ރައީސް އޮފީސް

ސިވިލް ސާވިސްގެ ކުރީގެ މުވައްޒަފުންނަށް އަލުން ވަޒީފާ ދެނީ

ސިވިލް ސާވިސްގައި މަސައްކަތް ކުރުމަށްފަހު އެކި ސަބަބުތަކާ ގުޅިގެން ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން އެ ވަޒީފާ އަށް ވަނުމަށް ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ނިންމެވުމެއްވެސް ނިންމަވާފަ އެވެ. އަދި ސިއްހީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސާވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށްވެސް ފުރުސަތު ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަަމަށެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ވަނީ ނިންމަވާފަ އެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފަ އެވެ.

ހަމަ އެއާއެކު އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ މީހުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިއްމު ކަމެއްކަމަށްވުމާއެކު، އެފަދަ މީހުންނަށް ހާއްސަ "ޕޭ ސްޓްރަކްޗާ" އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން ހަޔަ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަ ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައި އާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވުން ހިމެނޭ ކަމަށެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތި ކަމުގެ ސަބަބުންވެސް މި ފުރުސަތު ދޭން ނިންމެވީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުކުރެއްވުމުގައި ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދީފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.