ވާހަކަ

މިލްކުވާނެބާ

( 12 ފެބްރުއަރީ 2024 އާ ގުޅޭ )

ފާޚާނާ ދޮރުގައި ޖެހިލުމާއެކު އިޒީކިއަލް ފޯނަށް ބަލާލި އެވެ. ދެން އޭނާއަށް ނިތްކުރީގައި ފިރުމާލެވުނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެ ފޯނުކޯލު ނެގި އެވެ.

"ކިހިނެއްވީ ސޫޒީ... ކަމެއް ގޯސްވީތަ؟." އިޒީކިއަލްގެ އަޑުގައި އޯގާތެރިކަމާއި ހާސްކަން ވިއެވެ.

"ސޫޒީ... އެއްޗެކޭ ބުނެބަލަ. ޕްލީޒް ސޫޒަން... ވާހަކަދައްކަބަލަ." ފޯނުން އިވިގެން ދިޔަ ރުއިމުގެ އަޑާއެކު އިޒީކިއަލް ވަކިން ބޮޑަށް ހާސްވެއްޖެ އެވެ. އަދި އޭނާ ވާހަކަދެއްކުމުން ސޫޒަންގެ ރުއިންވީ ގަދަ އެވެ.

"ކޮންތާކު ތިހުރީ؟." ރޮވެމުންދިޔަ ސޫޒަން އަހާލި އެވެ.

"މީ..." އިޒީކިއަލްއަށް ވާހަކަދައްކަން އުނދަގޫވި އެވެ.

"ކޫޕާސް ބީޗުގައި އެހެން އަންހެނުން ގޮވައިގެން ގޮސް މަޖާ ކުރަނީ. އެހެންނޫންތަ؟. އެކަމަކު އަހަރެން ކައިރީ ބުނާނެ ޔޫ އާ މައި އެވްރިތިންގްއޭ... ހަޔާތުގައި ހަމައެކަނި ލޯބިވާނެ މީހަކީ ތީއޭ. ދުވަހަކުވެސް މިވަރަށް އެއްވެސް މީހެއްދެކެ ލޯތްބެއް ނުވެވޭނޭ... އެކަން އެނގިއްޖެ! އެހެން އަންހެނަކާ ޖެހި އަހަރެންގެ މަތިންނާއި ތިވާ ލޯބީގެ މަތިން ހަނދާންނެތުނީނު... ދޯ!. ކީއްވެ އަހަރެން ކައިރިޔަށް ނާދެވުނީ؟. ބުނެބަލަ!... ޖަވާބު ދީބަލަ!." ރިހުމާއި ޝަކުވާގެ އަސަރުގައި ސޫޒަން ބުނެލި ރޮމުންނެވެ.

"ސޫޒީ... އަހަރެން..." އިޒީކިއަލް ވާހަކަދައްކަން މަސައްކަތް ކުރި އެވެ. ނަމަވެސް ސޫޒަން އެ ފުރުޞަތެއް ނުދިނެވެ.

"އިޒީކިއަލް. އައި ހޭޓް ޔޫ." ސޫޒަން މިހެން ބުނުމާއެކު ފޯނުކޯލު ކަނޑާލީ އެވެ.

ކަންފަތާއި ފޯނު ދުރުކޮށްލައި އިޒީކިއަލް ފޯނަށް ބަލާލި އެވެ. ގަޔާނުވުމާއެކު ޗަސް ޖަހާލި އެވެ. ދެބުމަ ގޮށްޖަހާލެވުނުއިރު އޭނާގެ ވައަތްތިލަ މުއްކަވާލައި ބާރުކޮށްލެވުނެވެ. ދެން ފެނުނީ ފާޚާނާގެ މުށި ޖަހާފައިވާ ފާރުގައި އިޒީކިއަލްގެ މުއްކަވާލެވުނު އަތުން ޖެހިތަނެވެ. ވަގުތުން އަތާއި އިނގިލިތައް ގުޅިފައިވާ ހުޅުތަކާއި ދިމާއިން ފަޅައިގެން ގޮސް ލޭ އަންނަން ފެށި އެވެ. ފާރުގައި ވެސް ލޭ ހޭކެމުން ދިޔަ އެވެ. އަތަށް އެވަރުވީއިރު ވެސް އިޒީކިއަލްއަށް ތަދު އިޙްސާސްވީހެނެއް ހިޔެއްނުވެ އެވެ.

"ކިހިނެއް... ކިހިނެއް ބުނާނީ އަހަރެން އުޅުނީ އިޒިކްގެ ފޯނު ބަލާކަށް ނޫނޭ." ޚިޔާލުތަކަށް ގެއްލިފައި ހުރި މިޔާގެ ހިތަށް އަރަމުންދިޔަ އެވެ. އޭނާއަށް ސިހުން ގެނުވީ ފާޚާނާ ތެރެއިން އިވުނު އަޑުފަށްގަނޑުންނެވެ. ހަލުވިކަމާއެކު ފާޚާނާ ކައިރިޔަށް މިޔާ އައެވެ. ދޮރާ ކައިރިވެލައި އޭނާ ވާހަކަދެއްކި އެވެ.

"އިޒިކް. ކޮންއަޑެއް އެ އިވުނީ... އޯކޭތަ ހުރިހާ ކަމެއް." ހާސްކަމާއެކު މިޔާއަށް އަހާލެވުނެވެ. އިޒީކިއަލްގެ ފުށުން ޖަވާބެއް ނައެވެ. އިތުރަށް އަޑެއްބަޑެއް ނީވުމުން މިޔާގެ ކަންބޮޑުވުން އިތުރުވީ އެވެ.

"އިޒިކް... ދޮރުހުޅުބަލަ. އިޒިކް... އިޒިކް." އިޒީކިއަލްއަށް ގޮވަމުން ފާޚާނާގެ ދޮރުގައި މިޔާ ތަޅަންފެށި އެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފާޚާނާގެ ދޮރު ހުޅުވުނެވެ. ދޮރުމަތީ ހުރި މިޔާއަށް އިޒީކިއަލް ބަލާލީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކު އެވެ. ވަގުތުން މޫނު އަނބުރާލާފައި މިޔާގެ ކައިރިން އަޅާފައި ކޮޓަރިތެރެއަށް އިޒީކިއަލް ނުކުތެވެ. އޭނާ ވަގުތުން ތައްޔާރުވާން ފެށި އެވެ. ފިރިމީހާ ނުކުމެގެން ދާންކަން އެ އުޅެނީ އެނގި މިޔާއަށް ބަލަހައްޓައިގެން ނުހުރެވުނެވެ.

"އައި އޭމް ސޮރީ. އެހާވަރަށް މިގޮވީ އިޒިކްއަށް ވީގޮތެއް ނޭނގޭތީ. ކޮންތާކަށް ދާން ތިއުޅެނީ؟. އިޒިކް... ޕްލީޒް ނުދޭ. އިޒިކް ޕްލީޒް... އަހަރެން އުޅުނީ އިޒިކްގެ ފޯނު ބަލާކަށް ނޫނޭ. މަޑުކޮށްބަލަ. އަހަރެންނާ ވާހަކަދައްކަބަލަ. ޤަބޫލުކޮށްބަލަ އަހަރެން މިބުނާ އެއްޗެއް. ޕްލީޒް އަޑުއަހާބަލަ... އިޒިކް ޕްލީޒް... ޕްލީޒް." މިޔާގެ އާދޭހާއެކު އިޒީކިއަލްގެ ބޮލަށް ތުރާވީ އެވެ. އޭނާ ކުއްލިއަކަށް އަތުގައި އޮތް ފޯނު ތަޅުން މައްޗަށް ޖެހި އެވެ. އެއާއެކު އޭނާގެ އައިފޯނުގެ އިސްކުރީނު ދިޔައީ ފުނޑުފުނޑުވެގެންނެވެ. މިޔާގެ ހަރަކާތްތައް ހުއްޓުމާއެކު އަނގަމަތީ އަތް އަޅާލެވުނެވެ. އިތުރަށް ބަހެއް ވެސް ބުނެލާކަށް މިޔާ އަކަށް ނުކެރުނެވެ. އޭނާގެ ދެ ލޯ ފެންކަޅިވާން ފެށި އެވެ. ނަމަވެސް އިޒީކިއަލްގެ ކުޑަ ވެސް ސަމާލުކަމެއް ނުލިބުނެވެ. އިޒީކިއަލް ގަމީހުގެ ގޮށްތައް އަޅުވަމުން ދިޔައިރު އޭނާގެ އަތަށް ލިބިފައިވާ އަނިޔާ މިޔާގެ ލޮލުގައި އަޅައިގަތެވެ. އެތަން ފެނި މިޔާގެ އަނގައިން މަޑު އާހެއް ނުކުތެވެ.

"އަތުން ލޭ އަންނަނީނު." މިޔާއަށް ކެތްނުވެގެން އިޒީކިއަލްގެ ގާތަށް އާދެވުނެވެ. ނަމަވެސް އަތުގައި މިޔާ އަތްލުމުގެ ކުރީން އިޒީކިއަލް ނިކަން އަވަހަށް އެއްފަރާތްވެލީ އެވެ. މިޔާ އަތްލަން ވެސް ޤަބޫލުނޫންކަން އޭނާގެ އެ އިޝާރާތުން ހާމަވި އެވެ.

"އަހަރެން... އިޒިކް އަޑުއަހާބަލަ... އަހަރެން ފޯނު ބަލާލީ އިޒިކް ނިދާފައި އޮތީމަ. އިޒިކްއަށް ގޮވާ ނިދި ހަލާކުކޮށްލަން ބޭނުންނުވީ." މިޔާ އޮޅުންފިލުވައިދޭން މަސައްކަތް ކުރަމުން ދަނިކޮށް އިޒީކިއަލްގެ ނަޒަރު އަމާޒުކޮށްލި އެވެ. އޭރު އޭނާ ތައްޔާރުވެ ނިމިއްޖެ އެވެ. އިޒީކިއަލްގެ ބެލުމުގައިވީ އަސަރުން މިޔާ ބަސްހުއްޓި ހިންދިރުވާލެވުނެވެ. އަލިފާން ކަހަލަ ގަދަ ރުޅިއެއް އިޒީކިއަލް އައިސްފައި ހުއްޓާ މިޔާއަށް ފެނުނީ އަލަށެވެ. އޭނާގެ ދެ ލޮލުން މިޔާ އަންދާ އަޅިއަށް ހަދާލަން ބޭނުންވާފަދަ ބެލުމަކުން ބަލާލާފައި އިޒީކިއަލް ހިނގައިގަތީ އެވެ. ދުރުދުރުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އެޕާޓްމެންޓުން ނުކުންނަން ދިޔަ އިޒީކިއަލްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް މިޔާ އައެވެ.

"ޕްލީޒް އިޒިކް. ނުދޭ... ނުގޮސް އަހަރެންނާ ވާހަކަދައްކަބަލަ." މިޔާގެ އާދޭސް އިޒީކިއަލްގެ ކަންފަތަށް ނީވޭ ފަދަ އެވެ.

ދޮރުން ނުކުމެނުކުމެ ހުރި އިޒީކިއަލްގެ ހިކަނދިމަސްގަނޑުގައި މިޔާ ދެ އަތުން ހިފެހެއްޓި އެވެ. މިޔާގެ އަތް އިޒީކިއަލް ފޮޅުވާލީ ނުހަނު ބާރަށެވެ.

"އަހަރެންނަށް ކުރެވުނީ ކޮންކަމެއް؟. ބުނެބަލަ އިޒިކް... އަހަރެންނަށް ގޯސްކޮށް ކުރެވުނު ކަމެއް ބުނެބަލަ." ރޮވެންފެށި މިޔާ ބުންޏެވެ.

"މިވަގުތު ތި މޫނަށް ބަލާލުމަކީ ވެސް ބޮޑު ވޭނެއް. ހިތަށް އަރާ..." ނުރުހުންތެރި ބެލުމަކުން އެނބުރި މިޔާއަށް ބަލާލަމުން އިޒީކިއަލް ބުންޏެވެ. އަދި އޭނާ ބުނަން ގަސްދުކުރި ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލި އެވެ.

"ކީއްވެ ހުއްޓާލީ... ބުނެބަލަ. ހިތަށް އަރަނީ ކީކޭ... ތިގޮތަށް ނުކުމެގެން ދިއުމުގެ ބަދަލުގައި ތި ހިތަށް އަރާ ގޮތަކަށް އަހަރެންނާމެދު ކަންތައް ކުރާން މަޑުކޮށްބަލަ. އިޒީކިއަލް ހިތަށް އަރާ ކަމެއް އަހަރެންނަށް ކޮށްބަލަ... އެކަމަކު އަހަރެންނާ ދުރަށް ނުދޭ." ރޮމުން ގިސްލަމުން މިޔާ ބުންޏެވެ.

"އަހަރެން މިކަން ނުކުރިނަމަ އަބަދާއަބަދު ސޫޒީއާ ދެބަސްވާކަށް ނުޖެހުނީސް." އިޒީކިއަލްގެ ހިތް ބުނެލި އެވެ. އެއާއެކު އޭނާގެ ރުޅި ވަކިން ގަދަވީ ފަދަ އެވެ. މިޔާގެ ކޮނޑުގައި ދެ އަތުން ހިފައި ދޮރުކައިރި ފާރާ ތަތްކޮށްލި އިރު މިޔާގެ ހަށިގަނޑުން އަޑުކިޔައިގެން ދިޔަ އެވެ. ތަދުވީ ނަމަވެސް މިޔާގެ އަނގައިން އުފް ވެސް ނުނިކުތެވެ. އޭނާއަށް އިޒީކިއަލްއާ ދިމާއަށް ބެލެނީ އެވެ. ހިތުގައިޖެހި ގިސްލެވެނީ އެވެ. ދެ ކޯތާފަތުން ކަރުނައިގެ ކޯރު ދެމި ދަތްދޮޅިން ފައިބަމުން ދެ އެވެ.

"މިއަދާ ހަމައަށް ހުރިހާކަމެއް ދިޔައީ ކިހާ އަމާންކަމާއި އޮމާންކަމާއެކު. ކިހާ އުފާވެރި... އިޒިކް އުޅުނީ ކިހާ ލޯބިން... ދެން ކީއްވެ؟... ކީއްވެ މިހެން މިވަނީ؟." މިޔާގެ ހިތުގައިވި އެވެ. މިހާ ދުވަހު އޭނާއަށް ހުރެވުނީ އިޒީކިއަލް ދައްކަމުންދިޔަ އަވާމެންދުރެއްގައި ޖެހިފައޭ މިޔާއަށް ހީވި އެވެ. އަދި މިހާރު މިޔާގެ ކުރިމަތިން ފެންނަމުން ދަނީ ހަޤީޤީ އިޒީކިއަލްބާއޭ ވެސް އަމިއްލަ ޟަމީރާ ސުވާލު ކުރެވުނެވެ.

"އަހަރެންގެ ކުށަކީ ކޮބާ؟. ތިހާ ރުޅިއެއް އަންނަންޖެހޭވަރުގެ ކޮންކަމެއްތަ އަހަރެންނަށް ކުރެވުނީ؟. އަހަރެމެންނާމެދު އިޒިކް ފަރުވާކުޑަކޮށް ތިގޮތަށް އަނިޔާ ނުދީ އަހަރެމެން މަރާލަބަލަ. އޭރުން އެއްފަހަރުން މިކަންތައް ނިމުނީނު. އެއްހަށިގަނޑުގެ ތެރެއިން ދެ ފުރާނަ ދުއްވާލައިގެން ތި ރުޅި މަޑުވެދާނެތަ؟. ހެޔޮނުވާނެ އިޒިކް." މިޔާގެ އަނގަ އިޒީކިއަލް ކުއްލިއަކަށް ބަންދުކޮށްލި އެވެ. މިޔާގެ ކޮލުގެ ދެ ފަރާތުގައި ހިފައި ފިތައިލަމުންނެވެ.

"އަހަރެން ނުބުނަންތަ ބޭބީއަށް ކަމެއްވެގެން ނުވާނެއޭ. ތިހާ މަރުވަން ބޭނުންވަންޏާ ބޭބީ ލިބުނީމަ އަމިއްލައަށް މަރުވޭ. އަހަރެންނަށް ބޭބީއާ ގުޅުވައިގެން އިންޒާރުދޭން މަސައްކަތް ނުކުރާތި. ނަތީޖާ ވަރަށް ގޯސްވާނެ. މި ބޭބީއަށް ކަމެއްވެއްޖެނަމަ ހަނދާންކުރާތި. މިޔާގެ ދިރިއުޅުން ދުނިޔެމަތީގެ ނަރަކައަށް ވާނެކަން." އިޒީކިއަލް މިހެން ބުނެ މިޔާގެ މޫނު ފޮޅުވާލީ ފޫހިކަމުގެ އަޑަކާއެކު އެވެ.

"ފޯނަށް އައި ކޯލަކާ ހެދިތަ ތިވަރު ތިކުރަނީ." މިޔާގެ ހިތުގައި ޝަކުވާ ވިއެވެ. މޫނުގައި ދެ އަތް އެޅުމާއެކު އެޕާޓްމެންޓް ތެރެއަށް ފެތުރިގެން ދިޔައީ މިޔާގެ ރުއިމުގެ އަޑެވެ.

* * * * *

ބަނަ ވިލާތައް ހަފަރާތުން އައިސް މިޔާގެ ދިރިއުޅުން ބައްދާލައި އަނދިރި ކޮށްލައިފި އެވެ. އެޕާޓްމެންޓުގައި މިޔާ މުޅީން އެކަނިވެއްޖެ އެވެ. އުމުރަށްވުރެ އަވަހަށް މިޔާ ހަރު މީހަކަށް ހެދީ އުޅޭން ޖެހިފައި ދިރިއުޅުމެވެ. ހިތަށް ލިބެމުންދިޔަ ވޭނެވެ. ދަރިއަކު ލިބެން އުޅޭއިރު އެއީ ކުޑަ ޒިންމާއެއް ނޫންކަން މިޔާއަށް އެނގެ އެވެ. ދަރިފުޅު ބަނޑުގައި ފުރަތަމަ ތޮޅެލި ދުވަހު ވެސް ކައިރީގައި އިޒީކިއަލްއެއް ނެތެވެ. ރަހިމުގައި ބޮޑުވަމުން އައި ދަރިފުޅާ ގާތްކަމެއް އުފެއްދުމަށް މިޔާގެ ބަނޑުގައި ފިރުމާލައި ދަރިފުޅާ ވާހަކައެއް ދައްކާލާފައި އިޒީކިއަލް ނެތެވެ. އިޒީކިއަލް ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އެކަމުގެ ބަދަލު ބަނޑުގައިވާ މައުސޫމް ދަރިފުޅުގެ ކިބައިން ހިފާނޭހާ ރަޙުމެއްނެތް މީހަކަށް މިޔާ ނުވެ އެވެ. ދަރިފުޅު ލޮލަށް ނުފެނުނަސް މިހާރު ވެސް މިޔާ މަންމައަކަށް ވެއްޖެ އެވެ. މައިވަންތަ ކަމުގެ އިޙްސާސާއި ޖަޒުބާތު އޭނާގެ ކިބައިގައި އަށެގެންފައި ވެއެވެ.

އިޒީކިއަލް އުޅެނީ ކިހިނެއް ކަމެއް މިޔާއަކަށް ނޭނގެ އެވެ. ކައިބޮއެ ހަދަނީ ކިހިނެއް ކަމެއް އަދި ނިދަނީ ކޮންތާކު ކަމެއް މިޔާއަކަށް ނޭނގެ އެވެ. ހަފްތާއަކު އެއް ފަހަރު މިޔާ ހުންނަ އެޕާޓްމެންޓަށް އިޒީކިއަލް އައިސް ވަދެލަ އެވެ. އެވެސް އޭނާގެ އަމިއްލަ އެދުން މިޔާގެ ފުށުން ހާސިލު ކުރުމަށެވެ. އެނޫން ބޭނުމެއް މިޔާގެ ނެތް ފަދަ އެވެ. ފިރިމީހާގެ ހަނދާންވެ އަޑުއަހާލާ ހިތުން މިޔާ ގުޅިޔަސް އިޒީކިއަލް ފޯނެއް ނުނަގާނެ އެވެ. ކޯލި ބިޒީކޮށްލާފައި ރައްދުގައި އޭނާ މެސެޖު ކުރަނީ މިޔާ ބޭނުންވާ ކަމެއް އޮތިއްޔާ ހިލްމީ ކައިރީ ބުނުމަށެވެ. ހިލްމީ ގެނައީ އިޒީކިއަލްގެ ބަދަލުގައި މިޔާގެ ކަންކަން ބެލުމަށްކަން މިހާރު ޚުދު މިޔާއަށް ވެސް ޔަގީން ކުރެވޭވަރު ވެއްޖެ އެވެ. މާބަނޑު އަންހެނަކު އެކަނި ނުބެހެއްޓޭނޭކަން އިޒީކިއަލްއަށް އެނގޭތީ ކަންނޭނގެ އެވެ. އަދި ހިލްމީ ފިރިހެނަކަށްވެ ހުރެ މިޔާއާ ގާތްވާން ދަތިވާނޭތީ ސައުވީސްގަޑިއިރު މިޔާގެ ކަންކަން ގާތުން ބެލެހެއްޓުމަށް "މެއިޑެއް" އިޒީކިއަލް ވަނީ ގެނެސްފަ އެވެ. މިޔާއަށް ކާން ތައްޔާރު ކުރުމާއި ގަޑިން ގަޑިއަށް ނަގާ ވިޓަމިންސްތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ އެ މައިޑާ އެވެ.

އަށް މަހުގެ ބަނޑާއެކު މޫދާ ދިމާއަށް ބަލަހައްޓައިގެން މިޔާ ހުއްޓެވެ. އެ މޫނުގެ ތާޒާކަމާއި ލޮލުގައިވާ ދިރުން ފަނޑުވެއްޖެ އެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ދުވަސް މާޒީއާ އެކުވެ ހިނިތުންވާން މިޔާ ހަނދާން ނެތިފައިވާ ކަހަލަ އެވެ. ހުއްޓިލައިގެން ހުރި އަތިރިމައްޗަކީ މިވަގުތު މިޔާ ހުރި ހާލަތަށް ކަންކަން ބަދަލުކޮށްލި މަންޒިލެވެ. މިޔާއަށް އިޒީކިއަލް ޚާއްޞަވެ އިންތިހާއަށް އޭނާގެ މައްޗަށް ލޯބި ޖެހުނު އިރު އިޒީކިއަލްއަށް އޭނާއަކީ އެއްވެސް މީހަކަށް ނުވި އެވެ. ދުރަށް ހުއްޓާލެވިފައިވާ ދެ ލޮލުން ފެން އައީ އެސްފިޔަ ޖަހާލުމެއްނެތި މިޔާ ބަލަން ހުރުމުގެ ސަބަބުން ކަމެއް ނޫނީ ހިތްދަތިވެގެން ގޮސް ކަމެއް މިޔާއަށް ވެސް ބުނާކަށް ނޭނގުނެވެ. އޭނާ މަޑުމަޑުން ކޯތާފަތް ފުހެލި އެވެ. އޭނާ އެތަނަށް އަންނަން ބޭނުންވެފައި ހުންނަތާ ދެ ހަފްތާވީ އެވެ. އިޒީކިއަލް އެއްބަސްނުވެގެން ނާދެވިފަ އެވެ. މިއަދު އޭނާއަށް ހުއްދަ ލިބުނީ އިޒީކިއަލްގެ ޠަބީޢަތް އާދަޔާ ޚިލާފަށް ރަނގަޅުވެގެން ކަމަށް މިޔާއަށް ޤަބޫލުކުރެވެ އެވެ.

"މިޔާ... ޔޫ ކާންޓް ގޯ." އަރައިގެން ހުރި ބޫޓު ބާލާފައި މޫދާ ދިމާއަށް މިޔާ ހިނގައިގަތް ހިނދު ޚާދިމު ކުއްޖާ އައިސް މިޔާގެ އަތުގައި ހިފެހެއްޓި އެވެ. އޭނާއަށް ވެސް މިޔާއަށް ވެރިވެފައި ހުންނަ މާޔޫސްކަން ފެނެ އެވެ. މޮޔަކަމެއް ނުކުރުމަށް އޭނާ މިޔާ ކައިރީ ބުނަން ފެށި އެވެ.

"ކާކު ބުނީ އަހަރެން މިދަނީ ކަނޑަށް އެރި މަރުވާށޭ." ޚާދިމު ކުއްޖާގެ އަތް ފޮޅުވާލާފައި އިނގިރޭސި ބަހުން މިޔާ އޭނާއަށް ބުނެލި އެވެ. އަދި މަޑުކުރުމެއްނެތި ގޮސް މޫދަށް އެރެން ފެށި އެވެ.

"ކޯލް ސަރ. އާޖަންޓްލީ." ހިލްމީ ކައިރިޔަށް ދުވެފައި އައި ޚާދިމު ކުއްޖާ ބިރުގެންފައިވާ ފަދައިން ބުންޏެވެ.

(ނުނިމޭ)