އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ދިވެހިން ފަލަސްތީނާ އެކު: މިއީ ތަފާތު ލޯތްބެއް

ފަ ލަސްތީންގެ މައްސަލައަކީ އަބަދުވެސް ދިވެހިންގެ ހިތްތަކުގައި ހޫނު މައްސަލަ އެކެވެ. ދިވެހިން ދިވެހި ރައްޔިތުން ދެކެ ލޯބިވާ ފަދައިން ފަލަސްތީން ރައްޔިތުން ދެކެ އަބަދުވެސް ލޯބިވެ އެވެ. އެކަން އެނގެނީ ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ދިވެހިންގެ އެހީތެރިކަމަށް ގޮވާލެވޭ ކޮންމެ ހިނދަކު ދިވެހިންގެ ފަރާތުން ފެނިގެންދާ އާދަޔާ ހިލާފު ޖޯޝާއި އެއްބައެއްވަންތަ ހަރަކާތްތަކުގެ ތެރެއިންނެވެ. މިއަދަކީވެސް ދިވެހި ރައްޔިތުން ނިކުމެ ފަލަސްތީނާ އެކު ތިބިކަން ދައްކާލި ދުވަހެވެ.

ދިވެހިން ފަލަސްތީނާ އެކު ތިބިކަން ހާމަކުރަން މިއަދު މުޅި ރާއްޖޭގައި ފެށި ހަރަކާތްތައް އިންތިޒާމު ކުރުމަށް އިސް ނެގީ އިސްލާމީ ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ބައިނަލްއަގްވާމީ ހަރަކާތްތަކެއް ހިންގަމުން ގެންދާ ދިވެހި ޖަމިއްޔާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެވެ.

ފަލަސްތީން ރައްޔިތުން އެ މީހުންގެ މިނިވަންކަމަށް ކުރާ ޖިހާދުގައި ބައިވެރިވުމަށް ދިވެހިން މިއަދު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުރިއަށް ގެންދިޔަ އެންމެ މުހިއްމު އެއް ހަރަކާތަކީ މިއަދު ހަވީރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ކުރިއަށް ގެންދިޔަ ހިނގާލުމާއި ސައިކަލް ބުރުތަކެވެ. މާލޭގައި ކުރިއަށް ދިޔަ މިހަރަކާތުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އަދި ރަށްރަށުންވެސް އާބާދީގެ ބޮޑު ބައެއް މިހިނގާލުމާއި ސައިކަލް ބުރުގައި ބައިވެރިވި އެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރަށްފަހު އެންމެން އެއްވީ އާޓިފިޝަލް ބީޗަށެވެ. އެތަނުގައި ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި އައިއޭސީގެ އިސް ބޭފުޅުންނާއި އިލްމުވެރިން އާންމުންނާ ބައިވެރިވެގެން އަޑުއުފުލި އެވެ. އާޓިފިޝަލް ބީޗުގައި އޮތް އެއްވުން މަޣުރިބް ނަމާދަށް ހުއްޓާލީ ފަލަސްތީން ރައްޔިތުންނަށް ނަސްރު ލިބުން އެދި ކުރި ހާއްސަ ދުއާ އަކުންނެވެ.

ފަލަސްތީނަށް އެހީ ހޯދަން ޓެލެތޯނެއް

ފަލަސްތީންގެ ހަމާސް ޖަމާއަތާއި ހައްދުފަހަނައެޅި އިޒްރޭލާ ދެމެދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ދަނީ މުޅި ގާޒާއަށް އެއްވެސް ގޮތެއް ފޮތެއް ބެލުމެއް ނެތި ބޮން އަޅައި ގާޒާ ބިމާ ހަމަކުރަމުންނެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން ފަލަސްތީންގެ އެތައްހާސް ބަޔަކު ވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފަ އެވެ.

އައިއޭސީ އިން އިންތިޒާމުކޮށްފައިވާ ހަރަކާތްތަކުގައި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ މުހިއްމު ހަރަކާތަކީ ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ޓެލެތޯނެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޓެލެތޯން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ފަލަސްތީނަށް އެހީވުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތަކު ފަންޑު ފޮށި ބެހެއްޓުމުގެ ހަރަކާތް މިއަދު ހުކުރު ނަމާދާ ދިމާކޮށް ވަނީ ފަށާފަ އެވެ. އަދި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ފަންޑު ފޮށި ބެހެއްޓުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ބޭންކްތަކާ ގުޅިގެން އޮންލައިންކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވެ އެވެ.

ފަލަސްތީންގައި މިހާރު ކުރިއަށްދާ ހަމަލާތަކުގެ ފެށުން

ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށްދާ ހަމަލާތައް ފެށުނީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

މިއީ މިފަހުން ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން އެންމެ ވަރުގަދަ އުދުވާނީ ހަމަލާތަކެވެ. ހަމާސްގެ މިހަމަލާތަކާއި ގުޅިގެން އިޒްރޭލު ސަރުކާރަށް ބޮޑު ސިހުމެއް ވަނީ ގެނުވާފަ އެވެ. ހަމާސް ޖަމާއަތުގެ ހަމަލާތަކުގައި އިޒްރޭލުގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ވަނީ އަސީރުންގެ ގޮތުގައި ރަހީނުކޮށްފަ އެވެ.

ހަމާސްގެ ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ބޮޑު ލަދުވެތިކަމެއް ކުރިމަތިވެ ބަދަލު ހިފުމުގެ ހަރަކާތްތައް ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ވަނީ ފަށާފަ އެވެ. ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތަށް ބެލުމެއް ނެތި ޔަހޫދީ ދައުލަތުން ދަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޔަހޫދީން ބުނާ ގޮތުގައި މިއީ މުޅި ގާޒާ ނައްތާލުމަށް ކުުރިއަށް ގެންދާ ހަމަލާތަކެކެވެ. ޔަހޫދީ ދައުލަތުން ގެންދަނީ ގާޒާ އިން ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑާލައި އިންސާނީ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައިވެސް ފަލަސްތީންގެ ހާހަކަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށް 5،000 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާދީފައިވެ އެވެ.