީރެއްގެ މަސްއޫލިއްޔަތު މިނިސްޓަރު ނަހުލާ އުފުއްލަވާފައިނުވާ ކަމަށެވެ. ދައުލަތް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އާންމު ސިޔާސަތުތައް ތަންފީޒުކޮށް ހިނގާނުހިނގާ ގޮތް ބެލުމުގެ ބަދަލުގައި ވާދަވެރި ވަޒީރު އެހެން ޕާޓީއެއްގެ ސިޔާސަތު ކުރިއަރުވައި ރައްޔިތުންނަށް ވިއްކާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.