ވާހަކަ

މިލްކުވާނެބާ

( 1 ފެބްރުއަރީ 2024 އާ ގުޅޭ )

ލޯ މަތިން މަންޒަރު ބަދަލުވެލި ހެން ހީވުމާއެކު މިޔާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. މީހާ އަރިއަށް ދާހެން ހީވިއިރު ލޯ މަތިން މަންޒަރު އެނބުރޭން ފެށިހެން ހީވި އެވެ. ގޮތެއްވާކަން އޭނާއަށް އެނގުނެވެ. ކާމޭޒުގެ ގޮނޑީގައި ހިފާލަން އަތް އެއްލި ނަމަވެސް އެއަށްވުރެ ކުރީން އޭނާ ތަޅުން މައްޗަށް ވެއްޓިއްޖެ އެވެ.

"ކިހިނެއް އެވީ." ސާދުނާގެ ކަންބޮޑުވުމުގެ އަޑު އިވިގެން ދިޔަ އެވެ. މިޔާގެ ޚަބަރު ހުސްވީ އެހިނދު އެވެ.

* * * * *

ޑަކްޓަރު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިޒީކިއަލް ހުއްޓެވެ. އަދި ޑަކްޓަރު ކޮޓަރިން ނުކުތް ވަގުތު އެ ތަނުގައި ހުރި ނަފީޒާ ވާހަކަދައްކަން ފެށި އެވެ.

"މިޔާ ބަނޑުބޮޑުކަމެއް ދައްތަ ނުދެނަހުރިން. އެހެންނަމަތާ މިޔާއަށް ސަމާލުކަންދޭން އެނގޭނީ." ނަފީޒާ ނިކަން މަޑުމޮޅިކަމާއެކު ބުނެލި އެވެ. މިޔާ ވެއްޓުނީތީ އެކަމާ އޭނާ ދެރަވެ ކަންބޮޑުވެފައިވާކަން ދައްކަން އުޅޭ ކަހަލަ އެވެ. އިޒީކިއަލް ނުރުހިފައި ހުރެދާނޭ ހީވާތީ އެ ފުރުޞަތު ނުދިނުމަށެވެ.

"ނަފީޒާ ގެއަށް ދާންވީނު. މިޔާ ދޫކޮށްލީމާ އަހަރެމެން ދާނަން." އިޒީކިއަލް ބުންޏެވެ.

ނަފީޒާ ލައްބައޭ ބުނެލާފައި ކޮޓަރިން ނުކުމެއްޖެ އެވެ. އެނދު ކައިރީ ހުރި ގޮނޑީގައި އިޒީކިއަލް އައިސް އިށީނެވެ. އެނދުގައި އޮތް މިޔާގެ މޫނަށް އިޒީކިއަލް ބަލަން އިނެވެ. އޭނާ ކަމަކާ ވިސްނާ ކަހަލަ އެވެ. އޭނާގެ ނަޒަރު މިޔާގެ ހިނދިހިނދިކޮށް އޮތް ބަނޑާ ދިމާއަށް ދަތުރުކޮށްލި އެވެ. މަޑުމަޑުން ކަނާއަތްތިލަ އުފުލާލުމާއެކު ގެނެސް މިޔާގެ ބަނޑުމަތީ އިޒީކިއަލް އަތްތިލަ ބާއްވާލި އެވެ. މިޔާގެ ބަނޑުގައި އޭނާ ފިރުމާލި އެވެ. ޑަކްޓަރު އައިސް މިޔާ އިނީ ބަލިވެ ކަމުގެ ޚަބަރު ދިނީއްސުރެ އިޒީކިއަލްއަށް ބަޔާންކުރާން ނޭނގޭ ގޮތެއްވެގެން ދިޔަކަން ޚުދު އޭނާ ދެނަހުއްޓެވެ. މިޔާގެ އައިވީ ގުޅާފައި އޮތް އަތުގައި ފިރުމާލަން އުޅުނު ވަގުތު އަތްތިލަ ނުހަނު ބޮޑަށް ރަތްވެފައި ހުރިތީ އިޒީކިއަލްގެ ސަމާލުކަން އެކަމަށް ދެވުނެވެ. މިޔާއަށް އަނިޔާއެއް ލިބިފައޭ އޭނާގެ ހިތަށް ވަގުތުން އެރި އެވެ. އެހެންނަމަވެސް އެއީ ކިހިނެއްވެފައި ކަމެއް އިޒީކިއަލްއަށް ނަގައިގަންނާކަށް ނޭނގުނެވެ. އެ ވިސްނުމުގައި އޭނާ އިންދާ މިޔާ ކުކުރާލާފަދަ އަޑެއް ލައްވާލުމުން ބަލާލި އެވެ. ދެ ފަރާތަށް ބޯ ހަރަކާތްކޮށްލާފައި މިޔާ ކަނާއަތް ގެނެސް ބޮލުގައި ޖައްސާލި އެވެ. އަދި މަޑުމަޑުން ލޯ ހުޅުވާލައިފި އެވެ.

"އިޒިކް..." އިޒީކިއަލް ފެނުމާއެކު ކުއްލިއަކަށް މިޔާ ތެދުވަން އުޅުނެވެ. ނަމަވެސް އިޒީކިއަލް އޭނާގެ ދެކޮނޑުގައި ނިކަން އަވަހަށް ހިފަހައްޓައި އަލުން ބާއްވާފައި އެވެ.

"ކޮންއިރަކު އައީ؟." މިޔާއަށް ބުނެވުނެވެ.

"މިޔާ ވެއްޓުނީއޭ ނަފީޒާ ބުނީ. އަހަރެން އަންނަންވާއިރަށް މިޔާ ގޮވައިގެން ހޮސްޕިޓަލަށް އައީ އެ މީހުން. އަންނާނަން ނަރުސް ކުއްޖަކަށް ގޮވާލާފައި." އިޒީކިއަލް ބުންޏެވެ.

ޖަވާބެއްގެ ގޮތުން މިޔާ ބޯޖަހާލި އެވެ. އިޒީކިއަލް ނުކުތުމުން މިޔާގެ ނަޒަރު ކޮޓަރިތެރެއަށް ހިންގާލެވުނެވެ. އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގެ ކޮޓަރިއެއްގައިކަން އެތަނުން ފެންނަ ބައެއް ސާމާނުން ވެސް ޔަގީންވި އެވެ. މިޔާއަށް ދެން ވިސްނާލެވުނީ ނަފީޒާއާ މެދު އެވެ. އިޒީކިއަލްއާ ހެދި މިޔާ ހުރީ އެހާ ބޯގޮވާފަ އެވެ. އެ ހާލުގައި ހުއްޓާ ނަފީޒާ ވެސް ބެލީ އޭނާގެ ބޮލަށް އިތުރަށް ތުރާ ދޭށެވެ. ބޮލަށް ފާޑެއްގެ ގޮތެއްވެ ހަށިގަނޑުން ވާގިދިޔައީ މިޔާ ނުވިސްނާ ހުއްޓަ އެވެ. ކަނޑާލި ގަހެއްހެން މިޔާ ވެއްޓުނީ އެއްވެސް ބާރެއް ނެތި އެވެ. ކީއްވެ ވީގޮތެއްކަން ބުނާން މިޔާއަކަށް ނޭނގެ އެވެ. އެހެންނަމަވެސް ސިކުނޑިއާ ސުވާލު ކުރި އެވެ. އޭނާ ނުކައި ހުރުމުން ވީގޮތެއްބާއޭ އަމިއްލަ ނަފްސު ކައިރިން މިޔާއަށް އަހާލެވުނެވެ.

ނަރުސް ކުއްޖަކާއެކު އިޒީކިއަލް ކޮޓަރިއަށް ވަނެވެ. އެ ނަރުސް ކުއްޖާ އައިސް މިޔާގެ "ބީޕީ" ބެލި އެވެ. މިޔާ ކުޑަކޮށް ކޮޅަށް ނަގުވައި ބޯއަނބުރާތޯ ވެސް ނަރުސް ކުއްޖާ އެއްސެވެ. މިޔާ ދެ ފަރާތަށް ބޯހޫރާލީ އެވެ.

"އައިވީ ހުސްވީމަ ދޫކޮށްލާނަން. އަންހެނުންގެ ޑަކްޓަރަށް ދައްކާލީމަ ކުރިޔަށް ދާންވީ ގޮތް އެ ޑަކްޓަރު ކިޔާލަ ދެއްވާނެ." ނަރުސް ކުއްޖާ އިޒީކިއަލްއަށް ބަލަން ހުރެ ބުންޏެވެ. އަދި އައިވީ ހުސްވީމާ ކަށި ނައްޓާލަން އަންނާނަން ކަމުގައި ބުނެ ނަރުސް ކުއްޖާ ނުކުތީ އެވެ.

"ކީކޭ ޑަކްޓަރު ބުނީ. އަންހެނުންގެ ޑަކްޓަރަށް ދައްކަންވީތަ؟." މިޔާ ސުވާލު ކުރި އެވެ.

"މިޔާ ޕްރެގްކަން ނޭނގޭތަ؟." އެނދު ކައިރިއަށް ފިޔަވަޅު އަޅަމުން އިޒީކިއަލް އަހާލި އެވެ.

"އަހަރެން ޕްރެގްތަ؟." މިޔާ ސުވާލުގައިވީ ހައިރާންކަމެވެ. އޭނާއަށް ވެސް އެއީ އާ ޚަބަރެއްކަން ޔަގީނެވެ. މިޔާއަށް ވަގުތުން ބަނޑުގައި ވައަތްތިލަ ގެނެސް ޖައްސާލެވުނެވެ. އޭނާ އެ އިނީ އިޒީކިއަލްގެ ދަރިއަކަށް ބަލިވެކަން ޤަބޫލުނުކުރެވިފައި އިން ކަހަލަ އެވެ.

"އާން. ދެން އުޅެންވާނީ ނިކަން ބަލައިގެން. ތި ބޭބީއަށް ކަމެއްވާކަށް އަހަރެން ނޭދެން. ނުވާނެ އަހަރެން އަންނަން ދެންނޭ ކިޔާފައި ނުކައި ހުރެގެން. ގަޑިން ގަޑިއަށް ބަރާބަރަށް ކައި ހަދަން ޖެހޭނެ. އަހަރެން ނެތަސް މިޔާ ޖެހޭނެ ވަރަށް ބޮޑަށް އަރާމު ކުރަން. ހުރިހާ ވަގުތަކު އަހަރެންނަށް ނުހުރެވުނަސް އަހަރެން ވެސް ބަލާނަން މިޔާ ކައިރީ ވީހާ ވެސް ގިނައެއްކޮށް ހުރެވޭތޯ. އެއްޗެއް ބޭނުންވެއްޖެ ހިނދެއްގައި އަހަރެން ކައިރީ ނެތަސް ފޯނަށް މެސެޖުކޮށްލާ. ބިޒީކޮށް އުޅޭން ޖެހުނަސް މެސެޖަށް ރިޕްލައި ކުރާނަން. މިޔާގެ ކަންކަން ހަމަޖައްސައިދޭނަން." އިޒީކިއަލް ވާހަކަދެއްކި އެވެ.

"އަހަރެން ވަރަށް ހެޕީވާނެ އިޒިކް ތަންކޮޅެއް ގިނައިން އަހަރެންނާއެކީ ޓައިމް ސްޕެންޑް ކުރާނަމަ." މިޔާއަށް ބުނެލެވުނެވެ. ހަމައެއާއެކު ބުނެވުނު އެއްޗެއްގެ ސަބަބުން އިޒީކިއަލް ނުރުހުންވެދާނޭ ހީވެ މިޔާއަށް އިސްޖަހާލެވުނެވެ. އޭނާ އެންމެ ދެރަވާ ސަބަބަކީ އެއީ ވިއްޔާ އެވެ. އިޒީކިއަލްއާ އިނދެގެން ހުއްޓަސް ދެ މީހުން އެކުގައި ހޭދަކުރާ ވަގުތު މަދީ އެވެ. ދެމަފިރިން އެކުގައި ބޭރަށް ނުކުމެލާ އުޅޭން މިޔާ ހުންނަނީ ނުހަނު ބޭނުންވެފަ އެވެ. ކައިވެނީގެ ހަޔާތް މިހާ މާޔޫސްވެދާނޭ މިޔާ ހިޔެއްނުކުރެ އެވެ.

"އައި ވިލް ޓްރައި." މިޔާގެ ކޯތާފަތުގައި ހިފާލައި އިޒީކިއަލްއާ ދިމާއަށް އުފުލާލަމުން އޭނާ ބުންޏެވެ. އެހާވަރުން ވެސް މިޔާގެ ހިތަށް ހަމަޖެހުން ލިބުނުކަން އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ހެކި ދިނެވެ.

"މިޔާގެ ޕްރެގްނެންސީގެ ހުރިހާކަމެއް ބަލަމުން ދާނީ ޑަކްޓަރ އިޒްމީލް. މިރޭ އޭނާގެ ކުލިނިކުގައި އުޅޭނެ. އެހެންވީމަ މިރޭ ގޮސް އޭނާއަށް ދައްކާލާނީ." އިޒީކިއަލް ރާވާފައި އޮތް ގޮތް ހާމަކުރި އެވެ. އިޒީކިއަލް ކައިރީގައި ހުންނާނޭތީވެ މިޔާ އިނީ ފިރިމީހާ އެދުނު ކޮންމެ ކަމަކަށް ރުހުންދޭން ތައްޔާރަށެވެ.

"އަތަށް ކިހިނެއްވީ." މިޔާގެ ރަތްވެފައިވާ އަތްތިލައަށް އިޒީކިއަލް ލޮލުން އިޝާރާތްކޮށްލި އެވެ.

"މީ... ހޮޓްޗޮކްލެޓް ބަންޑުންވީ." މިޔާ ހާމަކުރީ ހަޤީޤަތުގެ އެއްބަ އެވެ. ނަފީޒާގެ ޝަކުވާކޮށް އިޒީކިއަލްގެ މޫޑު ހަރާބުވެދާނޭތީ ނުބުނީ އެވެ. ނަފީޒާމެން ގޮތްދައްކަނީ ހަމައެކަނި އޭނާގެ ކުރިމަތީގައި ވިއްޔާ އެވެ. އިޒީކިއަލްގެ ވާހަކަތަކުން އޭނާ ނަފީޒާ އެގެއަކުން ބޭރެއް ނުކުރާނެކަން މިޔާއަށް ދޭހަވެ އެވެ.

"ތަންކޮޅެއް ބަލާލައިގެން އުޅޭ." އިޒީކިއަލް ބުންޏެވެ.

މެންދުރުފަހު ދެގަޑި ބައިވަންވީއިރު މިޔާ ގެއަށް ފޮނުވާލައިފި އެވެ. ފުރަތަމަ ކަމަކަށް އިޒީކިއަލް ބެލީ މިޔާއަށް ރަނގަޅަށް ކާންދިނުމެވެ. އަދި މިޔާ އިނީ ބަލިވެކަން ގޭތެރޭގައި އުޅޭ ޚާދިމުންނަށް އެންގުމެވެ. ނަފީޒާ ކައިރިން އެދުނީ މިޔާ އެދެފި ކޮންމެ އެއްޗެއް ތައްޔާރުކޮށްދީފައި ބެހެއްޓުމަށެވެ. އޭގެ އިތުރުން ބަލިވެ އިން އަންހެނެއްގެ ސިއްޙަތަށް ފައިދާ ކުރާނޭ ބާވަތްތައް މިޔާގެ ކެއުމަށް ތައްޔާރުކޮށްފައި ބެހެއްޓުމަށެވެ.

މިޔާގެ ހަޔާތުން އަނެއްކާ ވެސް އާ ބާބެއް ފެށުނީ އެވެ. ކައިވެނީގެ ފޮނިމީރުކަން ފުރިހަމައަށް އިޙްސާސް ނުކުރެވިގެން އުޅެނިކޮށް އަނެއްކާ ވެސް މިޔާގެ ދިރިއުޅުން އެހެން ހަރުފަތަކަށް ބަދަލުވީ އާ ތަޖުރިބާތަކެއް ކުރުވަމުންނެވެ. ބަނޑުގައިވަނީ އޭނާއާއި އިޒީކިއަލްގެ ނިޝާނެއްކަން އިޙްސާސް ކުރެވޭ ކޮންމެ ފަހަރަކު މިޔާގެ ހިތާއި ރޫހަށް ވެސް އިންތިހާ އުފާވެރިކަން ލިބިގެންދެ އެވެ. އިޒީކިއަލް ކުރި އުންމީދެއް ފުރިހަމަކޮށްދެވޭތީ މިޔާ އިނީ ނުހަނު ހިތްހަމަޖެހިފަ އެވެ.

* * * * *

ޑަކްޓަރ އިޒްމީލް ސްކޭން ނިންމާލާފައި ތެދުވި އެވެ. މިޔާއަށް ތެދުވަން ފުރުޞަތު ދީފަ އެވެ. އަދި އޭނާގެ ފަހަތުން ފަރުދާ ދަމާލި އެވެ. އިޒީކިއަލްއާއި ޑަކްޓަރ އިޒްމީލް ކުރިމަތިލީ ދެނެވެ.

"އޭނާއަށް އެނގޭތަ؟." އިޒްމީލް ބުނީ ވައިއަޑުން ނިކަން ސިއްރުންނެވެ. އެ މޫނުން ފާޅުވަނީ އިޒީކިއަލްއާ މެދު ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރެވެ.

"އިޒްމީލް ބަލަންޖެހޭ ކަމެއްނޫނެއްނު އެއީ. އަހަރެން ދޭ ވަރު މަދީތަ." އިޒީކިއަލް ވެސް ވާހަކަދެއްކީ ޑަކްޓަރ އިޒްމީލްއެކޭ އެއްފަދައިން ސިއްރުންނެވެ.

"ސްޓިލް... ދިސް އިޒް ރޯންގް." ކުރެވޭނޭ ކަމެއްނެތް ފަދައިން ކަރު އެލުވާލަމުން ޑަކްޓަރ އިޒްމީލް ބުނެލި އެވެ. އޭނާއަށް އިޒީކިއަލްއާ ދެކޮޅަށް އިތުރަށް ދެބަސްވެވެން ނެތީ އެވެ. އިޒީކިއަލް އިއްވާލި ބަސްތަކުގެ ސަބަބުންނެވެ. އެހެންވިޔަސް އިޒީކިއަލްއާ މެދު އޭނާ ހިތްހަމަނުޖެހިފައިވާކަން އެ މޫނުން ސާފުކޮށް ފާޅުވޭވޭ ހުއްޓެވެ. އެ އަސަރުތައް ގިނައިރަކު އެ މޫނުގައި ނުހުއްޓެވެ. ފަރުދާ ކަހާލާފައި ނުކުތް މިޔާ ފެނުމުން ވަގުތުން ޑަކްޓަރ އިޒްމީލްގެ މޫނުމަތި ބަދަލުކޮށްލައިފި އެވެ.

އިޒްމީލް މޭޒުދޮށުގައި އިށީނދެ ކުރިމަތީ ހުރި ދެ ގޮނޑީގައި މިޔާއާއި އިޒީކިއަލް އިށީނުމަށް އެދުނެވެ. ބަނޑުބޮޑު ދުވަސްވަރު އަންހެނާ ކަންކަން ކުރާންޖެހޭނޭ ގޮތް މިޔާއަށް ޑަކްޓަރ އިޒްމީލް ކިޔާދޭން ފެށި އެވެ. ބަރާބަރަށް ޑަކްޓަރަށް ދައްކަންވާނޭ ކަމާއި ސްކޭން ހައްދަން ދެން މިޔާ އަންނަން ޖެހޭނީ ކޮންއިރަކުންކަން އިޒްމީލް ބުންޏެވެ. އޭނާ މިޔާއަށް ބައެއް ވިޓަމިންސްތައް ބޭސް ސިޓީގައި ލިޔެދިނެވެ. އަދި މޭނުބައިކޮށް ގިނައިން ހޮޓުލެވެން ފަށައިފިނަމަ ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ވެސް އިޒްމީލް ކިޔާދިނެވެ. ޑަކްޓަރ އިޒްމީލްއަށް ދެވެން އޮތް ހުރިހާ މަޢުލޫމާތެއް މިޔާއާ ޚިއްޞާ ކުރި އެވެ. އަދި އަމިއްލަ ނަފްސަށް ބަލައިގެން އުޅުމަށް އޭނާ މިޔާއަށް ނަސޭޙަތްތެރިވި އެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. އެނދުގައި ދެމަފިރިން އެކުގައި ތިބީ ނިދަން އަރަ އެވެ. އިޒީކިއަލް އޮތީ ފޯނަށް ގެއްލިފަ އެވެ. އެ ފޯނު ބާއްވާތޯ މިޔާ ވަރަށް އިންތިޒާރު ކޮށްފި އެވެ. އެންމެފަހުން ކެތްނުކުރެވިގެން ފިރިމީހާގެ ގާތަށް މިޔާ ޖެހިލި އެވެ. އިޒީކިއަލްގެ ކަނާތު އަތަށް ދަމާލުމާއެކު އޭނާ މިޔާއަށް ބަލާލައިފި އެވެ. ފިރިމީހާގެ އަތުގައި ބޯއަޅާލަން މިޔާ އުޅުމުން އިޒީކިއަލް ދެކޮޅެއް ނުހެދި އެވެ. އަތް ދަމާލާފައި މިޔާ ބޯ އަޅާލުމުން އިޒީކިއަލްއާ ގާތްކޮށްލައިފި އެވެ. އަދި އޭނާ ފޯނު އެއްފަރާތްކޮށްލައިފި އެވެ.

"އިޒިކް ހެޕީތަ ބޭބީއެއް ލިބެން އުޅޭތީ؟." އިޒީކިއަލްގެ މޭގައި ފިރުމާލަމުން މިޔާ އަހާލި އެވެ.

"އާން." އިޒީކިއަލް ބުނެލި އެވެ. މިޔާއަށް އެ ޖަވާބު ކަމަކުނުދިޔަ އެވެ. އޭނާ އުންމީދުކުރީ އިޒީކިއަލްގެ ފުށުން އުފާވެރިކަމުގެ އިންތިހާ ފާޅުވާނޭ ކަމަށެވެ. ދެން ނިކަން އަވަހަށް މިޔާ އަމިއްލަ ނަފްސަށް ވިސްނައިދީފި އެވެ. އޭނާއަށް ލިބޭ އެންމެ ބޮޑު މާޔޫސީއަކީ އިޒީކިއަލްގެ ފަރާތުން ކުރެވޭ އުންމީދުތަކެވެ. އިޒީކިއަލް ބަދަލުކުރާން އުޅުމަށްވުރެ އަމިއްލަ މީހާ ކަންކަމަށް ހޭނުނިއްޔާ ދިރިއުޅުން ފަސޭހަވާނޭ ކަމުގައި މިޔާއަށް ވިސްނެ އެވެ. ކުރާ އުންމީދުތައް ފުރިހަމަ ނުވުމުން އެ ލިބޭ ހިތްދަތިކަމާއި މާޔޫސްކަމަށް އޮތް ނިމުމަކީ އެއްވެސް ކަމަކަށް އުންމީދު ނުކުރުމެވެ. އެހެންނަމަވެސް އިންސާނީ ޠަބީޢަތް އެކަމަށް ފުރުޞަތެއް ނުދެ އެވެ. އުންމީދު ކުރުމަކީ ނުހުއްޓި ކުރިއަށް ދާން އިންސާނާއަށް ލިބޭ ހިތްވަރެކެވެ.

"ކޮންކަހަލަ ކުއްޖެއް އިޒިކް ބޭނުމީ؟." މިޔާ އަހާލި އެވެ.

"ކޮންމެ ކަހަލަ ވެސް އޯކޭ... ވާހަކަ ދައްކަން އޮންނަންޔާ ނުއެއް ނިދޭނެ. ރަނގަޅަށް ނިދުން މުހިންމު." އިޒީކިއަލް ކުއްލިއަކަށް ވާހަކަ މެދުކަނޑާލީ އެވެ. މިޔާގެ ބޯ ދަށުން އަތް ނަގަމުން އިޒީކިއަލް އެނދުން ތެދުވި އެވެ.

"ކޮންތާކަށް ދަނީ؟." މިޔާއަށް އަހާލެވުނެވެ.

"ތިރިއަށް މިދަނީ. ހިލްމީއާ ވާހަކައެއް ދައްކާލަން. ރީތިކޮށް އޮވެ ނިދާލެވޭތޯ މިޔާ ބަލާ." އިޒީކިއަލް އައިސް އެނދުގެ އަނެއްފަރާތުން މިޔާގެ ކައިރީ ހުއްޓިލި އެވެ. އަދި ތަންމަތީގައި މިޔާ ބާއްވާލައި ގައިމަތިން ރަޖާ ރަނގަޅުކޮށްލަ ދީފައި މިޔާގެ ނިތްކުރީގައި އިޒީކިއަލް ބޮސްދީފި އެވެ.

"ގުޑްނައިޓް." އިޒީކިއަލް ބުނެލި އެވެ.

"ގުޑްނައިޓް." ގަޔާނުވެފައި އޮވެ ވެސް މިޔާ އެކަން ނުދައްކާ ބުނެލި އެވެ.

ކޮޓަރިން އިޒީކިއަލް ނުކުންނަންދެން ލޯ މަރާލައިގެން އޮވެފައި މިޔާ ލޯ ހުޅުވާލި އެވެ. އިޒީކިއަލްގެ ފުށުން މިޔާއަށް އިޙްސާސްވާ ދުރުކަމަކީ އޭނާއަށް ހީވާ ގޮތެއްބާއޭ އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ. އިޒީކިއަލް އެންމެ ބޭނުންވެގެން އުޅުނު ހުވަފެން ސީދާވާން އުޅޭއިރު އޭނާގެ ފުށުން މިޔާ ދުށުމަށް އެދޭ އުފާވެރިކަން ނުފެންނަނީ ކީއްވެކަމެއް މިޔާއަށް ދެނެގަންނާކަށް ނޭނގުނެވެ.

"އަހަރެން މިހެން އުޅެގެން ނުވާނެ. އަހަރެންގެ ވިސްނުން ބަދަލު ކުރަންވެއްޖެ. މިހާރު މުހިންމުވާން ޖެހޭނީ އަހަރެންގެ ބަނޑުގައި މިއޮތް ބޭބީ. އިޒީކިއަލް ވެސް ކަންބޮޑުވޭ ބޭބީއަށް ކަމެއްވެދާނެތީ. މި ބޭބީ އަހަރެމެންގެ ދެމެދުގައި މިވާ ދުރުކަން ގާތްކޮށްދީފާނެ. ބޭބީ ލިބުނީ އަހަރެން ފޫހިވެގެން އުޅޭނޭ ވަގުތެއް ނުވާނެ. އިޒީކިއަލް ކިތަންމެ ބިޒީ ވިޔަސް އަހަރެންގެ ގާތުގައި އަހަރެންގެ ވަގުތުތައް ކުރުކޮށްދޭން ބޭބީ ހުންނާނެ. އާން... މިހާރުއްސުރެ ވިސްނަންވީ ރަނގަޅަށް. ޑިސެޕޮއިންޓްވާ ކަންކަމަށްވުރެ އިޒީކިއަލް އަހަރެންނަށް ކޮށްދޭ ރަނގަޅު ކަންކަމާމެދު ވިސްނާ ހަނދާންކުރުން މުހިންމު." މިޔާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވި އެވެ. އަދި އޭނާ ނިދޭތޯ ލޯ މަރާލައިފި އެވެ.

(ނުނިމޭ)