ވެލެންސިއާ

ވެލެންސީގެ ޗެއާމަންގެ މަގާމުން އަނެއްކާވެސް އަޒްމީން ދުރުކޮށްފި

ވެލެންސިއާގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން އާއި ބޯޑުގައި ހިމެނޭ އިތުރު މެންބަރަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި އެވެ.

ވެލެންސިއާގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނީ އެފްއޭއެމްގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެލެންސިއާގެ ތާއީދު ސިޓީ ދިން ހިސާބުންނެވެ. އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އަހްމަދު ތޯރިގު (ޓޮމް)އަށް ތާއީދު ސިޓީ ވެލެންސިއާގެ ޗެއާމަންގެ ހައިސިއްޔަތުން ދިނީ އަޒްމީން ސޮއި ކުރުމަށްފަހު އެވެ. ތޯރިގުއާ ވާދަކުރަން ފޯމު ހުށަހެޅި ހަމައެކަނި ކެންޑިޑޭޓް ކްލަބް އީގަލްސްގެ ވައިސް ޗެއާމަން -- މުފާވިޒް ހާޝިމް (މުފާ)އަށް ވެލެންސިއާގެ ތާއީދު ސިޓީ ދީފައިވަނީ އެ ކްލަބުގެ ވައިސް ޗެއާމަން އިލްމާއު ހުސައިން (މައު) ސޮއިކުރައްވާފަ އެވެ.

އަޒްމީނާ އެކު ވެލެންސިއާގެ ބޯޑުގައި ތިބި މެންބަރުން ބުނާ ގޮތުގައި މުފާއަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ ސޮއި ފޯޖުކޮށްގެންނެވެ. ބޯޑުގައި ތިބި އަޒްމީނާ ދެކޮޅު މެންބަރުން ބުނާ ގޮތުގައި ވެލެންސިއާގެ ތާއީދު ސިޓީ ތޯރިގުއަށް ދިން ބަޔަކު ދީފައިވަނީ ބޯޑަށް ނޭނގި ސިއްރުންނެވެ. އަދި ތޯރިގުއަށް ތާއީދު ސިޓީ ދިނުމުގައި އަޒްމީން ފައިސާ ނަގާފައިވާ ކަމަށްވެސް ބައެއް މެންބަރުން ތުހުމަތުކުރެ އެވެ.

މުފާއަށް ތާއީދުކޮށްގެން ވެލެންސިއާގެ ބޯޑުގައި ތިބި މެންބަރުން ބުނާ ގޮތުގައި ބޯޑުގެ އަގުލަބިއްޔަތުން ކްލަބްގެ ޗެއާމަންގެ މަގާމުން އަޒްމީން ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް އަޒްމީން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ހަމަޖެހިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ނުވާތީ ވެލެންސިއާގެ ޗެއާމަންގެ މަގާމުން އަޒްމީން ވަކިކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ގަބޫލެއް ނުކުރައްވަ އެވެ.

ކޮމިޝަނަރު ގަބޫލުކުރައްވާ ވެލެންސިއާގެ ހިންގާ ކޮމިޓީ އަކީ މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު އިންތިހާބުކޮށް ޑިސެމްބަރު 26 ވަނަ ދުވަހު ކޮމިޝަނަރު އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުން ހިމެނޭ ކޮމިޓީ އެެވެ.

އެހެންވެ އެފްއޭއެމް ހައުސްގައި ރޭ އަލުން ވަނީ ވެލެންސިއާގެ ބޯޑުން ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އަޒްމީން އާއި ބޯޑު މެންބަރު މުހައްމަދު ރާފިއުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައި އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ދައުވަތު ދީގެން ބޭއްވި މިބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ނައިބު ޗެއާމަން އިލްމާއު ހުސައިން އިބްރާހީމް (މައު) އެވެ. މިބައްދަލުވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ކޮމިޝަނާގެ ފަރާތުންވެސް ބޭފުޅަކު ބައިވެރިވެފައެއް ނުވެ އެވެ. ރޭގެ ބައްދަލުވުމަށް އަޒްމީނާއި ރާފިއުއަށް ވެސް ދައުވަތު ދިން ކަމަށް ވެލެންސިއާގެ ބޯޑު މެންބަރުން ބުނެ އެވެ. އެކަމަކު އަޒްމީންވެސް އަދި ރާފިއުވެސް ރޭގެ ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެ އެވެ.

ވެލެންސިއާގެ ބޯޑުގައި އަޒްމީން އާއި މައު އާއި ރާފިއުގެ އިތުރުން ތިބެނީ ޑިރެކްޓާ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އާއި މެމްބަރުން ކަމަށްވާ މިސްބާހު މުހައްމަދާއި ޔޫސުފް ރަމީޒާއި އަލީ މަމްދޫހްގެ އިތުރުން އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.

ރޭގެ ބައްދަލުވުމުގައި މައު އާއި ހަސަން ވަހީދާއި މިސްބާހު އާއި ޔޫސުފް ރަމީޒާއި އަދި އަލީ މަމްދޫހް ބައިވެރިވެ އެ ބޭފުޅުންގެ ވޯޓުން ވަނީ އަޒްމީން އާއި ރާފިއުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. ކްލަބްގެ ޗެއާމަން ކަމުން އަޒްމީން މީގެކުރިން ދުރުކޮށްފައިވީ ނަމަވެސް ކޮމިޝަނާ އޮފް ސްޕޯޓްސް އެކަން ގަބޫލުނުކުރާތީ ރޭގެ ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮމިޝަނާ ގަބޫލުކުރާ ފަދަ ބައްދަލުވުމަކަށް ރޭގެ ބައްދަލުވުން ހެދުމެވެ. ނަމަވެސް ކޮމިޝަނާ ރޭގެ ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ މިބައްދަލުވުމުގެ ނިންމުންތަކާ މެދު ކޮމިޝަނާ ނިންމަވާނެ ގޮތެއް އަދި ނޭނގެ އެވެ.

އެފްއޭއެމްގެ އިންތިހާބު މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާ އިން ދެ ކެންޑިޑޭޓުންނަށް ދީފައިވާ ތާއީދު ސިޓީ ބަލައިނުގަތުމަށް ނިންމާފަ އެވެ. މިނިންމުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ތޯރިގަށް ވަނީ ގެއްލިފަ އެވެ. އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އެފްއޭއެމްގެ އިންތިހާބާ ގުޅޭ މައްސަލަތައް ފީފާ އާއި އޭއެފްސީއަށް ހުށަހަޅާފަ އެވެ.