ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަޖެޓުގައި ފައިސާ ނެތީ މުސާރައަށް ބޮޑު ހޭދައެއް ކުރާތީ: ސޯލިހު

ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތިގެން އުޅޭ ސަބަބަކީ މި ސަރުކާރުން މުސާރައަށް ބޮޑު ހޭދައެއް ކުރާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މިލަންދޫ ދާއިރާއަށް ވާދަކުރައްވާ އަލީ ރިޒާގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދެ މަހު މި ސަރުކާރުން މުސާރައަށް ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އާއި 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ނިމުނުއިރުގައި ހަރަދުކޮށްފައިވާނީ 1.9 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ މި ސަރުކާރުގެ ފުރަތަމަ ދެ މަސް ނިމުނުއިރު 2.1 ބިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހަރަދުކޮށްފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 270 އާއި 300 މިލިއަން ރުފިޔާ އިތުރަށް މުސާރަތަކަށް އެ ބޭފުޅުން އައްޔަންކުރި ފަރާތްތަކަށް ދީ ނިންމައިފި. މިއީ ބަޖެޓުގައި ފައިސާ ނެތިގެން މިއުޅޭ ކަމަކީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ 300 މިލިއަން ރުފިޔާއަށް އެއާޕޯޓެއްގެ މަޝްރޫއު ފެށޭނެ ކަމަށާއި ބިން ހިއްކޭނެ ކަމަށެވެ.

ގައުމުގެ ކަންކަން ހަމަ މަގަށް އެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިބެންޖެހޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.