ބޮލީވުޑް

ސަންޖޭ ދަތު މިނިވަންވެއްޖެ

ނަވާރަސަތޭކަ ނުވަ ދިހަ ތިނެއްގައި މުމްބައިގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކުގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު މިނިވަން ވެއްޖެ އެވެ.

އިންޑިއާގެ ޕޫނާގެ ޔަރްވެދާ ޖަލުގައި ހުކުމް ތަންފީޒުކުރި ސަންޖޭ މިނިވަންވެފައިވަނީ މިއަދު ހެނދުނު ހަތެއް ޖެހި އިރު އެވެ. އޭނާ މިނިވަން ކުރުމާއެކު ޖަލު ތެރޭގައި އޭނާ އާއި ދެކޮޅަށް ގައިދީން މުޒާހަރާ ކުރި އެވެ. ޖަލުން މިނިވަންވުމާއެކު ސަންޖޭ ވަނީ އެންމެ ފުރަތަމަވެސް އިނޑިއާގެ ދިދައަށް ސެލިއުޓް ނަގާފަ އެވެ.

ޕޫނާގެ ޔަރްވާދާ ޖަލުން ނުކުމެގެން ޗާޓަރު ފްލައިޓެއްގައި ސަންޖޭ އެނބުރި މުމްބައި އަށް ގޮސް ޕާލީ ހީލްސްގައި ހުންނަ އޭނާގެ ގެއަށް ދިއުމުގެ ކުރިން އޭނާގެ މަންމަ ވަޅުލާފައި އޮންނަ މަހާނައަށް ޒިޔާރަތް ކުރަން ސަންޖޭ ވަނީ ނިންމާފަ އެވެ.

ސަންޖޭ މިނިވަންވީ ފަސް އަހަރު ދުވަހު ޖަލުގައި ހުކުމް ތަންފީޒުކުރުމަށްފަހު ހުކުމަށް ބާކީ އަށްމަސް ދުވަސް އޮއްވާ ލިބުނު މައާފަކާ ގުޅިގެންނެވެ. ބުނެވޭ ގޮތުގައި ސަންޖޭ ދަތު އަވަހަށް މިނިވަން ވަނީ، ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ވޭތުވި ގާތްގަނޑަކަށް ތިން ވަރަކަށް އަހަރުގެ ތެރޭގައި އޭނާގެ އަހުލާގު ރަނގަޅު ކަމުންނެވެ.

ސަންޖޭ އަށް މައާފު ދިނުމާ ދެކޮޅަށް އިއްޔެ ވަނީ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ ޕްރަދީޕް ބާލޭކަރް ވަނީ މުމްބައި ހައިކޯޓަށް، އެހެން ގައިދީންނަށް ނުލިބޭ ޚާއްސަ އިނާޔަތްތައް ދެމުންދާ ކަމަށް ބުނެ ޕީއައިއެލް އެއް ހުށަހަޅާފަ އެވެ.

އެންމެފުރަތަމަ މިމައްސަލައިގެ ކުށް ސާބިތުވެ 2007 ވަނަ އަހަރު ސަންޖޭގެ މައްޗަށް ދަށުކޯޓުން ވަނީ ހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި 18 މަސްދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ފަހުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވަނީ ހައަހަރުގެ ހުކުމް ފަސް އަހަރަށް ބަދަލުކޮށްފަ އެވެ. ކުރިން ޖަލުގައި ސަންޖޭ 18 މަސްދުވަސް ހޭދަކޮށްފައިވާތީ މިހާރު ޖަލުގައި ސަންޖޭ ހޭދަކުރަމުން ދަނީ ހުކުމުގެ ބާކީ އޮތް ތިން އަހަރާއި ހަމަސް ދުވަހު އެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައި ހުރުމަށްފަހު ދެވަނަ ފަހަރަށް ސަންޖޭ ޖަލަށް ގެންގޮސްފައިވަނީ 2013 ވަނަ އަހަރުގެ މޭ މަހު އެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ދުވަސްތަކުގައި އެކި ފަހަރު މަތިން ސަންޖޭ ވަނީ ބަލިވެގެންނާއި އާއިލާ ބައެއް މީހުން ބަލިވެގެން ގިނަ ދުވަސްތަކެއް ޖަލުން ބޭރުގައި ހޭދަކޮށްފަ އެވެ.