ށ. ފުނަދޫ

ސިހުރު ހެދުމުގެ ތުހުމަތުގައި ފުނަދޫ މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދުމުގެ ތުހުމަތުގައި ށ. ފުނަދޫ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުނަދޫ އިން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާ ސިހުރު ހަދަން މަސައްކަތް ކުރީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށް ކަމަށެވެ.

މި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ފުނަދޫ ކޯޓަށް ހާޒިރުކުރުމުން އެ ރަށު ބައެއް މީހުން ވަނީ އެތަނުގައި އިހްތިޖާޖުވެސް ކޮށްފަ އެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

ސިހުރު ހެދުމަކީ ރާއްޖޭގައި އާންމު ކަމަކަށްވީ ނަމަވެސް މިފަދަ ކަންކަން ކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދިނުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.