ދުނިޔެ

އީރާނަށް މި ވަގުތު ރައްދު ނުދޭން އިޒުރޭލުން ނިންމައިފި

އީރާނުން އަސްކަރީ ޑްރޯނުންނާއި ބެލިސްޓިކް މިސައިލުން އިޒުރޭލަށް ދިން ހަމަލާތަކަށް ރައްދު ނުދޭން ޒަޔަނިސްޓް ސަރުކާރުން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަސްކަރީ ކެބިނެޓުން މިގޮތަށް ނިންމީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެމެދު ފޯނުން ކުރެވުނު މަޝްވަރާތަކަކަށްފަހު އެވެ.

އިޒުރޭލުގެ އަސްކަރީ ކެބިނެޓްގެ ބައެއް މެމްބަރުން އެ މީހުންގެ ޝުއޫރުތައް ހުރި ގޮތް ފާޅުކުރައްވައި އީރާންގެ ކިބައިން ހަމަ ވަގުތުން ވަގުތަށް ބަދަލުހިފަން ހުށަހެޅުއްވި އެވެ. ނަމަވެސް އެއީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބައިޑަން ވިސްނައިދެއްވި ކަމަށް ބަަހރުތައް ބުނެ އެވެ.

އިޒުރޭލުން އިތުރު ހަމަލާތަކެއް އީރާނަށް ދީފިނަމަ ރައްދު ހަމަލާތައް 10 ގުނަ ބާރުގަދަވާނެ ކަމަށް އީރާން އޮތީ ބުނެފަ އެވެ.

އެ ގައުމުން ބުނީ އިޒުރޭލުގެ ހަމަލާތަކުގައި އެމެރިކާ ބައިވެރިވެއްޖެނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ.

އެމެރިކާއަށް ސަލާމަތްކަން އޮތީ އީރާނާ ނުބެހި ހިމޭނުން ދުރުގައި އޮތުމުން ކަމަށް ވެސް އީރާނުން ބުންޏެވެ.

އިޒުރޭލަށް ބުއްދިލައިދިނުމުގައި އެމެރިކާ ހަރަކާތެރިވިއެއް ކަމަކު އަމަލީ ގޮތުން ހަމަލާ ބަދަލުކުރުމުގައި ބައިވެރިވެއްޖެނަމަ އެމެރިކާއަށް އުޅެން ދަތިކުރާނެ ކަމަށްވެސް އީރާނުން އޮތީ ބުނެ އިންޒާރު ދީފަ އެވެ.

އީރާންގެ ހަމަލާތަކަށް އަދި މިވަގުތަށް ރައްދު ނުދިން ނަމަވެސް ޔަހޫދީ ނުބައި ރޭވުންތައް ރާވާނެ އެވެ. އީރާންގެ މި ހަމަލާއަކީ ވެސް ޒަމާންތަކެއް ވަންދެން އީރާން ރުޅިއެރުވުމުގެ ނަތީޖާ އެވެ.

އިޒުރޭލާ އެމެރިކާ ގުޅިގެން މެދު އިރުމަތީގައި -- ސީރިއާ އަދި އީރާގުގައި، އީރާނަށް ޖެއްސުންކޮށް އެ ގައުމުގެ އަސްކަރީ ޖެނެރަލުން މަރަމުންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ.

އެމެރިކާއާ އިޒުރޭލުގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނުމުގެ އިތުރުން އިތުރު ކަމެއް އީރާނުން މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

އީރާނުން ހޮނިހިރު ދުވަހުގެރޭ އިޒުރޭލަށް ދިން ހަމަލާތަކުގެ ސަބަބުން އެމެރިކާއަށް އަދި އިޒުރޭލަށް ވެސް ވަނީ ސިހުން ލިބިފަ އެވެ.

ޒަމާން ފެށުނީއްސުރެ އިގުތިސާދީ ދަތިތަކެއް ކުރިމަތިކޮށްފައި އޮތް ގައުމަކުން އެންމެ ޒަމާނީ އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް ހަދި ހައިޕާސޮނިކް މިސައިލް ބޭނުންކުރާތަން ފެނުމުން ޒަޔަނިސްޓުން މިހާރު ތިބީ ތަލިހިކި އަދި ކަރުވެސް ހިކިފަ އެވެ.