ވާހަކަ

މިލްކުވާނެބާ

(22 ފެބްރުއަރީ 2024 އާ ގުޅޭ )

ހިލްމީ ތެދުވެގެން އައީ މިޔާ ސައިބޮއެ ނިމިއްޖެކަން އެނގުނީމަ އެވެ. އޭނާ އައިސް ކާމޭޒުގެ މިޔާއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނެވެ. އަދި ޖީބުން ގަލަން ނަގައި ސިޓީ އުރައިގައި އޮތް ފޯމު ނެގި އެވެ. މިޔާގެ ކައިރިޔަށް އެ ފޯމު ހިލްމީ ޖައްސާލި އެވެ. އެހިނދު އަވަސްއަވަހަށް ތަށިތައް އެއްފަރާތްކޮށްލައި މޭޒުމަތިން ޖާގަ ހަދާލުމާއެކު މިޔާ އެ ފޯމަށް ބަލާލި އެވެ.

"މިޔާ ދޫކޮށްލަން ސަރ ނިންމާފައިވަނީ." ހިލްމީ ބުނެލި އެވެ. އޭރު ސިހުން އެކުލެވޭ ބެލުމަކުން ވަރީގެ ފޯމަށް ބަލަހައްޓައިގެން މިޔާ އިނެވެ.

ހިލްމީ ނުބުންޏަސް އެ ފޯމު ފެނުނު ކޮންމެ މީހަކަށް އިޒީކިއަލްގެ ނިންމުން ނަގައިގަންނަން އެނގޭނެ އެވެ. ތުންފަތް ބައްދާލެވުމާއެކު މިޔާއަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮވުނީ އެވެ. ނިކަމެތިކަމުން އަރައިގަނެވުނީއޭ ހީކޮށް އިޒީކިއަލްއާ އޭނާ ގުޅުނީ ހާދަ ފޮނި އުންމީދުތަކަކާއެކު އެވެ. ނަމަވެސް ދިރިއުޅުން މިވީ އޭނާއަށް ކުރިމަތި ކުރުވި ވަރުގަދަ އިމްތިހާނަކަށެވެ. ހިތް ދޫވެ އިޒީކިއަލްގެ މައްޗަށް މުޅި ނަފްސު ވެސް މިޔާ ޤުރުބާން ކުރި އެވެ. އޭނާއަށް އިޒީކިއަލްދެކެ އިންތިހާއަށް ލޯބިވެވިއްޖެ އެވެ. ކައިވެންޏަށްފަހު އިޒީކިއަލްއަކީ މުޅި އުމުރަށް އެކުގައި ދިރިއުޅުން ވޭތިކުރާނޭ ހަޔާތުގެ ބައިވެރިޔާ ކަމުގައި މިޔާ ނިންމި އެވެ. އެހެންވިޔަސް ދުށް ހުރިހާ ހުވަފެނެއް މިވީ ބިލާހަކަށެވެ.

"ކީއްވެ؟." ރޮމުންރޮމުން މިޔާއަށް އަހާލެވުނެވެ. ކަރުނުން ބަންޑުންވަމުން ދިޔަ ދެ ލޯ ވަނީ ހިލްމީއާ އަމާޒުކޮށްލެވިފަ އެވެ. ހިލްމީގެ ޖަވާބަކަށްވީ ހިމޭންކަމެވެ. އޭނާގެ ދެ ލޮލުން ފާޅުވަމުންދިޔަ ހަމްދަރުދީ އެވެ. މިޔާގެ ހިތް އެދި ގޮވަމުން ދިޔައީ މީހެއްގެ ހަމްދަރުދީއަކަށް ނޫނެވެ.

"ހިލްމީއަށް އެނގޭނެ... އަހަރެންގެ ކުށަކީ ކޮބާ؟. އަހަރެންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟. އިޒީކިއަލް ހިތްހަމަނުޖެހެނީ ކޮންކަމަކާ؟." މިޔާ ސުވާލުކުރަން ފެށި އެވެ.

ދިރިއުޅުން ނިމުމަކަށް އަންނަނީކަން އެނގޭ ހިނދު ގިނަ އަންހެނުންނަށް ހެދޭ ގޯހަކީ އަމިއްލަ ނަފްސު ކުށްވެރި ކުރުމެވެ. ދެމަފިރިންގެ ތެރެއިން ގޯހެއް ހެދުނީ އަންހެން މީހާއާއަށޭ ހީކުރެވުމެވެ. ކުށެއް ނުކުރެވި މަޢާފަށް އެދުމަށް އަވަސްވެގަތުމެވެ. ފަހަރެއްގައި އެއީ އަންހެނުންގެ ޠަބީޢަތުގައި ލައްވާފައިވާ ސިފަތަކަކީ އެވެ. ކޮންމެ ކަމެއް ހައްލުކުރާން ބޭނުންވުމެވެ. މިޔާ ވެސް އެ ވިސްނުމުން އިސްތިސްނާއެއް ނުވި އެވެ. އިޒީކިއަލް ދެކެ ލޯބިވުމާއި ކައިވެނި ރޫޅެން ނޭދޭތީ އެވެ. އިޒީކިއަލް ރުހޭ ކޮންމެ ގޮތަކަށް މިޔާ ބަދަލުވާން ހުރީ ތައްޔާރަށެވެ. އެހެންވިޔަސް މިޔާއަށް ނޭނގެނީ ތިމާ ބަދަލުވީ ނަމަވެސް ފިރިހެނެއްގެ ހިތުން ޖާގަ ނުހޯދޭނޭ ކަމެވެ. ލޯތްބަކީ އަނެކާގެ އަތުން ގަދަކަމުން ހޯދޭނޭ އެއްޗެއް ނޫނެވެ. ލޯބިނެތި ވެވޭ ކައިވެންޏަކީ މިނިވަންކަން ނަގާލާފައި އައިސް އަމިއްލައަށް ހުރަގެއެއްގައި ހައްޔަރުވުން ފަދަ އެއްޗަކަށް ވެދެ އެވެ. އެފަދަ ކައިވެންޏަކުން ހާސިލުވާނޭ ހިތްހަމަޖެހުމެއް ނޯންނާނޭ އެވެ. ތިމާ އެމީހެއްދެކެ މަރުވާ ވަރަށް ލޯބިވާކަން އެނގޭއިރު ވެސް އެންމެން އެކަން ބަލައިގަންނާނޭ ކަމުގައި ހީކުރުމަކީ މޮޔަކަމެކެވެ. ބައެއް މީހުން އުމުރު ހޭދަވެގެން ދިޔަޔަސް ތިބާދެކެ ލޯތްބެއް ނުވާނެ އެވެ. އެފަދަ މީހުންނަށް ޓަކައި އަގުހުރި ވަގުތު ބޭކާރު ކުރަނީ ކީއްކުރަން ހެއްޔެވެ. ނަމަވެސް އިންސާނާ އޭނާގެ ހިތުގެ އަޅަކަށް ވެދެ އެވެ. ބުއްދިއަށްވުރެ ހިތް އިސްވެ އެ ހިތް އެދޭ އެދުންތަކުގެ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ ސަލާން ޖެހުން ވެސް ރަނގަޅު ކަމުގައި ޤަބޫލުކުރެ އެވެ.

"ދަރިފުޅު މަރުވީމަތަ؟. އެއްފަހަރު ވެސް އަހަރެންނާ މީޓުކޮށްލަން އިޒީކިއަލް ނާދޭ. އެހެންވެތަ ނާންނަން އެ ހުންނަނީ؟... ޕްލީޒް... ޕްލީޒް ހިލްމީ... އަހަރެންނަށް ޖަވާބެއް ދީބަލަ. އިޒީކިއަލް މިގޮތަށް ނިންމީ ކީއްވެތަ؟. ކީއްވެ އަހަރެން ދޫކޮށްލަނީ؟. ދަރިފުޅު މަރުވުމަކީ އަހަރެންގެ ކުށެއްނޫނެއްނު. އަހަރެމެންނަށް ދެވަނަ ކުއްޖަކު ހޯދިދާނެ. އެ ފުރުޞަތު އެބައޮތް... ކީއްވެތަ އަހަރެން ވަރިކުރަނީ." މިޔާއަށް ރޮވެނީ އެވެ.

"ސޮއިކޮށްލާ މިޔާ. އެންމެ ރަނގަޅުވާނީ އެގޮތް." މިޔާގެ ރުއިމާއި އާދޭހަށް ކެތްނުކުރެވިފައި އިން ފަދައަކުން ހިލްމީ މަޑުމަޑުން ބުނެލި އެވެ. ހަޤީޤަތުގައި އޭނާގެ ހިތަށް މިފަހަރު އެ އަންހެންކުއްޖާއަށް ޓަކައި ރަޙުމު ވަދެއްޖެ އެވެ. ހަމައެއާއެކު އޭނާއަށް ވެސް ޔަގީންވަނީ މިޔާއަށް އެންމެ ރަނގަޅުވާނީ އިޒީކިއަލްއާ ދުރަށް ދިއުން ކަމެވެ. އަލުން އާ ދިރިއުޅުމެއް ފެށުންކަމެވެ. އިޒީކިއަލް ކައިރީ މަސައްކަތް ކުރަން ފެށުމުން އޭނާގެ ގޮތް ހިލްމީއަށް ފެނިފައި އޮތީމަ އެވެ. ނިކަމެތި އަންހެންކުއްޖަކަށް އިތުރަށް ދެރަ ލިބޭކަށް އޭނާގެ ހިތެއް ވެސް ނޭދެ އެވެ.

"ނޫން..." ފޯމުގައި ސޮއި ނުކުރަން މިޔާ ބޯހޫރަމުން ބުނެލި އެވެ. އަދި އޭނާ މޭޒު ކައިރިން ތެދުވެ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

"މިޔާއަށް ވިސްނޭނެނަމަ." ހިތާހިތުން ހިލްމީއަށް ބުނެލެވުނެވެ.

* * * * *

ދެ ހަފްތާ ފަހެވެ. ލޯގަނޑު ކުރިމަތީ މަޑުކޮށްލުމާއެކު އަމިއްލަ ސޫރައަށް މިޔާ ބަލާލި އެވެ. ލޮލުގައި އަދިވެސް މަޑު ރަތް ކަމެއް ފެންނަން ހުއްޓެވެ. ލުއި މޭކަޕެއް ކޮށްފައި ހުރީ މޫނުމަތި މިލާފައިވާވަރު ފޮރުވާލުމަށެވެ. މަޑު ނޫކުލައިގެ ފައިކުރި ފުޅާ ޖިންސާ ގުޅުވާފައިވަނީ ރީނދުކުލައިގެ ކުދިކުދި މާތަކެއް ޖަހާފައިވާ ހުދު ޓޮޕުކޮޅެކެވެ. ދިގުކޮށް އޮތް އޭނާގެ ފަން އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އޮތެވެ. ރީތިވާ މޭޒުގެ ކުރިމަތީ ހުރި ގޮނޑީގައި އަޅުވާލެވިފައި އޮތް އަތްދަބަސް ނަގައި މިޔާގެ ވައަތް ފަރާތުން ކޮނޑުގައި އަޅުވާލި އެވެ. އަދި ރީތިވާ މޭޒުމަތީ އޮތް އަވި އައިނު ނަގައިގެން އޭނާ ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ.

ވަރީގެ ފޯމުގައި ސޮއި ކުރާން މިޔާ ދެކޮޅު ހެދީ އެގޮތް ބޭނުންނުވެގެންނެވެ. އިޒީކިއަލްދެކެ ވާ ލޯބި އެއްފަރާތުގައި އޮތްއިރު އޭނާ އިނީ އެކަނިވެރިކަން ދެކެ ބިރުގެންފަ އެވެ. އިޒީކިއަލް އޭނާ ދޫކޮށްލުމުން ދާނޭ ތަނެއް އޮތީއެއް ނޫނެވެ. އަޅާނޭ މީހަކު ހުރީކީ ނޫނެވެ. އަމިއްލަ ނަފްސު ފިޔަވައި މިޔާގެ އޮތީ ކޯއްޗެއް ހެއްޔެވެ. މިހުރިހާ ފިކުރެއްގައި ޖެހި އޭނާއަށް ގޮތް ނިންމަން ދަތިވީ އެވެ. އެހެންނަމަވެސް މިއަދު އޭނާ އެވަނީ ހަޤީޤަތް ޤަބޫލުކޮށްފަ އެވެ. އިޒީކިއަލްއަށް ޓަކައި މުޅި އުމުރު އިންތިޒާރުގައި ހުރި ނަމަވެސް އޭނާ ނާންނާނޭކަން މިޔާއަށް ވިސްނިއްޖެ އެވެ. ވަރީގެ ފޯމުގައި މިޔާ ސޮއިކުރީ އެހެންވެ އެވެ.

"ކާރަށް ގުޅައިފިން. ހިނގާ ތިރިއަށް." ސޯފާގައި އިނދެފައި ހިލްމީ ތެދުވީ ކޮޓަރިން މިޔާ ނުކުމެގެން އަންނާތީ ފެނިފަ އެވެ. އޭނާގެ ބަހަށް މިޔާ ބޯޖަހާލި އެވެ. އަދި ދެ މީހުން އެކުގައި އެޕާޓްމެންޓުން ނުކުތެވެ.

އިޒީކިއަލްއަކީ ނުފޫޒުގަދަ މީހެއްކަން މިޔާއަށް މީހަކު ބުނެދޭކަށް ނުޖެހެ އެވެ. ހުރިހާ ދިމާއަކަށް އޭނާގެ އަތް ފޯރަ އެވެ. ފަސޭހަ ކަމާއެކު ކަންކަން ނިންމާލެވެނީ އެހެންވެ އެވެ. ކޯޓު މަރުހަލާގައި އެއްވެސް ހުރަހެއް ދިމާނުވެ ކަންކަން ނިމިގެން ދާނޭކަން މިޔާއަށް ޔަގީންވަނީ އެހެންވެ އެވެ.

މިޔާ ގޮވައިގެން ހިލްމީ ކޯޓަށް އައެވެ. މިޔާއަށް އިޒީކިއަލް ފެނުނީ ކޯޓުގެ ތެރެއިންނެވެ. އޭނާ މިޔާއަށް ބަލާނުލިއިރު ފެންނަ ކަމަށް ވެސް ނުހެދި އެވެ. ރޯން ބޭނުންނުވިޔަސް މިޔާގެ ހިތަށް ތަދުވީވަރުން ދެ ލޯ ފެންކަޅިވި އެވެ. އިޒީކިއަލް ފަދަ މީހަކުދެކެ އޭނާ އެހާވަރަށް ލޯބިވާތީ އަމިއްލަ ނަފްސުދެކެ ރުޅި އައެވެ. ގާޟީ ދެމަފިރިން ވަރިކޮށްދިނީ އެއްވެސް ކަމަކާ ސުވާލު ކުރުމެއްނެތި އެވެ. ނުހަނު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ނިމުނީ އެވެ. އިޒީކިއަލްއާއި މިޔާ އެކަކުއަނެކަކަށް ހިލޭ ދެ މީހުން ކަމުގައި ހަދާފަ އެވެ.

ދުވަމުން ކަހަލަ ގޮތަކަށް މިޔާ ނުކުންނަން އައީ އިޒީކިއަލްއާ ފަހު ފަހަރަށް ވާހަކަދައްކާލަން ބޭނުންވެގެންނެވެ. ނަމަވެސް މަގުމައްޗަށް އޭނާއަށް ނުކުމެވުނު އިރު އިޒީކިއަލް ހަރުކޮށް ހިނގާފައި ގޮސް ކާރަށް އަރައިފި އެވެ. ކާރު ކައިރިއަށް މިޔާ ދުއްވައިގަތެވެ. ކާރުގައި އިން މީހަކަށް އޭނާ ފެންނާނޭކަން މިޔާއަށް އެނގެ އެވެ. އެހެންވިޔަސް ކާރު މަޑެއް ނުކުރި އެވެ.

"މިޔާ." މަގުމަތީ ހުއްޓުން އަރާފައި ހުރި މިޔާއަށް ގޮވާލީ ހިލްމީ އެވެ.

"ގެއަށް ހިނގާ." މިޔާ ބަލާލުމުން ހިލްމީ ބުންޏެވެ.

ޓެކްސީގައި މިޔާ ގޮވައިގެން ހިލްމީ އައީ ހެންވޭރުން ހިފާފައި ހުރި އެޕާޓްމެންޓަށެވެ. ބަހެއް ނުކީނަމަވެސް އަދި އަވިއައިނުން ދެ ލޯ ފޮރުވާލައިގެން މިޔާ އިނަސް ކާރަށް އެރީސުރެ މިޔާގެ ރުއިން ނުހުއްޓޭކަން ހިލްމީ ދެނަހުއްޓެވެ. މިޔާއާމެދު އޭނާ ހަމްދަރުދީ ވިޔަސް އެ ނިކަމެތި އަންހެންކުއްޖާ ހިތްހަމަޖައްސައި ދިނުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާއަށް އިޒީކިއަލްއާ ދެކޮޅެއް ނުވެވޭނެ އެވެ. ހަމައެކަނި އޮތް މަގަކީ އިޒީކިއަލް ދީފައިވާ އިރުޝާދާ އެއްގޮތަކަށް ޢަމަލު ކުރުމެވެ.

"މިޔާ. އަހަރެން ދައްކަން ޖެހޭ ބައެއް ވާހަކަ އެބަހުރި." އެޕާޓްމެންޓަށް ވަދެވުމާއެކު ހިލްމީ ބުންޏެވެ.

"އިތުރަށް އިޒީކިއަލް ބޭނުމީ ކޮންކަމެއް؟." މިޔާގެ ހިތުގައި ޖެހިފައިވާވަރު އޭނާގެ އަޑުން ހާމަވެ އެވެ.

"މިތާ އިށީންނަންވީނު." މަޑުމައިތިރިކަމާއެކު ހިލްމީ ބުނެލީ ސޯފާއަށް އިޝާރާތް ކުރަމުންނެވެ. އަވިއައިނުގެ ދަށުން ކޯތާފަތް ފުހެލާފައި މިޔާ އައިސް ސޯފާގައި އިށީނެވެ.

"ކުރިޔަށް އޮތް މަހަށާ ލައިގެން މިތަނުގެ ކުލި ވާނީ ދައްކާފައި. މިޔާއަށް ދަތިވާނޭތީ ސަރ ދިން އެއްޗެއް މީ. މިޔާގެ އެކައުންޓަށް ޗެކު ޖަމާކޮށްފައިވާނީ. މިވަގުތުން ފެށިގެން މިޔާ އެކަނި ހުންނާނީ. މިބުނީ އަހަރެންނެއް ނުހުންނާނެއޭ... މިރޭ އަހަރެންގެ އެއްޗެހި ހިފައިގެން އެޕާޓްމެންޓުން ނުކުންނާނަން."

ހިލްމީ ދެއްކި ވާހަކަ ކަންފަތަށް އިވެމުންދިޔަ ނަމަވެސް މިޔާގެ ނަޒަރު އަމާޒުވެފައިވީ ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި ކޮފީމޭޒުމަތީ އޭނާ ބޭއްވި ޗެކުގެ ކޮޕީއަށެވެ. ވަގުތުން އަތްދަބަހުގެ ތެރޭގައި އޮތް ފޯނު މިޔާ ނެގި އެވެ. އޭނާގެ އެކައުންޓަށް ފައިސާ ޖަމާވިކަމުގެ މެސެޖު ލިބިފައި އޮތެވެ. ފިނިނޭވާއެއް މަޑު އާހެއް ފަދައިން މިޔާގެ ދެތުންފަތް ދޭތެރެއިން ބޭރުވެލި އެވެ. އޭނާގެ މޭ ފިތިގެން ދިޔަ ފަދަ އެވެ. ފަސް ލައްކަ ރުފިޔާގެ އެ ޗެކަކީ އިޒީކިއަލް އޭނާ އަގުކުރި އަދަދުބާއޭ މިޔާއަށް ހިތާއި ސުވާލުކޮށްލެވުނެވެ. އޭނާވީ ޤުރުބާނީގެ އަގަކީ އެއީބާ އެވެ. ހިތްކުދިކުދިވަމުން ދިޔަނަމަވެސް މިޔާ ޚިޔާރުކުރީ ހިމޭންކަމެވެ. ސުވާލު ކުރިޔަސް ޖަވާބެއް ނުލިބޭނޭކަން އެނގޭތީ އެވެ. އިޒީކިއަލް އެވަނީ އެދެމެދުގައި އޮތް ގުޅުން އަބަދަށް ނިންމާލާފަ އެވެ. ކީއްވެކަމެއް އެފަދައިން ކަންތައް ކުރީ ބުނެވެސް ނުލަ އެވެ. މިޔާގެ ހިތުގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ. ދެ މީހުން ގުޅުނީ އިޒީކިއަލް ބޭނުންވެގެންނެވެ. ވަކިވީ ވެސް އިޒީކިއަލް އެވެ. ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުރިކަމަށް އިޒީކިއަލް ބުނި ބުނުމަކީ އޮޅުވާލުމެއް ހެއްޔެވެ. މިޔާއަށް އެ ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ. ވިސްނާވިސްނާ ވެސް އިޒީކިއަލް އެފަދައިން ކަންތައް ކުރި ސަބަބެއް މިޔާއަކަށް ނުވިސްނުނެވެ. ހަމައެކަނި އޮތް ގޮތަކީ އިޒީކިއަލްގެ އެ ނިންމުން ޤަބޫލުކޮށްލުމެވެ.

* * * * *

5 އަހަރު ފަސް.
އުޑުމަތިވަނީ ފުސް ވިލާތަކުން ބައްދާލައިފަ އެވެ. ވާރޭ އަންނަން އުޅޭކަމުގެ އިންޒާރު ބާރުވެފައިވާ ފިނިފިނި ވައިރޯޅިތައް ދެމުން ދިޔަ އެވެ. އެހެންވިޔަސް ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން މީހުން މަދެއް ނުވެ އެވެ. މެންދުރުފަހު ދޭއްޖެހި އިރު ޖެއްސި ފްލައިޓުގެ ދަތުރުވެރީން އެރައިވަލް ގޭޓުން ނުކުންނަން ފެށި އެވެ. އެލް.ސީ.އެލްގެ ދިވެހިރާއްޖޭގައި ހުންނަ ކުންފުނީގެ އިސް މުވައްޒަފަކު މަޑުކޮށްލައިގެން ހުރީ އެ ކުންފުންޏަށް ބޯޑުން ކަނޑައެޅި އައު ޑިރެކްޓަރު ނުކުންނާނޭ އިރެއްގެ އިންތިޒާރުގަ އެވެ. އޭނާގެ އެއް އަތުގައި ނަން ޖަހާފައިވާ ކަރުދާހަކާއި އަނެއް އަތުގައި މާބޮނޑިއެއް އޮތެވެ.

އެރައިވަލް ގޭޓުން ނުކުތް ޒުވާން އަންހެންކުއްޖާގެ ނަޒަރު އެއްވެފައި ތިބި މީހުންނަށް ހިންގާލީ ލޮލުގައިވާ އަވިއައިނު ނުނަގަ އެވެ. ކޮނޑުގައި ހޭކޭ ވަރަށް ކޮށާލާފައި އޮތް ފަށުވިކޮޅެއް ފަދަ ފަން އިސްތަށިގަނޑު އޭނާގެ ދިގުވަށް މޫނާ ނުހަނު ގުޅަ އެވެ. އަތްދަނޑިމަތީ ސުވެޓަރު ޒާތުގެ ވިޔެފައި އޮތް ޖެކެޓު އަޅުވާލާފައި އޮތްއިރު އެ އަތުން އޭނާ އައީ ފޮށީގެ އަތްގަނޑުގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ ނަން ޕްރިންޓުކޮށްފައިވާ ކަރުދާސް މެޔާ ހަމައަށް އުފުލާލައިގެން ހުރި އަންހެންކުއްޖާ ލޮލުގައި އަޅައިގަތުމާއެކު އެ ދިމާއަށް އަންނަން އަވަސްވެލި އެވެ.

"މިސް މާޔާ." ކަރުދާސް ހިފަހައްޓައިގެން ހުރި އަންހެންކުއްޖާ ބުނެލި އެވެ.

"ޝާހީން." އެރައިވަލް ގޭޓުން ނުކުމެގެން އައިސް މަޑުކޮށްލި ޒުވާން އަންހެންކުއްޖާ ބުނެލީ ކުރިމަތީ ހުރީ ކާކުކަން ޔަގީންކުރާ ފަދައިންނެވެ.

"ލައްބަ. ވެލްކަމް... މިކޮޅުގައި ކޮމްޕެނީގެ ކާރު އޮންނާނީ. ދުރުވޭ." ފުޅާ ހިނިތުންވުމަކާއެކު މާޔާއަށް މަރުޙަބާ ކިޔުމާއެކު ޝާހީންގެ އަތުގައި އޮތް މާބޮނޑި ދިއްކޮށްލި އެވެ. އަދި ދާންވީ މިސްރާބަށް އިޝާރާތްކޮށްލި އެވެ.

(ނުނިމޭ)