ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯން ދޭން ނިންމައިފި

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން މިރޭ ހާމަކުރެއްވީ ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މިހާރު ކުރިއަށްދާ "އަހާ" ޕްރޮގްރާމްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުންވެސް ކިޔެވުމަށް ފުރުސަތު ލިބޭ ގޮތަށް ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިއަށް އޮތް މެއި ދެވަނަ ދުވަހު ހަމަވާނެ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުން މިހާރު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަނީ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯން ދިނުމަށް ނިންމަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ކިޔެވުމަށް ދާން ބޭނުންވާ ބައެއް ކުދިންނަށް ވިސާ ހޯދުމަށް ދަތިވާ މައްސަލައިގައިވެސް މިނިސްޓަރު މިރޭ ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އެމްބަސީތަކާއި އަދި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ގުޅިގެން ދަރިވަރުންގެ ވިސާގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ވަަރަށް ބޮޑަށް ފަސޭހަކޮށްދެއްވާނެ ކަމަށެވެ.