ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023ގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށާއި މަރުހަބާ ކިޔުމަށް ބީއެމްއެލް އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވަނީ އައިއޯއައިޖީގައި ހޯދި ފަހުރުވެރި ކާމިޔާބަށް އެތުލީޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މިއީ ތިޔަ އެތުލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް. ސްޕޯޓްސް ސްކޮލާޝިޕް އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ކާލް ވިދާޅުވި އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދިޔަ އެވެ.

ސްޕޯޓްސް ސްކޮލާޝިޕަށް ހޮވުނު އެތުލީޓުންގެ ތެރެއިން ހަ އެތުލީޓަކު ވަނީ އައިއޯއައިޖީގައި ދިވެހިރާއްޖެ ތަމްސީލްކޮށްފަ އެވެ.

ސްކޮލާޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

  • މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
  • ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100×4 ރިލޭ (ލޯ މެޑަލް)
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

މަޑަގަސްކަރައިގައި މިއަހަރު ބޭއްވި އައިއޯއައިޖީގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ 28 މެޑަލް ހޯދާފަ އެވެ. ސަރުކާރުން ވެސް ވަނީ މިކާމިޔާބީ ފާހަގަކޮށްފަ އެވެ.