ޑރ. އަބްދުﷲ ޚަލީލް

މިއަހަރު ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހަލީލް ވިދާޅުވީ ރާއްޖޭގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗްގެ ހިދުމަތް ހޯދުމަށް އޮންނަ ބާރު ކުޑަކުރުމަށްޓަކައި އަތޮޅު ތެރޭގައިވެސް ސިއްހީ އެކި ހިދުމަތްތައް ފެށުމަކީ ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަމެއް ކަމަށެވެ.

އެގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ސީޓީ ސްކޭންގެ ހިދުމަތާއި އެމްއާރްއައި ހެއްދުމުގެ ހިދުމަތާއި އަދި ޑައިލިސިސްގެ ހިދުމަތަކީ ކޮންމެ އަތޮޅެއްގައިވެސް ފެށިދާނެ ހިދުމަތެއް ކަމަށެވެ. ވަކިން ހާއްސަކޮށް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމުގައި ވިދާޅުވި އެވެ.

"އެތަންތަނުގައި [އަތޮޅު ހޮސްޕިޓަލްތަކުގައި] ހިދުމަތް އަޕް ކުރުމުގެ މަސައްކަތާއި ރަނގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އެބަގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހަސިއްޔަތުން އައިޖީއެމްއެޗްގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ތަނުގައި ހުރި މައްސަލަތައް ދެނެގަނެ ވަކި ޕްލޭނެއްގެ ދަށުން އެކަންކަން ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ މެނޭޖުމަންޓުންވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބާރުބޮޑުވެފައި އޮތް މައްސަލަ ހައްލުކުރެވޭނީ އަތޮޅުތަކުގައި އިތުރު ހިދުމަތްތައް ގާއިމުކޮށް، ޑޮކްޓަރުންނާއި ވަސީލަތްތައް އިތުރުކޮށްގެން ކަމަށެވެ.

އަތޮޅު ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހާއްސަ އިސްކަމެއް ދީގެން ކޮށްފައިވާ މަސައްކަތެކެވެ. ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ސަރުކާރު ހޮސްޕިޓަލްތަކުގެ ތެރެއިން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ބ. އޭދަފުށި އަތޮޅު ހޮސްޕިޓަލާއި، ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ޏ. ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިދުމަތް ފެށި އެވެ.