އުރީދޫ

އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް ސީޒަން 1 ގެ ޗެމްޕިއަނަކަށް ޒަމީލް

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ނިންމާލައިފި އެވެ.

މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ 18 އިން 20 އަށެވެ.

ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި މި މުބާރާތަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ އެވެ.

ފޯރިގަދަ މެޗުތަކަކާއެކު ކުޅުންތެރިން މަސައްކަތް ކުރަމުން ދިޔައީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިންވެސް ނަމޫނާ ރީތި ކުޅުން ފެނިގެން ދިޔަ ކަމަށް އުރީދޫން ބުނެ އެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު ޒަމީލް ޒިހުނީ އެވެ. އޭނާއަށް 8،000 ރުފިޔާގެ އިނާމު ލިބުނެވެ.

މީގެ އިތުރުން ރަނަރަޕް ރާއިދު ހަސަން އަށް 4،500 ރުފިޔާ އަދި ދެވަނަ ރަނަރަޕްއަށް މުހައްމަދު ރިޝްފާން އަހުމަދު 2،500 ރުފިޔާ ލިބުނެވެ.

އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް މިގެންދާ މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މުބާރާތްތަކެކެވެ.

އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.