މޯލްޑިވްސް ޕޮލިސް ސާވިސް

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނު މީހާ ހައްޔަރުކޮށްފި

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެނަކަށް ވެގެން އުޅެމުންދާ ދިވެހި ފިރިހެނެއް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ޓިކްޓޮކް ބޭނުންކުރަމުންދާ ގިނަ ދިވެހިން މި މީހާ ދަންނަނީ މުހައްމަދު ނަބީލް ނުވަތަ ޔާޔާގެ ނަމުގައެވެ.

ނަބީލް އަކީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅޭތީ މީގެކުރިންވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

އެފަހަރު އޭނާ ހައްޔަރުކޮށް ދައުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާ އުފުލާފަ އެވެ. އޭރު ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ކޯޓުން ވަނީ އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

އޭނާ މިއަދު އަލުން ހައްޔަރުކޮށްފައި މިވަނީ މިނިވަންވުމަށްފަހު އަނެއްކާވެސް އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދަމުންދާތީ ގިނަ ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ނަބީލް ހައްޔަރުކުރި މައްސަލައިގައި ފުލުހުން ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލްމީޑިއާގައި ވީޑިއޯ ޝާއިއުކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.