ދުނިޔެ

އަހަރެމެން އީރާނަށް ހަމަލާ އެބަ ދެން: ނަތަންޔާހޫ

ހަމާސް އާއި ހޫސީ އަދި ހިޒްބުﷲ ޖަމާއަތަކީ މެދުވެރިން ގޮތުގައި އީރާނުން ބޭނުންކުރާ ހަނގުރާމަވެރި ގުރޫޕަތައް ކަމަށްވާއިރު -- ސީދާ އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި -- އެ ޖަމާއަތްތަކަށް އިޒުރޭލުން ހަމަލާދެނީ ކީއްވެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަޔަންޔާހޫ ޖަވާބުދެއްވައިފި އެވެ.

"އަހަރެމެން އީރާނަށް ހަމަލާ ނުދެޔޭ ބުނީ ކާކުތަ؟" ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ "އީރާނަށްވެސް އަހަރެމެން ހަމަލާ އެބަ ދެން" ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ އީރާނަށް ހަމަލާދިނުމަށް ވާންޖެހޭ ހުރިހާ ތައްޔާރެއް ހުރީ ނިމިފައި ކަމަށެވެ. ނިއުކްލިއާ ބާރަކަށް ވުމަށް އީރާން ދެކޭ ހުވަފެން ދުވަހަކުވެސް ކާމިޔާބު ވިޔަ ނުދެއްވާނެ ކަަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލު ގަބޫލުކުރާ ގޮތުގައި އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމާސްއިން އަރައިގަނެ ހަމަލާދީނީ އީރާންގެ ތާއީދާ އެކު އެވެ.

ހަމާސްއަށް ހަތިޔާރު ފޯރުކޮށްދިނުމާއި ހަނގުރާމަވެރިން ތަމްރީން ކުރުމުގައިވެސް އީރާން ބައިވެރިވާ ކަމަށް ޔަހޫދީން ތުހުމަތުކުރެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލަން ކިތަންމެ ޕްރެޝަރެއް ކުރިމަތިވި ނަމަވެސް މުޅި ޣާއްޒާއަށް އިޒުރޭލުގެ ބާރު ނޯންނަ ގޮތަކަށް އެއްވެސް މާއްދާއަކަށް އެއްބަސްވެ ވަޑައިނުގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށް ހުރިހާ އަނިޔާއެއް އަދި ގޯނާއެއް ކުރަނީ އީރާން އަޑީގައި އޮވެގެން ކަމަށާއި ހަމާސް އަށާއި ހިޒްބުﷲ އަށް ފަންޑުކުރަނީ ސީދާ އީރާނުންކަން ޔަހޫދީ ދައުލަތަށް އެނގޭ ކަމަށެވެ.

އީރާން ބުނާ ގޮތުން އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ދިން ހަމަލާ އަކީ އެ ގައުމާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް ހަމަލާއެއް ނޫނެވެ. އެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ހަތިޔާރާއި ފައިސާ ދީފައި ނުވާނެ ކަމަށްވެސް އީރާން ބުނެ އެވެ.

އީރާން ބޮލުގައި ތުހުމަތުތަކެއް އަޅުވައި އެއީ އީރާނަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ކަމަށް ބަލައި ހަމަލާއެއް ދީފިނަމަ އެ ބަޔަކު އަންދާލާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ. އެއީ އިޒުރޭލު ކަމަށްވި ނަމަވެސް ނުވަތަ އެމެރިކާ ކަމަށްވި ނަމަވެސް އެ ބަޔަކަށް ދިލަ ގަދަ ހަމަލާތެއް ދޭނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ.

އިޒުރޭލަކީ ދުނިޔޭގެ ޗާޓުން ފޮހެލާން ޖެހިފައި އޮތް ދައުލަތެއް ކަމަށް އިރާން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ. އީރާނާ ކުޅެލައިފިނަމަ ދުނިޔޭގެ ޗާޓުގައި އިޒުރޭލު އޮންނާނީ ހުސް ބިމެއް ގޮތުގައި ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.