އަބްދުﷲ ޝާހިދު

މަޖިލީހުގެ މެޖޯރިޓީ އޮންނަންވާނީ އެމްޑީޕީއަށް: ޝާހިދު

އެމްޑީޕީ ވެރިކަމުގައި އޮތަސް އަދި އެމްޑީޕީ އިދިކޮޅުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮންނަންވާނީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ތޮއްޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސައިން ސަމީރުގެ ކެމްޕޭން ލޯންޗްކުރުމަށް ކެމްޕޭން ޓީމާއެކު އއ. އުކުޅަހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭކަން އެ ޕާޓީން ވާނީ ދައްކައިދީފައި ކަމަށެވެ.

"މިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރުގައި އޮވެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުންވެސް ޒިންމާދާރުކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ. އެގޮތުން ސަރުކާރު ޖަވާބުދާރީކޮށް، އެންމެ ގިނަ އަދަދަކަށް ވަޒީރުން ޖަވާބުދާރީ ކުރުވީވެސް 19 ވަނަ މަޖިލިސްގައި،" ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައިވެސް، އިދިކޮޅުގައިވެސް އެމްޑީޕީން ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމަށެވެ. އެކަމަކު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އަމަލުކުރައްވާނީ އެއާ ދިމާ އިދިކޮޅަށް ކަމުގައިވެސް ވިދާޅުވި އެވެ.

ޝާހިދު ފިޔަވާ އިތުރު ބޭފުޅަކު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ނުވާތީ އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ.