ތިލަފުށި

ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ހަމައެކަނި ދިވެހިންނަށް ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ. ބީލަމުގެ އުސޫލުން ބިން ގަންނަން ބޭނުންވާނަމަ އެޗްޑީސީގެ ބިޑް ޕޯޓަލް އާއި އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކި ހުރި ބިންތަކުގެ ތެރެއިންނެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ސައިޒެއްގެ ބިމެވެ. އެއީ 2،500 އަކަފޫޓާއި، 4،999 އަކަފޫޓުގެ 64 ބިމާއި، 5،000 އަކަފޫޓާއި، 9،999 އަކަފޫޓުގެ 42 ބިމެވެ. މީގެ އިތުރުން 10،000 އަކަފޫޓާއި، 14،999 އަކަފޫޓުގެ ބޮޑު ދެ ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާ އަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

އެޗްޑީސީ އިން މިހާރު ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. މިގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ. އެހެންކަމުން ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެވުމަށްފަހު އެޗްޑީސީ އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ ތިލަފުށީގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިއަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރަމުންދާ ރަށެއް ކަމަށެވެ. އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެންހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.