ދުނިޔެ

ބަދަލު ހަމަލާތައް ދިނުމުގެ ކުރިން އޮންނާނީ އެމެރިކާއަށް އަންގާފަ: އީރާން

އީރާނުން އިޒުރޭލަށް ހަމަލާދޭން ފެށުމުގެ ކުރިން އެމެރިކާއަށް ކޮންމެހެން އެނގެން ޖެހޭ ކަމެއް އޮތް ނަމަ އޮންނާނީ އަންގާފައި ކަމަށް އީރާނުން ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވެއްޖެ އެވެ.

އަބްދުއްލާހިޔާން ވިދާޅުވީ ބެލްޖިއަމް އާއި ނެދަލޭންޑްސް އަދި ސައިޕްރަސްގެ ޚާރިޖީ ވަޒީރާ ގުޅުއްވައި ހަމަލާތަކާ ބެހޭ މައުލޫމާތު ދެއްވި ކަމަށެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީއަށް އިޒުރޭލުން ދިން ހަމަލާ އަކީ ވިއެނާ ކޮންވެންޝަންއާ މުޅިން ޚިލާފު ހަމަލާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

އިޒުރޭލު ޣައިރު ގާނޫނީ ހަމަލާތައް ކުށްވެރި ކުރުމުގައި އދ ފޭލިވެފައި އޮތުމުން ބަދަލުހިފަން މަޖުބޫރުވީ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އީރާންގެ ހަމަލާތަކަކީ ސިއްރުން ދިން ހަމަލާތަކެއް ނޫނެވެ. އީރާނުން ބަދަލުހިފާނެ ކަމަށް ކުރިއާލައި އޮންނާނީ އިއުލާންކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލަށް ދޭ ހަމަލާއެއްގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އިޒުރޭލަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއާ އިނގިރޭސިވިލާތުން އީރާނަށް ހަމަލާދީފި ނަމަ، އުޅެން ދަތިކުރާނެ ކަމަށް ވެސް ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވި އެވެ.