އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަންގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯ ރޫމް ރޭ ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.

މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ އެސްޓީއޯ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑުކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ.

މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރީޓާއި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ ކޯނޭ ލިފްޓް އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދޭ ކުންފުންޏެވެ.

އެސްޓީއޯގެ ތާރީހުގައި އެ ކުންފުންޏަށާއި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތަށްވެސް ގިނަގުނަ ފާހަގަކޮށްލެވޭ ތާރީހީ ކުރިއެރުންތަކެއް އެސްޓީއޯ ކޮންސްޓްރަކްޝަނުން ވަނީ ގެނެސްދީފަ އެވެ.