މޯލްޑިވްސް ޕޮލިސް ސާވިސް

ލޯބިވެރިޔާ ކައިރިއަށް ދިއުމަށް ލޯންޗެއް ވަގަށް ނެގި މައްސަލަ ބަލަނީ

May 1, 2024

ކުޑަކުއްޖަކު، އޭނާގެ ލޯބިވެރިޔާ ކައިރިއަށް ދިއުމަށް ލޯންޗެއް ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ މި ކުއްޖާ އޭނާގެ ރަށުން ފުރައިގެން ހުޅުމާލެއަށް ދަތުރުކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެ އެވެ. އަދި އެ ކުއްޖާ ހުޅުމާލެއަށް ލޯންޗް ކައިރި ކުރުމަށްފަހު އެ އުޅަނދު ހުޅުމާލެ އަށް ފޭބި މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

ވަގަށް ނަގާފައިވަނީ މ. އަތޮޅު ރިސޯޓެއްގައި ދުއްވާ ލޯންޗެއް ކަމަށް އެނގިފައިވެ އެވެ.

މިކުއްޖާ މާލެ އައި ފަހުން ކުއްޖާ ފެނޭތޯ ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުން ދިޔަ ނަަމަވެސް ކުއްޖާ އަދި ފެނިފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މި ކުއްޖާގެ ވާހަކަ ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ މެސެޖުގައި ބުނީ މ. އަތޮޅުގެ ރަށަކުން ލޯންޗެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ލޯންޗް ހުޅުމާލެ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރި ފަޅުގައި އޮއްވާ ފެނިފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.