ދިރާގު

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފި

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރަފީއު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.

މި އިވެންޓުގައި ކުރިއަށްދާ މައިގަނޑު ދެ މުބާރާތް ކަމަށްވާ އީއޭއެފްސީ 24 މިނީ ސީރީޒް 1 އަދި ޓެކެން އޯޕަންއަށް ދިރާގުން ވަނީ ޕްރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފަ އެވެ.

މީގެ އިތުރުން އިވެންޓަށް އަންނަ ފަރާތްތަކަށް ވަގުތުން ބައިވެރިވެގެން އިނާމު ލިބޭ ގޮތަށް އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބެޓްގެ ޗެލެންޖުތައްވެސް ކުރިއަށްދާނެ އެވެ.

ފަސްސަތޭކައަށް ވުރެ ގިނަ ކުޅުންތެރިންނާއެކު ކުރިއަށްގެންދާ މި އިވެންޓުގައި ޖުމްލަ 40،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރަފީއު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އަދި ދިރާގުގެ އިސްނެގުމުގެ ދަށުން ބާއްވާ އީސްޕޯޓްސް މުބާރާތްތަކާއިއެކު މި ކުޅިވަރު ކުރިއަރާނެ ކަމަށް ޔަޤީންކުރައްވާ ކަމަށާއި މިފަދަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިވެ، ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މިކަމުން ކުރިއަށް ދާން ހިތްވަރު ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ގޭމަރުންގެ އެއްވަނަ ނެޓްވާކް، ދިރާގާ އެކު ކުޅުންތެރިން ތިބިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖޭގައި އީސްޕޯޓްސް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

މީގެ އިތުރުން އިސްމާއީލް ރަޝީދު ވަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ދިރާގުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދި ކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އަބަދުވެސް އެއްބާރުލުން ދެމުންނެވެ.