އައިޝަތު ނަހުލާ

މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ނަހްލާ ވާދަކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

ސޯޝަލްމީޑިއާގައި ނަހްލާ މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ވާދަކުރައްވާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން،" ނަހްލާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނަހްލާ ނިންމެވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލުހޯދައިދެއްވުމަށް ބޭނުންވާ މުހިއްމު ހިދުމަތްތަކެއް ސަރުކާރާ ގުޅިގެން ގާނުނު ހަދާ މަޖިލީހުގެ ތެެރެއިން ކޮށްދިނުމަށްޓަކައި ކަމަށްވެސް ނަހްލާ ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތްތަކުގައި ނަހްލާ ބައިވެރިވާން ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމް ހައްޔަރުކުރި ހިސާބުންނެވެ. އޭރު ފެށި އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ނަހްލާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން އިސް ދައުރެއް އަދާކުރައްވާފަ އެވެ. އަދި ނިމިދިޔަ ސަރުކާރުގައި އެކަމަނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރުކަން ފަސް އަހަރު ވަންދެންނެވެ.

ޖުމްހޫރީ ޕާޓީން މިއަހަރު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ނައިބް ލީޑަރު ކަމަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ހޮވިވަޑައިގެންނެވީ ވެސް ނަހްލާ އެވެ.