ވާހަކަ

މިލްކުވާނެބާ

( 8 މާރިޗު 2024 އާ ގުޅޭ )

ކޮޓަރިއަށް ދެ މީހުން އައިސް ވަނެވެ. އިޒީކިއަލް ލައިގެން ހުރި ހެދުން ބަދަލު ކުރަމުން ދިޔައިރު އެނދުގައި އިށީނދެލައިގެން ސޫޒަން އިނެވެ. ފިކުރަކަށް ގެއްލިފައި އިންހެން އިރުކޮޅަކު އިނުމަށްފަހު އިޒީކިއަލްއަށް ސޫޒަން ގޮވާލި އެވެ.

"ޔެސް ލަވް." އިޒީކިއަލް ޖަވާބު ދިނެވެ.

"އަހަރެން ބޭނުން މެރީ ކުރަން. އިޒީކިއަލް ކާފަ ކައިރީ އަހަރެމެންގެ ވާހަކަ ދައްކަބަލަ. އަހަރެމެންގެ ކައިވެންޏަށް ކާފަ ރުއްސުމަކީ އިޒީކިއަލްގެ ކަމެއް." ސޫޒަން ބުންޏެވެ.

"ސޫޒީ..." އިޒީކިއަލް ކިޔާލި އެވެ.

"ޕްލީޒް އިޒީކިއަލް. މިހާރު ކިހާ ދުވަހެއް މިވީ. އެންމެފަހުން ކާފަ ކައިރިޔަށް ގޮސްފަ އައިސް ވެސް ކިޔައެއް ނުދެމެންނު ކާފަ ބުނީ ކީކޭ ކަމެއް. މިހެން ތިބުމަށްވުރެ މެރީ ކުރިއްޔާ ދޯ ރަނގަޅު ވާނީ... އަސްލު ބުނެބަލަ. ކީއްވެތަ ކާފަ އަހަރެމެން އިންނަން ދެކޮޅު ހަދަނީ؟. ކޮންސަބަބަލާ ހެދި؟." ސޫޒަން އަހާލި އެވެ. ހަޤީޤަތަށް ވެސް އޭނާ އެ ސަބަބެއް އޮޅުންފިލުވަން ބޭނުންވެފައި އިންކަން އަޑުން ދޭހަވެ އެވެ. އިޒީކިއަލްއާ ކައިވެނި ކުރުމަކީ އޭނާ ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނެވެ. އެކަމަކު އެ އުންމީދު ހާސިލުވާނޭ ދުވަހެއް ނޭނގެ އެވެ. އިޒީކިއަލްގެ ފަރާތުން އަޅާލުމާއި ލޯބި ލިބެ އެވެ. ފެންނަ މީހުންނަށް އެއީ ދެމަފިރިން ފަދަ އެވެ. ނަމަވެސް އޭނާއަކީ އިޒީކިއަލްގެ އަނތްބެއް ނޫނެވެ. އެ ނަމާއި ޝަރަފު ހައްޤުވަނީ ހަމައެކަނި ސޫޒަންއަށް ކަމުގައި ޚުދު އޭނާ ޤަބޫލުކުރެ އެވެ.

"އަހަރެން ވަރަށް ވަރުބަލިވެފައި މި ހުރީ. ނިދާލަން ބޭނުމީ." އިޒީކިއަލް މިހެންބުނެ އެނބުރިލީ އެވެ. އޭނާ ހެދުން ބަދަލުކުރުމުގައި އުޅެންފެށި އެވެ.

ގަސްދުގައި ޖަވާބެއް ދޭން އިޒީކިއަލް ބޭނުންނުވީކަން އޭނާގެ ހަރަކާތްތަކުން ސޫޒަން ދެނެގަތެވެ. އެކަމުގެ ސަބަބުން ސޫޒަންއަށް ލިބުނު ހައިރާންކަން އިތުރުވި އެވެ. އިޒީކިއަލް ނުބުނަން އުޅެނީ ކޮންވާހަކައެއްބާއޭ އަމިއްލަ ހިތާއި ސޫޒަންއަށް ސުވާލުކޮށްލެވުނެވެ. އިޒީކިއަލްއަށް ގޮވާލުމުން މިފަހަރު އޭނާ އަޑުއިވޭ ކަމަކަށް ނުހެދި އެވެ. އޭނާ ވަނީ ފާޚާނާއަށެވެ. ސޫޒަންގެ މޫނުމަތީގެ ކުލަ ބަދަލުވެލީ ވަގުތުންނެވެ. ދެ ބުމަ ގޮށްޖަހާލިއިރު އިންތިހާ ރުޅިވެރިކަން އެ މޫނުގައިވި އެވެ. ކައިރީގައި އޮތް ބާލީސް ނަގައި އޭގައި އޭނާ ތަޅައިގަތެވެ.

"ބޮޑުކަމެއް ހުވާ... އެ މުސްކުޅި މީހާގަނޑު މަރުވާކަށް ވެސް ނޫޅޭ. އޭނާއާ ހެދި ހުރިހާކަމެއް މިވަނީ. ހުރިހާ އެއްޗެއްގެ ވާރިޞަކީ އިޒީކިއަލްއަށް ވާއިރު އޭނާގެ ހުރިހާ އެއްޗަކީ އަހަރެންގެ އެއްޗިއްސަށް ވާން އޮތީ ކައިވެނިކޮށްގެން. އެ ޢާއިލާގެ ޅީދަރިއަށްވާނީ އަހަރެން... ހަމައެކަނި އަހަރެން... އެހެން އަންހެނަކަށް އިޒީކިއަލް ލިބުނަކަށް ނުދޭނަން... ދުވަހަކުވެސް އެހެންވިޔަ ނުދޭނަން." އަމިއްލަ ހިތުގައި އަނދައިގަތް ގިނީގައި ސޫޒަންގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. ފިލްމުތަކުން ފެންނަ ފަދަ އަޑިނުބައި "ވިލަން" އެކޭ އޭނާ ތަފާތެއް ނެތެވެ.

ފާޚާނާއާ ދިމާއަށް ބަލާލުމާއެކު ސޫޒަންގެ މޫނުގައިވީ އަސަރުތައް ބަދަލުކޮށްލައިފި އެވެ. އޭނާގެ އެ ސިފަ އިޒީކިއަލްއަށް ފެނިދާނޭތީ އެވެ. އިޒީކިއަލްގެ ކުރިމަތީ އޭނާއަކީ ނުހަނު މައުސޫމް ނާޒުކު އަންހެން ކުއްޖެކެވެ. އެހެންވެ އިޒީކިއަލް ފާޚާނާއިން ނުކުންނަންވާއިރަށް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި ހަމަޖެހިލައިފި އެވެ. އެ ކޮޓަރިއަކީ އިޒީކިއަލް ނިދާ ކޮޓަރިއަށް ވާއިރު އޭނާއަށް އެ ކޮޓަރީގައި އޮވެލަން ފުރުޞަތެއް ލިބުނީ މަދު ފަހަރަކު އެވެ. އެކަމަކު މިރޭ ކޮންމެހެން ވެސް އޭނާ އެ ކޮޓަރީގައި އޮންނަން ބޭނުމެވެ.

ސޫޒަންއަށް އިތުރު ހައިރާންކަމެއް ލިބުނީ ފާޚާނާ އިން ނުކުތް އިޒީކިއަލް ތައްޔާރުވާން ފެށީމެވެ. އެނދުގައި އިށީނދެގެން އޭނާއަށް ނީނދެވުނެވެ. އެހެންވެ ތެދުވެގެން އިޒީކިއަލްގެ ކައިރިޔަށް އޭނާ އައެވެ.

"ނިދާކަށް ނޫންތަ އުޅުނީ؟." ސޫޒަން އަހާލި އެވެ. މާބޮޑު ސަމާލުކަމެއް ސޫޒަންއަށް ނުދީ އިޒީކިއަލް ހޫން ލައްވާލީ އެވެ.

"އިޒީކިއަލް." ބަލާނުލީތީ ސޫޒަން ގޮވާލި އެވެ. އެހެންނަމަވެސް މިފަހަރު އިޒީކިއަލްގެ ސަމާލުކަން އަތުލުން އޭނާއަށް ފަސޭހައެއް ނުވި އެވެ. އިޒީކިއަލް ވާހަކައެއް ދެއްކުމެއްނެތި ތައްޔާރުވެގެން ކޮޓަރިން ނުކުތީ އެވެ. އޭނާގެ ފަހަތުން ސޫޒަން އައީ ހަލުވި ފިޔަވަޅުގަ އެވެ.

"އަނެއްކާ ވެސް ބޭރަށް ދަނީތަ؟. ބުނީމެންނު ވަރުބައްޔޭ." ކަންތައް ބޮޑުވެފައި ހުރެ ސޫޒަން ބުނެލި އެވެ.

"އާން. ބޭރަށް މިދަނީ." އިޒީކިއަލް ބުންޏެވެ.

"މިގަޑީގައި ކޮންތާކަށް؟. ކޮންއިރަކުން އަންނާނީ؟." ނިކަން އަވަސްއަވަހާ ސޫޒަންއަށް އަހަލެވުނެވެ. އިޒީކިއަލް މަޑުޖެހިލީ ބޭރު ދޮރުން ނުކުންނަން އުޅެފަ އެވެ. އޭނާ އެނބުރި ސޫޒަންއަށް ބަލާލައި ވާހަކަދެއްކީ ދެނެވެ.

"ސޫޒީ ހޭލާނޫޅެ ދޭ ނިދާލަން. އަހަރެން ކަމެއް ކުރަން އޮތްކަން ހަނދާންވީ ދެންމެ. އާދެވޭނީ ވަރަށް ދަންވާފަހުން." އިޒީކިއަލް މިހެންބުނެ ސޫޒަންގެ ކޯތާފަތުގައި ވައަތް ފަރާތުން ފިރުމާލި އެވެ.

އިޒީކިއަލް ނުކުމެގެން ދިއުމުން ސޫޒަންއަށް މޫނު ހަދާލެވުނެވެ. އޭނާ އުންމީދު ކުރި ފަދައިން ކަންތައް ނުވީމަ އެވެ. އޭނާގެ މުށުތެރެއަށް އިޒީކިއަލް ލައިގެން ގެންގުޅޭން ބޭނުންވިޔަސް ގިނަ ފަހަރު ސޫޒަންއަށް އެއީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. އިޒީކިއަލްގެ ހުރިހާ ކަމެއް އޭނާއަށް ކޮންޓްރޯލެއް ނުކުރެވެ އެވެ.

* * * * *

ލާންޗުން ފައިބައިގެން އައިގޮތަށް ފާލަން ކައިރީ އޮތް ބަގީއަށް އިޒީކިއަލް އެރި އެވެ. އޭގައި އައިސް ރިސޯޓުގެ ގެސްޓުންނަށް ޚާއްޞަކޮށް ރަލުގެ ބުއިންތައް ފޯރުކޮށްދިނުމަށް ހަދާފައިވާ "ބާ" ސަރައްޙައްދާ ގުޅިފައި އޮންނަ ވީ.އައި.ޕީ ކުލަބަށް އޭނާ ވަނެވެ. އަނދިރި ކިއްލާއެއް ފަދަ އެތަނުން އިޒީކިއަލްއަށް ފުރަތަމަ ވެސް މަރުޙަބާ ކީ އެކިކުލައިން އަލިކުރަމުންދިޔަ "ޑިސްކޯ" ލައިޓާއި ޑީޖޭގެ ބާރު މިއުޒެކެވެ. އިޒީކިއަލް އައީ އެތަނުގައި ވަކިން ހުރި ކޮޓަރިއަށެވެ. އެތަނުގައި ދެ ފަރާ ވާގޮތަށް ދެ ސޯފާ ގޮނޑި ބަހައްޓައި ގޮނޑިތައް ކައިރީ ބިއްލޫރި ކޮފީމޭޒެއް ހުއްޓެވެ. ފާރުގެ މަތީ ކަނެއްގައި ހުރި އިސްޕީކަރުން ބޭރުގައި ޑީޖޭ ކުޅެމުންދިޔަ މިއުޒިކުގެ އަޑު އެ ކޮޓަރިއަށް އިވިއިވި ހުއްޓެވެ. ނިވިދިއްލޭ ޑިސްކޯ ބޯޅަ ސީލިންގުގެ މެދުގައި ހުރެ އެކި ކުލަ އަޅުވަމުންދިޔަ އެވެ. މޭޒުމަތީގައި އެކި ކަހަލަގެ ބުއިންތައް ބޮއެ ހުސްކޮށްފައި ހުރި ތަށިތައް ހުއްޓެވެ. ނުވީތާކަށް ތިންހަތަރު ވައްތަރެއްގެ ރާފުޅި ވެސް ހުއްޓެވެ.

"ނާދެވޭނެއޭ ކިޔާފައި ކުއްލިއަކަށް ގުޅީ ކިހިނެއްވީ؟." ރާއްޖޭން ބޭރު އަންހެންކުއްޖަކު ކައިރިއަށް ލައިގެން ސޯފާގައި އިން ޒުވާނާ މިހެން ބުނެލީ އެތަނަށް ވަން އިޒީކިއަލް ފެނިގެންނެވެ. ހިނިގަނޑެއް ޖަހާލަމުން އިޒީކިއަލް އައިސް އިށީނީ ދެން ހުރި ސޯފާގޮނޑީގަ އެވެ.

"މީގެ ތަށްޓެއް ބޯލައި ފުރަތަމަ މަޢާފަށް އެދޭ." އޭނާ އިޒީކިއަލްއަށް އަމުރު ކުރި އެވެ. އެ ޒުވާނާ އިޝާރާތް ކުރި ފުޅި ނަގައި އެއަށް އިޒީކިއަލް ބަލާލި އެވެ. އަދި ތަށިނަގައި އެ ފުޅިން އެތިކޮޅެއް އަޅައި ރަހަބަލައިފި އެވެ.

"ހޫމް... ގޯހެއްނޫން." އިޒީކިއަލް ބުންޏެވެ.

"އިޒީކިއަލް. ކަލޭ ތި ހުސްކޮށްލާނީކީނޫން. އެނގޭތަ ތީގެ އަގު." ކުރީން ވާހަކަދެއްކި ޒުވާނާ އިން ސޯފާގެ އަނެއްކަނުގައި ނަންބަރު އައިނެއް އަޅައިގެން އިން ޒުވާނާ ވާހަކަދެއްކި އެވެ. އޭނާ ކުރިޔަށް ޖެހިލައި އިޒީކިއަލްގެ އަތުން ފުޅި އަތުލައި އޭގައި ބައްދައިފި އެވެ.

"އަރްހަމް. ތިހާ ޗީޕު ނުވެބަލަ. ތިވައްތަރަށް ކަލޭ އުޅޭތަން ފެންނަ މީހަކު ހީކުރާނެތަ ތީ ރާއްޖޭގެ ނަންބަރ ވަން ޓެކް ވިޔަފާރިވެރިޔާގެ ހުރި ހަމައެކަނި ދަރިއޭ. ކީއްވެތަ ކަލޭ ތިހާ ދަހީ." އަންހެންކުއްޖާ ގޮވައިގެން އިން ޒުވާނާ ދިމާކޮށްލި އެވެ.

"އަހަރެން ގެނައިތަނުން ކިތައް ތަށި ކަލޭ ހުސްކޮށްފިން. ބުނަން ޒާހިލް އަހަރެންގެ އަނގަ ހުޅުވަން ނުހަދާ. ބޭޒާރުވާނީ ކަލޭ. ނޫންތަ އިޒީކިއަލް... އަހަރެމެން ތެރޭގައި ހުރި އެންމެ ބިކާރީ މީހާ މީ. ފައިސާއާއި މުއްސަނދިކަމާ ލިބިފައި އޮވެ މީނާގެ އެކައްޗެއް ވެސް ނެތް. އަދި ޖެހެނީ ސަލާން ޖަހައިގެން އުޅޭން." އަރްހަމް ވެސް ދިމާކޮށްލީ އެވެ.

"ތިކަމާ އަހަރެން އެއްބަސްނުވާކަށް ނޫޅެން." ހީނގަންނަމުން ޒާހިލް ބުންޏެވެ.

ޒާހިލާއި އަރްހަމްއަކީ އިޒީކިއަލްގެ އެންމެ ގާތްކޮށް އުޅޭ ރައްޓެހިންނެވެ. އެމީހުންނަކީ ވެސް އިޒީކިއަލް ފަދައިން ތަނަވަސް ޢާއިލާތަކުން އައިސްފައިވާ ޒުވާނުންނެވެ. ކިޔަވަން އުޅުނު ދުވަސްވަރުގައި ދިމާވެ ރަޙުމަތްތެރިކަން އުފެދުނީ އެވެ. އޭގެ އިތުރުން ޒާހިލުގެ ޢާއިލާއާއި އިޒީކިއަލްގެ ޢާއިލާއާ ދެމެދު ގާތް ގުޅުމެއް ވަނީ އުފެދިފަ އެވެ. އެ ދެމީހުންގެ ކާފައަކީ ވަރަށް ގާތް ދެ ރަޙުމަތްތެރީންނަށް ވީމަ އެވެ. އަރްހަމަށްވުރެ ބޮޑަށް އިޒީކިއަލްއާއި ޒާހިލްގެ ދެމެދުގައި އޮތް ގުޅުން ގާތްވާން މެދުވެރިވީ އެ ސަބަބާ ހެދި އެވެ.

"ޒާހިލް. މަށަށް ކަމެއްކޮށްދޭން ވެއްޖެ. ފިފްޓީ މިލިއަން ދޭނަން އެކަންވެއްޖެނަމަ." އިޒީކިއަލް އަތުގައި އޮތް ތަށި މޭޒުމަތީ ބަހައްޓާލަމުން ބުނެލީ ސީރިއަސް ރާގެއްގަ އެވެ.

"ވަޓް!... ފިފްޓީ މިލިއަނޭ... ވޯއޮ..." ގާތްކޮށްލައިގެން އިން އަންހެންކުއްޖާ ދޫކޮށްލާފައި ފުންމައިގެން ޒާހިލަށް ތެދުވެވުނެވެ. އަދި ނިކަން އަވަހަށް އައިސް އަރްހަމް ދުރަށް ކޮށްޕާލައި ސޯފާއިން ތަން ހަދާލުމާއެކު އިޒީކިއަލްއާ ކައިރިވާނޭހެން އިށީނދެއްޖެ އެވެ.

"އަވަހަށް ބުނޭ. ކީއްކޮށްދޭންވީ... މަށަށް ކުރެވޭވަރު ކަމެއްވިއްޔާ ބަލާ އެކަންވާނެއޭ." ޒާހިލް ބުނެލި އެވެ.

"ކަލޭގެ ޓައިޓަލްގެ ބޭނުން ހިފަންވީ... އެ ބާރުގައި އެލް.ސީ.އެލްގެ ޑިރެކްޓަރާއެކު ދެކުނުން ތަރައްޤީ ކުރާން ނަގާފައި އޮތް ބިމުގެ ޕްރޮޖެކްޓްގައި ބައިވެރިވާންވީ. އެމީހުންނާއެކީ މަސައްކަތް ކުރަންވީ." އިޒީކިއަލް ބުންޏެވެ. އެއާއެކު ޒާހިލްގެ މޫނުމަތިން ފާޅުވީ ހައިރާން ކަމެވެ.

"އެލް.ސީ.އެލް... އިޒީކިއަލް. ކީއްކުރަން އެ ކުންފުންޏާއެކު ކޯޕަރޭޓްކުރަން ތި ވިސްނަނީ. އެހެންނޫނަސް އެކަހަލަ ޕްރޮޖެކްޓެއްގައި ބައިވެރިވާ ވަރަށްވުރެ ކަލެއަކީ މަތީފަންތީގެ ވިޔަފާވެރިއެއް. ޔޫ ހޭވް ޕަވަރ އެންޑް ސްޓްރެންތް. އަނެއްކާ އެއީ ކަލޭގެ ފީލްޑެއް ވެސް ނޫން." ޒާހިލްއަށް ބުނެވުނެވެ. ހަމައެއާއެކު ވާހަކައިގެ ތެރެއިން އޭނާއަށް ކުއްލި ހުއްޓުމެއް އައެވެ. ދެން ނިކަން އަވަހަށް އިޒީކިއަލް ނަޒަރު ހުއްޓާލައިގެން މަޑުކޮށްލި އެވެ. އިރުކޮޅެއްގެ ތެރޭ ދެން ފެނުނީ އޭނާ ކުއްލިއަކަށް ކޮޅަށް ތެދުވީ ތަނެވެ. ހޭންފެށި ގޮތަށް ބަނޑުގައި އަތް އަޅައިގެން އޮވެ ޒާހިލް ބާރަށް ހެމުން ދިޔަ އެވެ.

"މަށަށް ހީވަނީ މިރެޔަށް އޭނާއަށް ވާވަރުވީހެން. އެންމެ ރަނގަޅުވާނީ މިރޭ އޭނާ ކައިރީ އެއްވެސް ވާހަކައެއް ނުދެއްކިޔާ." އެކުވެރިޔާއަށް ބަލާލަމުން އަރްހަމް ބުނެލި އެވެ.

"މަށަށް އެނގިއްޖެ... އެ ކުޑަކުޑަ ފަތްމިންޏަށް ޓަކައިތަ؟." ހެވިފައި ހުރެ އިޒީކިއަލްއާ ދިމާއަށް ގުދުވެލަމުން ޒާހިލް ބުންޏެވެ.

"ކުޑަކުޑަ ފަތްމިންޏޭ." އިވުނު އަޑާއެކު އަރްހަމް ބުނެލީ ސުވާލެއް ކޮށްލި ފަދައިންނެވެ.

(ނުނިމޭ)