ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ތުރުކީ-ދުބާއީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ ހަރަދުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 3.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުތަކުގެ ތަފުސީލު ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް އެވެ.

ޝަހީބު ވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުގެ ޓިކެޓް ހަރަދާއި ތުރުކީ އަދި ދުބާއީގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރައްވާފަ އެވެ.

ދެ ދަތުރުފުޅުގެ ޓިކެޓް ހަރަދު (މާލެ-ތުރުކީ-ދުބާއީ-މާލެ)

  • ފަސްޓް ކުލާސް - ހަތަރު ޓިކެޓް - 683،229.36 ރުފިޔާ
  • ބިޒްނަސް ކުލާސް - 12 ޓިކެޓް - 1،539،239.82 ރުފިޔާ
  • އިކޮނޮމިކް ކުލާސް - 12 ޓިކެޓް - 232،086.42 ރުފިޔާ

މީގެ އިތުރުން ތުރުކީ ދަތުރުފުޅުގައި 22 ބޭފުޅުންގެ ޕޮކެޓް މަނީއަށް 217،828 ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށާއި އިންސިޑެންޓަލްއަށް 41،548.80 ރުފިޔާ ހަރަދުކުރައްވާފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި ތުރުކީގައި ރައީސްގެ ވަފުދުގެ ބޭފުޅުންނަށް އެކޮމޮޑޭޝަނާއި ފަރިއްކޮޅު އަދި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސައިދިނީ އެ ގައުމުގެ ސަރުކާރުންނެވެ. މީގެ ތެރޭގައި އިސްތަންބުލް-އަންކާރާ-އިންސަންބުލްގެ ފްލައިޓް ދަތުރު ހިމެނޭ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ދުބާއީ ދަތުރުގެ ހަރަދު

  • ޕޮކެޓް މަނީ (19 ބޭފުޅުން) - 182،546 ރުފިޔާ
  • ފަރިއްކޮޅު ހަރަދު (ނުވަ ބޭފުޅުން) - 145،944.76 ރުފިޔާ
  • ދުބާއީގެ ދަތުރުފަތުރު - 75،488.38 ރުފިޔާ
  • އެކޮމޮޑޭޝަން (ނުވަ ބޭފުޅުން) - 168،892.06 ރުފިޔާ
  • ސިމްކާޑު ހަރަދު - 26،412.59 ރުފިޔާ
  • ދުބާއީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރުން - 155،182.21 ރުފިޔާ
  • އިންސިޑެންޓަލް - 20،766.72 ރުފިޔާ

ޝަހީބު ވިދާޅުވި ގޮތުގައި ދުބާއީ ދަތުރުފުޅުގައި ހިމެނޭ 10 ބޭފުޅަކަށް އެކޮމޮޑޭޝަން އާއި ފަރިއްކޮޅު ހަމަޖައްސައިދެއްވީ ޔޫއޭޢީ ސަރުކާރުންނެވެ.