ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް ސުޕަ މެޖޯރިޓީ ސަރުކާރަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާތައް ލިބެން ފަށައިފި އެވެ.

މިހާތަނަށް 100 އަށްވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ ލިބިފައިވާއިރު ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީ އިންނެވެ. އެގޮތުން އެ ޕާޓީން ވަނީ މިހާތަނަށް 48 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން 11 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ޖުމްލަ 602 ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. އަދި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަވީރު 5:00 އާ ހަމައަށް ވޯޓުލީ 207،693 މީހުންނެވެ.