ރައީސް މުހައްމަދު ނަޝީދު

ބިންވެރިޔާ ޕްރޮގްރާމަކީ ސިހުރެއް: ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިމިގެންދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް މަލާމާތްކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސައްކަތްތަކާ ދުވަސްތަކަކަށް ދުރުގައި އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގާނާ ގައި ހުންނެވުމަށްފަހު ނަޝީދު މާލެ ވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ނިންމަން ދަ ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދު އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެށި "ބިންވެރިޔާ" ސްކީމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމަކީ "ސިހުރެއް" ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލި މެނިފެސްޓޯގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވަނީ "ވެށިފަހި" ޕްރޮގްރާމު ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން އެ ޕްރޮގްރާމު ކުރިއަށް ނުގެންދިޔަ ކަމަށާއި ވެރިކަމުގެ ތިން އަހަރު ބޯހިޔާވަހިކަމާ ގުޅޭ އެއްވެސް ކަމެއް ނުކުރެވި ދިޔައީ ވެށިފަހި ޕްރޮގްރާމު ކުރިއަށް ނުގެންދިއުމުން އެކަމާ ގުޅޭ ސިޔާސަތެއް ނެތިގެން ކަމަށްވެސް ވިދާޅުވި އެވެ.

"[ރިޔާސީ] އިންތިހާބަށް ކުޑަ ދުވަސްކޮޅެއް ވީމާ މިއީ ބޯހިޔާވަހިކަމޭ، އެއީ ސިހުރެއް. އޭރުގައިވެސް އަޅުގަނޑުމެން ދެންނެވިން. އެއީކީ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނޫނޭ. އެންމެ ފަހުން ބަލާލިއިރުގައި ގޯތި ދީފައި އޮތީ ނަރުދަމާ މަތިން. ގާދޫކޮލުން ގޯތި ކަނޑާފައި އޮތީ. ކާށިދޫ ކަނޑުންނާ. ވެށިފަހި މާލެ ޕްރޮގްރާމު ރަނގަޅު ގޮތުގައި ހިންގާ އެ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން މާރަނގަޅަށް މާރަނގަޅަށް ހަމަޖެއްސޭނެ. އެއީ ދިވެހިން އެދުނު ގޮތަކީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި ޕްރޮގްރާމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓް ފިޔަވާ އަދި މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލުކުރަން ލިބުނު މަދު އެއްޗެއް ނޫނީ ނެތް ކަމަށެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިހާބު ވެގެން އައީ ގައުމުގެ ދަރަނި އަލުން އެކުލަވާލާ ދަރަނީގެ މައްސަލަ ހައްލުކުރާނެ ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް މަޖިލީހަށް ހޮވުނު އެމްޑީޕީގެ ގިނަ މެންބަރުން އަމަލުކުރީ ދިމާ އިދިކޮޅަށް ކަމަށާއި ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ 20 ޕަސަންޓް މިއަދު ދަރަނި ދެއްކުމަށް ހޭދަކުރަންޖެހިފައިވަނީ އެމްޑީޕީގެ މެންބަރުން ދަރަނީގެ މައްސަލަ ހައްލުކުރަން ބޭނުން ނުވުމުން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންވީމާ ހެޔޮ ހާލުގައި އުޅުމުގެ ފުރުސަތެއް މިއަދު ހަގީގަތުގައި ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޖަޒީރާ މެނިފެސްޓޯ އެކުލަވާލައިގެން ކަމަށެވެ. އެކަމަކު ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުން ޖަޒީރާ މެނިފެސްޓޯ ތަންފީޒު ކުރަން އެއްބާރުލުން ނުދެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

"ޖަޒީރާ ދިވެހިރާއްޖެ މެނިފެސްޓޯގައި ލިޔެފައި އޮތީ އުފެއްދުންތެރިކަން އިތުރުކުރާ ވާހަކަ. އެހެންނަމަވެސް 19 ވަނަ މަޖިލިސް ބާރެއް ނޭޅި އެ މެނިފެސްޓޯ ހިންގާކަށް. ގޭދޮށު މަސް ޕްލާންޓެއް ނުހެދި. މަސް ޕްރޮސެސިން ނުވަތަ މަސް ފައްކާކުރުން އިތުރުކުރުމެއް އިތުރުވެގެނެއް ނުދިޔަ. އަޅުގަނޑުމެން ތިބީ ތިބި ތަނުގައި. އޭގެ މައްޗަށް ހެދުނީ ދަރަނި. އެހެންވީމާ މަސްވެރިންނަށް ލާރިކޮޅުވެސް ނުދެވުނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް 19 އިން ރާއްޖެ އަރައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޖިލީހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށްވެސް ރައީސް ނަޝީދު ވާހަކަދެއްކެވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 އާއި އެކު މުޅި ސަރުކާރު ބަންދުކޮށް ރަށްރަށަށް ބޯޓުތަކުގައި މުދާ ފޮނުވުން ހުއްޓާލުމުން ރައްޔިތުން ބަނޑަށް ޖެހޭ މަންޒަރު ފެނިވަޑައިގަތީ 19 ވަނަ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ.

"އެ މެންބަރުން ނިކުންނަވާ މަޖިލިސް ނުހުއްޓާ މަސައްކަތް ކޮށް ދިވެހިރާއްޖެ ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެގެން ދިޔަ. އަލްހަމްދިﷲ. މުޅި ދުނިޔެ ހެކިވޭ އަޅުގަނޑުމެންނަށް [މަޖިލީހަށް] މިކަން އަނބުރާލެވުނު މިންވަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވެރިކަމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ކޮވިޑް 19ގެ ދުވަސްވަރު ހިންގި ހިޔާނާތުގެ މައްސަލަތައް ނުބެލި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.