ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރަން ޗައިނާ ސަރުކާރާ އެކު މަޝްވަރާކޮށްފި

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރަން ޗައިނާ ސަރުކާރާ އެކު މަޝްވަރާކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އުތުރުތިލަފަޅަކީ ދިވެހި ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާ އެކު ކުރިން ތަރައްގީކުރަމުން ދިޔަ ތަނެކެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ގޯތި ދިނުމަށް އުތުރުތިލަފަޅު ހިއްކަން ފަށާފަ އެވެ.

އުތުރުތިލަފަޅުގައި މިސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތެއްގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ޗައިނާއާ އެކު ކުރިއަށް ގެންދެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިމަހުގެ 7 - 13 އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.