ދިވެހި އިންޑިއާގެ ގުޅުން

ގަމުގައި ތިބި އިންޑިއާ ސިފައިން ފައިބައިފި

އައްޑޫ ސިޓީގެ ގަމުގައި ތިބި އިންޑިއާ ސިފައިން ފައިބައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު މިރޭ އަވަސްއަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ ސިފައިން އައްޑޫ ގަމުގައި ތިބި ހުރިހާ ސިފައިން ފައިބައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ސިފައިން ކަމެއް އަދި އެމީހުން ފައިބައިގެން ދިޔަ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

"އިންޑިއާ ސިފައިންގެ ބަދަލުގައި ދެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކާ އެއްގޮތަށް އިންޑިއާގެ ސިވިލިއަނުންގެ ޓީމެއް މިހާރު ވަނީ އައްްޑޫއަށް ގޮސްފައި އެތަނުގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އަދި ރާއްޖެ އެއްބަސްވެފައިވަނީ މިއަހަރުގެ މެއި 10ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ބޭލުމަށެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން ރާއްޖެ ގެނައުމަށް ނިންމާފައިވަނީ މަދަނީ މީހުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ތިބި ކަމަށް ބުނަނީ އިންޑިއާ ސިފައިންގެ 89 މީހުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދުތައް މުއިއްޒުގެ ވެރިކަމުގައި ބޭނުމެއް ނުކުރެ އެވެ.