އަދާލަތު ޕާޓީ

ސާބިތުކަމާއެކު މިތިބީ ރައީސް ސޯލިޙާއެކު: އަދާލަތު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް އަދާލަތު ޕާޓީން ތާއީދުކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްކަމުގެ ޔަގީންކަން އެ ޕާޓީން ދީފި އެވެ.

އަދާލަތު ޕާޓީން މި ޔަގީންކަން ދީފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް -- އެމްޑީއޭ އިން ކޯލިޝަން ރޫޅާލައި އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް ނިންމާފައިވަނިކޮށެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގައި ދެމި އޮތް ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާޢީދުކުރުންމަތީ އަދާލަތު ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮތް ވާހަކަ ދަންނަވަން،" އަދާލަތު ޕާޓީން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައީސް ސޯލިހާއި އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއެކުގައި ކުރާނެ ކަމަށްވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރުމަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.