މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށައިފި

ކުރިއަށް އޮތް ދިރާސީ އަހަރަށް ސްކޫލުތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ގޮތުން ބައެއް ރަށްރަށަށް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށެވެ.

އެ ރަށްރަށުގެ ސްކޫލުތަކުން ދަރިވަރުންނަށް ފޮތްތައް ހަވާލުކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޓެކްސްޓް ފޮތްތައް މިހާތަނަށް ނުލިބޭ ބައެއް ސްކޫލުތަކުން ބުނީ ފޮތްތައް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އަހަރީ ޗުއްޓީއަށް ސްކޫލުތައް ބަންދުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޗުއްޓީއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.