އައިޝަތު ނަހުލާ

ރައީސްގެ އަރިހުގައި ނަހްލާ؟ ކީއްވެ؟

ރަ އީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ރޭ ފުރާވަޑައިގަތުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު އެތަނުގެ ވީއައިޕީ ލައުންޖުގައި އެ ވަގުތު ތިއްބަވާނެ ކަމަށް ބެލެވޭ ހުރިހާ ބޭފުޅުން އެތަނުގައި ތިއްބެވެ. އެގޮތުން ނައިބް ރައީސް އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ތިއްބެވެ.

އެކަމަކު މި ހުރިހާ ބޭފުޅުންގެ ތެރެއިން ކުއްލިއަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެތަނުން ފެނުން ވެގެންދިޔައީ އެތައް ސުވާލެއް އުފެދުނު ކަމަކަށެވެ. ނަހްލާ އެތަނަށް ވަދެވަޑައިގަތީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ރައީސް މުއިއްޒު ފުރުވަން ނަހްލާ ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފެދެ އެވެ. އެތަނަށް ވަޑައިގަތުމަށް ނަހްލާއަށް ސަރުކާރުގެ ރަސްމީ ދައުވަތެއް އޮތްތޯ ސުވާލު އުފެދެ އެވެ. މި ސުވާލުތައް އާންމުންވެސް ހުރީ ކޮށްފަ އެވެ. އާންމުން މި ސުވާލުތައް އުފެއްދީ އެމީހުން ބޭނުން އެއްޗެއް ލިޔެގެން މައުލޫމާތު ފަތުރާ ސޯޝަލްމީޑިއާގައެވެ. އާންމުންނަށް މި ސުވާލުތައް ކުރަން ފުރުސަތު ލިބުނީ ރައީސް މުއިއްޒު ފުރާވަޑައިގެންނެވި ހަބަރާ އެކު ރައީސް އޮފީހުން ހާމަކުރި ބައެއް ފޮޓޯތަކުން ނަހްލާ ފެނުމުންނެވެ.

ނަހްލާ އަކީ ނިމިދިޔަ ފަސް އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅާ އެވެ. ރައީސް ސޯލިހަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުއިއްޒުއާ ވާދަކުރެއްވި ކެންޑިޑޭޓެވެ. އެކަމަކު ނިމިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް ދިޔައިރު ރައީސް ސޯލިހާއި ނަހްލާއާއި ދެމެދު ކުނިޖެހިފައި ހުރި މައްސަލަތަކާ ހެދި ސޯލިހް ކެމްޕޭންގައި ނަހްލާ އެއްވެސް ގޮތަކަށް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ރައީސް މުއިއްޒުގެ ސިޔާސީ ވާދަވެރިޔާގެ ކެބިނެޓްގައި ހުންނެވި ބޭފުޅަކު ކުއްލި ގޮތަކަށް ވީއައިޕީ ލައުންޖު ތެރެއިން ފެނިވަޑައިގަތުމުން ރައީސްއަށް ވެސް ސިހުމެއް ލިބިވަޑައިގަތެވެ. އަދި ނަހްލާގެ އެދިވަޑައިގަތުމަކަށް އެތަނުގެ ތެރެއިން ދެ ބޭފުޅުން ވަކިން ކުޑައިރުކޮޅަކު ބައްދަލުކުރައްވައި ވާހަކަވެސް ދެއްކެވި އެވެ.

ވީއައިއޭގެ ވީއައިޕީ ލައުންޖުގައި ހުންނެވި ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކުރައްވާ އަވަސްއަށް ވިދާޅުވީ ނަހްލާ އެތަނަށް ވަދެވަޑައިގެންނެވި ގޮތެއް އޭނާއަށްވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް އެތަނަށް ނަހްލާއަށް ވަދެވަޑައިގެންނެވޭނީ ދުރާލައި އެކަމަށް އިންތިޒާމެއް ހަމަޖެހިފައި އޮތުމުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދެން އަޅުގަނޑަކަށް ނޭނގޭ އެ އިންތިޒާމު ހަމަޖެއްސީ ކޮން އިރަކު ކިހިނެއް ކަމެއް ދަންނަވާކަށް. އެކަމަކު ހަމަގައިމުވެސް ދުރާލައި ހުއްދައެއް ނުލިބި ވަދެވަޑައިނުގެންނެވޭ އަދި އެއީ ކުރީގެ ވަޒީރަކަށް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

ރައީސްއަށް އަލްވަދާއު ވިދާޅުވުމަށް ވީއައިއޭގައި އަތުރާލާފައި އޮތް ސަފުގެ ގާތްގަނޑަކަށް އެންމެ ފަހަތުން ރައީސް އަށް ނަހްލާ ފެނިވަޑައިގަތުމުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިވަޑައިގެންނެވި ނަމަވެސް އެކަމާ ގުޅޭގޮތުން ރައީސް އެއްވެސް ސުވާލެއް ކުރެއްވި ކަމަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.

ނަހްލާ ރޭ އެއާޕޯޓަށް ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުން ކާކުގެ ދައުވަތަކަކަށްތޯ އެހުމުން ނަހްލާ، ނައިބް ލީޑަރުކަން ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީން ހަމައެކަނި ބުނިހާވެސް އެއްޗަކީ "ނޯ ކޮމެންޓް" ކަމަށެވެ. ނަހްލާއާ ގުޅޭގޮތް ނުވާތީ ނަހްލާގެ ބަހެއް ނުލިބެ އެވެ.

ނަހްލާ ވީއައިއޭގެ ތެރެއިން ރައީސް މުއިއްޒުއާ ބައްދަލުކުރެއްވީ ރަސްމީ ޗެނަލުން މަސައްކަތް ކޮށްގެން ރައީސްއާ ބައްދަލުވާ ގޮތް ނުވެގެން ކަމަށްވެސް ސަރުކާރުގެ ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވެ އެވެ. ނަހްލާގެ ފަރާތުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ އާއި އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމެވުމަކީ ރައީސްއަށް އެހާ ފަސޭހަ ކަމަށް ނުވާތީ ރަސްމީ ގޮތެއްގައި މިވަގުތު ނަހްލާއާ ބައްދަލުކުރެއްވުމަށް ރައީސް ބޭނުން ނުވަނީ ކަމަށްވެސް އިތުބާރު ހުރި ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބެ އެވެ.

"ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށްޓަކައި ނަހްލާގެ ދެތިން ހުށަހެޅުމެއް އުޅޭ ކަމަށް އަޅުގަނޑުވެސް އަޑުއަހާފައި އޮތީ. އެއީ މިސަރުކާރުގައި ސަފީރުކަން ދެއްވުން. ނޫނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކަށަވަރުކުރުމަށްޓަކައި އެކަމަނާ ކުރިމަތިލައްވާ ދާއިރާއަށް ސަރުކާރުން ކެންޑިޑޭޓެއް ނުނެރުން. މި ދެ ހުށަހެޅުމަކީވެސް ސިޔާސީ ގޮތުން ބަލާއިރު ރައީސްއަށް ކޮށްދެވޭނެ ކަމެއް ނޫން ދެއްތޯ؟" ސަރުކާރުގެ އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވި އެވެ.

ނަހްލާއާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިން ދައްކަވާ ބައެއް ވާހަކަތަކުގައި ހަގީގަތެއް ހުރިކަން ހާމަވެ އެވެ. އެއީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ނަހްލާ މިހާރުވެސް އިއުލާންކުރައްވާފައިވާތީ އެވެ. އެ ދާއިރާއަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ބައެއް ކެންޑިޑޭޓުންވެސް ވާދަވެރި ކެމްޕޭނެއްް ކުރަމުން އެބަގެންދެ އެވެ. ކުރީގެ ވަޒީރު ދުންޔާ މައުމޫންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާ އަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަދި ނަހްލާގެ ފިރިކަލުން ގާސިމްގެ އިބްރާހީމްގެ ފައިސާގައި ނަހްލާ އިންތިހާބަށް ނިކުންނެވި ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި އެކަމަނާއަށް ލިބުން އެއްގޮތަކަށްވެސް ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިގެން އެމަނިކުފާނުގެ ރުހުން ހޯއްދަވައިގެން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމުގެ ހަނި ފުރުސަތު ހޯއްދަވަން ނަހްލާ މަސައްކަތް ކުރައްވާކަން އެބަ ޔަގީންވެ އެވެ.

ސިޔާސީ ގޮތުން ބާރުވެރި ބޭފުޅެއްގެ ގޮތުގައި ހުންނެވުމަށް ނަހްލާ ބޭނުންވާކަން އެނގޭ އިތުރު ކަމެއްވެސް ހިނގަމުން އެބަދެ އެވެ. އެގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުކުރެއްވުމަށް ނަހްލާއާއި އާއިލީ ގޮތުން ގުޅިފައިވާ ދެ ބޭފުޅަކު ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަމުން އެބަގެންދަވަ އެވެ. އެއްބޭފުޅަކީ ވ. ކެޔޮދޫ ދާއިރާ އަށް ވާދަކުރައްވާ ނަހްލާގެ ކޮއްކޮ އެކެވެ. އޭނާގެ އަނބިކަނބަލުން ޑރ. ރަޝްނީ މާލޭގެ މާފަންނު މެދު ދާއިރާއަށް އެބަ ވާދަކުރައްވަ އެވެ. މި ދެ ބޭފުޅުންގެ ކެމްޕޭން ފޮޓޯތަކުން ނަހްލާ ފެނިގެންވެސް އެބަދެ އެވެ.

ނަހްލާގެ މިހާރުގެ ހަރަކާތްތައް ހުންނެވި ގޮތާއި ކުރައްސަވަމުން ގެންދަވާ ސިޔާސީ ބޮޑު މަންޒަރަށް ބަލާއިރު ނަހްލާގެ ވިސްނުން ހުންނެވީ ހޯއްދެވުނު ގޮތަކަށް ފުރުސަތު ހޯއްދަވައިގެން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށެވެ. އެކަން ހާސިލްކުރެއްވުމަށް މިވަގުތަށް އެކަމަނާއަށް އެންމެ މުހިއްމު ސިޔާސީ ޝަހްސިއްޔަތަކަށް ވާނީ ރައީސް މުއިއްޒު އެވެ. އެމަނިކުފާގެ އެންޑޯޒްމަންޓެވެ. އެހެންކަމުން ވީއައިއޭގެ ވީއައިޕީ ލައުންޖުން ނަހްލާ ފެނުނު ސަބަބު ސާފުވެގެން އެބަދެ އެވެ. އެކަމަކު ފޮޓޯގަނޑު ޕްރިންޓްވެގެން އަންނައިރު ނަހްލާ އެދިވަޑައިގަންނަވާ ގޮތަށް މަންޒަރު އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.