ފިނޭންސް މިނިސްޓްރީ

ލޯނުތައް ދައްކަން 920 މިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނުތައް ދެއްކުމަށް ދައުލަތުގެ ބަޖެޓުން މި އަހަރު 920 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް 921.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކުރީ 822.6 މިލިއަން ރުފިޔާ އެވެ.

ލޯނުތައް ދެއްކުމަށް ކުރި ހޭދަ ހިމެނޭ ގޮތަށް މިއަހަރުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 12.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 15.1 ބިލިއަން ރުފިޔާގަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މިއަހަރު 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިނގުމުގެ ހަރަދަށް 5.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ބަދަލުގެ ގޮތުގައި 107.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 1.5 ބިލިއަން ރުފިޔާ މި އަހަރު ހޭދަކޮށްފައިވެ އެވެ.

ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.5 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 8.7 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާ ހިމެނެ އެވެ.